ހއ. ވަށަފަރުގައި މީގެ ދިހަ ވަރަކަށް އަހަރުކުރިން ހަދަން ފެށި ސިޓީ ހޮޓާ ތަރައްގީކުރަމުން އަންނަ ބިމަކީ ޓޫރިޒަމް މިނިސްޓްރީގެ ބާރު ހިނގާ ތަނެއް ކަމަށް އޮތީ ހުކުމްކޮށްފައި ކަމަށާއި އެ ތަނުގައި މަސައްކަތް ލަސްވެފައިވަނީ ކައުންސިލާއި މިނިސްޓްރީން ލިބެންޖެހޭ ހުއްދަތައް ނުލިބުން ފަދަ އެތައް ކަމަކާ ހެދި ކަމަށް ސިޓީ ހޮޓަލުގެ މަސައްކަތާ ހަވާލުވެފައިވާ ފަރާތުގެ ވަކީލުން ބުނެފި އެވެ.

ރީތި ގޮނޑުދޮށެއް އޮންނަ ވަށަފަރުގެ ތުނޑި ހިމެނޭ ސަރަހައްދުގައި ސިޓީ ހޮޓަލެއް ފަސް އަހަރުގެ ތެރޭގައި ހަދަން ހަވާލުކުރީ އޯގަސްޓް 23، 2014 ގަ އެވެ. އެކަމަކު އެތަނުގެ މަސައްކަތް ނުނިމި ދިގުލައިގެން ގޮސްފައިވާތީ އާއި އެކަމާ ގުޅޭ އެތައް ކަމެއް ފާހަގަކޮށް ވަށަފަރު ކައުންސިލުން ވަނީ މިދިޔަ ހަފްތާގައި ބަޔާނެއް ނެރެފަ އެވެ. މި މައްސަލައިގައި، މިދިޔަ ބުރާސްފަތި ދުވަހު އެރަށުގައި ބަޔަކު މުޒާހަރާ ވެސް ކުރި އެވެ.

ސިޓީ ހޮޓާ ތަރައްގީކުރަން ހަވާލުކޮށްފައިވާ ތަލްއަތު ރަޝީދުގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނޭ ވަކީލަކު "މިހާރު" އަށް ވިދާޅުވި ގޮތުގައި ސިޓީ ހޮޓަލުގެ މައްސަލާގައި ކައުންސިލުން ނެރެފައިވާ ބަޔާނުގައި ހިމެނޭ ބައެއް ކަންކަމަކީ ތެދު މައުލޫމާތެއް ނޫން ކަމަށެވެ. ވަކީލް ވިދާޅުވީ އެތަން ތަރައްގީކުރުމަށް ކައުންސިލުން ހުރަސްއަޅާފައިވާ ކަމަށެވެ.

"މި މައްސަލަ ދިމާވި ގޮތަކީ ވެސް މިނިސްޓްރީން އެތަނުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ފުރަތަމަ ވޯކް ޕްލޭނަށް ގެނައި ޗޭންޖަސްތަކަކަށް އެޕްރޫވްކުރަން ވެގެން [މިނިސްޓްރީން] އެ ބޭފުޅުން ނެގި ތިން އަހަރަށް ވުރެ ގިނަ މުއްދަތެއް. ދެން އިންޓާނަލް މައްސަލަތަކަކާ ހެދި ދިމާވި ކަމެއް އެއީ. މިނިސްޓްރީން އެކަން ބަލާފައި ފަހުން ކައުންސިލަށް މި އަންގަނީ މިނިސްޓްރީގެ އިހުމާލުން ތިން އަހަރު ގެއްލިއްޖެޔޭ. އެހެންވީމާ ތޮލްހަތު ރަޝީދަށް އެޕްރޫވަލް ދިނުމުގައި އިތުރު ފީއެއް ނުނަގައި އެ މުއްދަތު އިތުރުކޮށްދޭށޭ،" އޭނާ ވިދާޅުވި އެވެ.

