ބޮލުގައި ކުލަކުލަ ޖައްސައި އަންހެނުންނަށް އުރަމަތީގެ ކެންސަރު ޖެހޭ ނިސްބަތް، ބޮލުގައި ކުލަ ނުޖައްސާ އަންހެނުންނާ އަޅާބަލާއިރު 25 ޕަސެންޓް އިތުރު ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.
މި ދިރާސާ ކުރި ސައިންސްވެރިން ބުނަނީ ދޭތެރެ ދުރުކުރުމަށް ހޯމޯނަލް ކޮއިލް ބާތު ކޮންޓްރޯލް މެތަޑް ބޭނުންކުރާ މީހުންނަށް ވެސް ހަމަ މިހާ ބޮޑަށް މި ނުރައްކާ އެބައޮތް ކަމަށެވެ. ހޯމޯނަލް ކޮއިލް ބާތު ކޮންޓްރޯލް އަކީ ކުޑަކުޑަ އައިޔޫޑީ އެކެވެ. ނުވަތަ ޓީ ޝޭޕަށް އިންނަ ކުޑަ ޕްލާސްޓިކް ޑިވައިސް އެކެވެ. މީގައި ލޮއެ ބޭނުންކޮށްފައި ހުރެ އެވެ. އަދި ހޯމޯންސް އެކުލެވިގެން ވެ އެވެ.
ކުރިން ބޭނުންކޮށް އުޅުނު ކޮއިލްގެ ބަދަލުގައި މިހާރު މި ވައްތަރު މާ މަގުބޫލު އެއްޗަކަށް ވަނީ ވެފަ އެވެ. ސަބަބަކީ މައްސަރު ކަންތަކުގެ ވޭން މީގެ ސަބަބުން ކުޑަވާތީ އެވެ.
ޔުނިވަސިޓީ އޮފް ހެލްސިންކީ އަދި ފިނިޝް ކެންސަ ރަޖިސްޓްރީގެ ސައިންސްވެރިޔާ ސަނާ ހީކިނެން ވިދާޅުވީ އިސްތަށީގަނޑުގައި ކުލަ ނުޖައްސާ މީހުންނަށް ވުރެ ކުލަ ޖައްސާ މީހުންނަށް އުރަމަތީގެ ކެންސަރު ޖެހުމުގެ ނުރައްކާ 23 ޕަސެންޓް އިތުރު ކަމަށެވެ. ނަމަވެސް އޭނާ ވިދާޅުވީ އުރަމަތީގެ ކެންސަރު ޖެހުމުގައި ހޯމޯނަލް ކޮންޓްރަސެޕްޓިވްސް، ޚާއްސަކޮށް ހޯމޯނަލް އިންޓްރަޔޫޓެރިން ޑިވައިސް (އައިޔޫޑީ) އާއި ހެއާ ޑައި ކުޅޭ ރޯލު ޔަގީންކުރެވޭނީ އިތުރަށް ދިރާސާތަކެއް ކޮށްގެން ކަމަށެވެ.
ޑރ. ހީކެނިން ވިދާޅުވީ އުރަމަތީ ކެންސަރު ޖެހުމުގެ ނުރައްކާ އެންމެ ބޮޑީ އުމުރުން ދުވަސް ވުމާއި މާ ދޮށީ އުމުރަށް ދިއުމުން ވިހެއުމާއި މާ މަދުން ދަރިން ވިހެއުމާއި ބަނގުރާ ބުއިމާއި ހަރަކާތްތެރިކަން ކުޑަވުން ފަދަ ކަންތައްތަކުން ކަމަށެވެ.
މި ކަންތައްތަކުގެ ތެރެއިން ގިނަ ކަންތައްތަކަކީ ހުޅަނގުގެ ގައުމުތަކުގައި މިހާރު ގިނަ ބަޔަކަށް އާދެވެފައި ހުރި ކަންތައްތަކެވެ.
އުރަމަތީ ކެންސަރު ދެނެގަންނަން ހަދާ ޓެސްޓް މެމޮގްރަފީ އަކީ ވެސް ނުރައްކާތެރި އެއްޗެއް ކަމަށާއި ކޮންމެހެން ހަދަން ޖެހިގެން ނޫނީ މެމޮގްރަފީ ނުހެދުމަށް ވެސް މި ދިރާސާގެ ރިޕޯޓުގައި ޑރ. ހެކިނެން އިންޒާރު ދެއްވާފައިވެ އެވެ.
މި ދިރާސާގައި ބައިވެރިކުރި މީހުންގެ 60 ޕަސެންޓް މީހުންނަކީ އުމުރުން 50 އަހަރު ނުވަނީސް މެމޮގްރަފީ ހަދާފައި ތިބި މީހުންނެވެ.