ހއ. ވަށަފަރުގައި ސިޓީ ހޮޓާ ތަރައްގީ ކުރަމުންދާ ސަރަހައްދު.-- ފޮޓޯ: ޒުވާން މަސްވެރިޔާ
ހއ. ވަށަފަރުގައި ސިޓީ ހޮޓާ ތަރައްގީ ކުރަމުންދާ ސަރަހައްދު.-- ފޮޓޯ: ޒުވާން މަސްވެރިޔާ

އެ ބިމަކީ ޓޫރިޒަމްގެ ގާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުން ޓޫރިޒަމްގެ ބޭނުމަށް ކަނޑައަޅައި މިނިސްޓްރީއާ ހަވާލުކުރުމުން މިނިސްޓްރީ އާއި ކައުންސިލާ ދެމެދު ހެދި އެމްއޯޔޫއެއްގެ ދަށުން ތަރައްގީކުރަން ފެށި ތަނެކެވެ. އެ ބިމަކީ މިނިސްޓްރީގެ ބާރު ހިނގާ ތަނެއް ކަމަށާއި އެމްއޯޔޫގެ ދަށުން ކައުންސިލަށް ލިބެނީ މިނިސްޓްރީން ކައުންސިލާ ހަވާލުކުރި ކަމެއް ކުރުމުގެ އިހްތިޔާރު ކަމަށް ވަށަފަރު މެޖިސްޓްރޭޓް ކޯޓުން މިދިޔަ ޑިސެމްބަރު މަހުގެ ހަ ވަނަ ދުވަހު ކޮށްފައިވާ ހުކުމެއްގައި ވަނީ ކަނޑައަޅައިފަ އެވެ.

އެ ހުކުމް ހިއްސާކުރައްވައި ވަކީލް ވިދާޅުވީ ހުއްދަތައް ނުލިބި ގެއްލިގެން ދިޔަ ވަގުތުގެ ބަދަލުގައި ކޮންސްޓްރަކްޝަން މުއްދަތު އިތުރުކޮށްދޭން ޓޫރިޒަމް މިނިސްޓްރީން ކައުންސިލުގައި އެދުމުން އެކަމަށް އެއްބާރުލުން ދީފައިނުވާ ކަމަށެވެ.

ސިޓީ ހޮޓާ ހަދާގެ ބަޔަކު ހޯދަން އިއުލާނުކޮށް ބަޔަކާ ހަވާލުކޮށްގެން މަސައްކަތްކުރުމަކީ އެމްއޯޔޫގެ ދަށުން ކައުންސިލަށް ހަވާލުކޮށްފައިވާ ކަމެކެވެ.

ވަކީލް ވިދާޅުވީ ކޮންސްޓްރަކްޝަން ހުއްދަ ނެތުމުން، އިތުރު ހުއްދަތައް ހޯދުމުގައި ވެސް ދަތިވާ ކަމަށެވެ. އޭގެ ތެރޭގައި، ބިދޭސީންގެ ކޯޓާ ނުލިބޭ މައްސަލަ އާއި މުދާ ގެނައުމާއި ބޭންކު މެދުވެރިކޮށް ފައިސާ ހޯދުމަށް ވެސް ދަތިވާ ކަމަށެވެ.

އެ މައްސަލައިގައި ކޯޓާ ހިސާބަށް ނުގޮސް ހައްލެއް ހޯދަން މަސައްކަތްކުރި ކަމަށާއި އެކަމަކު އެކަމަށް ވެސް އެއްބާރުލުން ނުލިބުނު ކަމަށް ވަކީލް ވިދާޅުވި އެވެ. އެހެންވެ، މިދިޔަ އަހަރު ތޮލްއަތުގެ ފަރާތުން ކޯޓަށް މައްސަލަ ހުށަހެޅީ ލީސް އެގްރީމަންޓާ ހިލާފަށް ޓޫރިޒަމް މިނިސްޓްރީ އާއި ވަށަފަރު ކައުންސިލުން އަމަލުކުރަމުންދާތީ ކައުންސިލުގެ މައްޗަށް އަމުރެއް ނެރެދިނުމަށާއި ކުއްޔަށް ދީފައިވާ ބިމަކީ ޓޫރިޒަމް މިނިސްޓްރީގެ ބިމެއް ކަމަށް ކަނޑައަޅައިދިނުމާއި ލީސް އެގްރީމެންޓާ ގުޅިގެން ފޮނުވަންޖެހޭ ނޯޓިސްތަކާއި ތަންފީޒުކުރަންޖެހޭ ހުރިހާ ކަމެއް ކުރުމުގެ ބާރު ލިބިގެންވަނީ ޓޫރިޒަމަށް ކަމަށް ކަނޑައަޅައިދޭން އެދި އެވެ.

އެ ހުކުމްގައި ވަނީ ދައުވާ ކުރާ ފަރާތްތަކާ އެކު ސޮއިކޮށްފައިވާ އެއްބަސްވުމުގެ ދަށުން، ކުއްޔަށް ދީފައިވާ ބިމާ ގުޅިގެން ކައުންސިލްގެ ޒިންމާއަކީ ހަމައެކަނި ޓޫރިޒަމް މިނިސްޓްރީ އާއި ވަށަފަރު ކައުންސިލާ އެކު ޑިސެމްބަރު 4، 2013 ގައި ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން ޓޫރިޒަމުން ހަވާލުކޮށްފައިވާ ކަންކަން އެއްބަސްވުމާ އެއްގޮތަށް ކުރުން ކަމަށެވެ.

ހއ. ވަށަފަރު: ސިޓީ ހޮޓާ ތަރައްގީކުރާ އިރު ސީއެސްއާރުގެ ދަށުން ކޮށްދޭން ބުނި ކަންކަން ވެސް ނުކޮށްދޭ ކަމަށް ކައުންސިލުން ބުނޭ. -- ފޮޓޯ: ޒުވާން މަސްވެރިޔާ
ހއ. ވަށަފަރު: ސިޓީ ހޮޓާ ތަރައްގީކުރާ އިރު ސީއެސްއާރުގެ ދަށުން ކޮށްދޭން ބުނި ކަންކަން ވެސް ނުކޮށްދޭ ކަމަށް ކައުންސިލުން ބުނޭ. -- ފޮޓޯ: ޒުވާން މަސްވެރިޔާ

އެ ހުކުމްގައިވާ ގޮތުގައި ވަށަފަރު ކައުންސިލުން މި މުއާމަލާތާ ގުޅިގެން އަމަލުކޮށްފައި ވަނީ ރާއްޖޭގެ ޓޫރިޒަމާއި ބެހޭ ގާނޫނާއި އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ އިތުރުން ކަމާ ބެހޭ ގާނޫނުތަކުގެ ދަށުން ހުރި ގަވައިދުތަކާއި އެކަމާ ގުޅޭ އެއްބަސްވުންތަކާ ވެސް ހިލާފަށެވެ. އެހެންވެ އެގްރީމެންޓާ ހިލާފުވެފައިވާތީ ކައުންސިލާ އެކު ހަދާފައިވާ އެއްބަސްވުން ބާތިލުކުރުމުގެ ބާރު ޓޫރިޒަމް މިނިސްޓްރީއަށް ލިބިގެންވާ ކަމަށް އެ ހުކުމްގައިވެ އެވެ.

ހުކުމްގައި ވަނީ ސިޓީ ހޮޓާ ތަރައްގީކުރަން ދީފައިވާ ކޮންސްޓްރަކްޝަން ފީރިއަޑްގެ ތެރެއިން ޓޫރިޒަމުން ދޭންޖެހޭ ހުއްދަ ނުލިބި، ގެއްލިގެން ދިޔަ ތިން އަހަރު ދުވަހުގެ މުއްދަތު އެއްވެސް ކުއްޔަކާ ނުލައި އެ މުއްދަތު އިތުރުކުރުމާ އެކު ކައުންސިލާއި ތަލްއަތާ ދެމެދުވެފައިވާ ލީސް އެގްރިމެންޓް، ޓޫރިޒަމުން އަންގާފައިވާ ގޮތުގެ މަތިން، އިސްލާހުކުރުމަށް ވަށަފަރު ކައުންސިލުގެ މައްޗަށް އަންގައި އަމުރުކުރަމަށެވެ.

ހއ. ވަށަފަރު ސިޓީ ހޮޓާ ތަރައްގީކުރަމުންދާ ސަރަހައްދު: އެތަނުގެ މަސައްކަތް ލަސްވާ ކަމަށް ބުނެ ރަށުގައި ވަނީ މުޒާހަރާ ވެސް ކޮށްފައި.-- ފޮޓޯ: ޒުވާން މަސްވެރިޔާ
ހއ. ވަށަފަރު ސިޓީ ހޮޓާ ތަރައްގީކުރަމުންދާ ސަރަހައްދު: އެތަނުގެ މަސައްކަތް ލަސްވާ ކަމަށް ބުނެ ރަށުގައި ވަނީ މުޒާހަރާ ވެސް ކޮށްފައި.-- ފޮޓޯ: ޒުވާން މަސްވެރިޔާ

މިނިސްޓްރީން ހުއްދަ ނުލިބިގެން އެތަނުގެ މަސައްކަތް ނުކުރެވި ތިން އަހަރު ގެއްލުމުން، އެ މުއްދަތު އިތުރުކުރުމަށް ކައުންސިލަށް އެންގި ނަމަވެސް އެ އެންގުމާ އެއްގޮތަށް ކައުންސިލުން އަމަލުކޮށްފައި ނުވާ ކަމަށް ހުކުމްގައިވެ އެވެ. އެހެންވެ، ގެއްލުމުގެ ބަދަލު ހޯދުމަށް ކައުންސިލުގެ މައްޗަށް ދައުވާކުރުމުގެ ހައްގު ވެސް ލިބިގެންވާ ކަމަށް ހުކުމްގައިވެ އެވެ.

އެހެންވެ މުއްދަތު އިތުރުކޮށްދޭން މިނިސްޓްރީން އަންގާފައިވަނިކޮށް ކައުންސިލުން ވަނީ އެ އެއްބަސްވުން ބާތިލުކުރަން ނިންމައިފަ އެވެ.

ވަށަފަރު ކޯޓުން އެގޮތަށް ހުކުމްކޮށްފައި އޮއްވައި މިދިޔަ ހަފްތާގައި އެރަށު ކައުންސިލުން ނެރުނު ބަޔާނުގައި ބުނީ ސިޓީ ހޮޓަލުގެ މަސައްކަތަށް ބޭނުންވާ ތަކެތި ގުދަންކުރަން، އެ ބިމާ އިންވެގެން ދީފައިވާ 35،000 އަކަފޫޓުގެ ބިމުން އަކަފޫޓަކަށް ދެ ރުފިޔާގެ ރޭޓުން ކުލި ނެގުމަށް ކައުންސިލުން ނިންމައި އެކަން އެންގުމުން އެއީ ކައުންސިލްގެ ބިމެއް ނޫން ކަމަށާއި ޓޫރިޒަމް މިނިސްޓްރީގެ ބިމެއް ކަމަށް، ހޮޓާ ހަދާ ފަރާތުން ބުނެ ފައިސާ ނުދޭ ކަމަށެވެ.

އެ މައްސަލާގައި ކައުންސިލުން ނުރުހުން ފާޅުކޮށް ބުނީ ސީއެސްއާރުގެ ދަށުން ކޭބަލް ޓީވީ އާއި އިންޓަނެޓްގެ ހިދުމަތް ދިނުމާއި ހެލްތު ސެންޓަރުގެ އެކްސްޓެންޝަން އިމާރާތެއް ހެދުމާއި ލެބޯޓަރީ އިކުއިޕްމަންޓް ހޯދައިދިނުމާއި ފެނާއި ނަރުދަމާގެ މަސައްކަތް ވެސް ކޮށްދޭންޖެހޭ ކަމަށް ބުންޏަސް އެކަންތައް ވެސް ކޮށްދީފައި ނުވާ ކަމަށެވެ.

އެ މައްސަލާގައި ޓޫރިޒަމް މިނިސްޓްރީ އާއި ކައުންސިލުން ވާހަކަ ދެއްކުމުން އެއީ ކައުންސިލަށް ދޭންޖެހޭ ފައިސާއެއް ނޫން ކަމަށް ދޭހަވާ ގޮތަށް މިނިސްޓްރީން ޖަވާބު ދީފައިވާތީ އެކަމުގެ ނުރުހުން ކައުންސިލުން ފާޅުކޮށްފައިވެ އެވެ.

އެކަމަކު ތަލްހަތުގެ ވަކީލް ވިދާޅުވީ ސީއެސްއާރުގެ ދަށުން ކުރަންޖެހޭ ހުރިހާ ކަމެއް ތަލްއަތުގެ ފަރާތުން ދިޔައީ ކުރަމުން ކަމަށެވެ. ނަރުދަމާގެ މަސައްކަތް ކުރަނިކޮށް، އޭރު ސަރުކާރުން އެ މަސައްކަތް ފެށުމުން ނަރުދަމާގެ މަސައްކަތް ނުކުރެވުނީ ކަމަށް އޭނާ ވިދާޅުވި އެވެ.

"ކައުންސިލުގެ ހުއްދައާ އެކު ކުރެހުންތައް ވެސް ހުށަހެޅި. އެހިސާބުގައި އޮއްވައި ސަރުކާރުން އިއުލާނުކުރީ ވަށަފަރަކީ ސަރުކާރުން ނަރުދަމާ އަޅާ ރަށެއްގެ ގޮތުގައި. އެހެންވެ އެކަން ހުއްޓިގެން ދިޔައީ. އެކަމަކު އޭގެ ބަދަލުގައި އިތުރު ޕްރޮޖެކްޓެއް އަދި ހަވާލެއް ނުކުރޭ،"

ކައުންސިލުން ބުނެފައިވަނީ ސީއެސްއާރުގެ ދަށުން ނަރުދަމާގެ މަސައްކަތްކުރަން އޮއްވައި ސަރުކާރުން އެކަން ކުރުމުން އޭގެ ބަދަލު ކައުންސިލަށް ދޭންޖެހޭނެ ކަމަށެވެ.

ވަށަފަރު ސިޓީ ހޮޓަލުގެ މަސައްކަތް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ބައްލަވާލައްވަނީ.-
ވަށަފަރު ސިޓީ ހޮޓަލުގެ މަސައްކަތް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ބައްލަވާލައްވަނީ.-

ވަކީލް ވިދާޅުވީ ލެބޯޓްރީގެ މަސައްކަތް ކުރަން އުޅުމުން، އާބާދީއަށް ބަލާއިރު އެރަށަށް ލެބޯޓްރީ ބޭނުންނުވާ ކަމަށް މިނިސްޓްރީން އަންގާފައިވާ ކަމަށެވެ. އޭގެ ބަދަލުގައި ފައިސާ ދޭން މިނިސްޓްރީން އަންގާފައިވާތީ ތަލްއަތުގެ ފަރާތުން އެ ފައިސާ ވެސް އެއްބަސްވުމާ އެއްގޮތަށް ދައްކަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެއްބަސްވުން ބާތިލުކުރި މަހު ވެސް އެ ފައިސާ ދައްކާފައި އޮތީ. އެހެންވީމާ ސީއެސްއާރުގެ ދަށުން ވެސް ކިހިނެއްކަމެއް ހިލާފުވީ ކައުންސިލަކަށް ބުނެއެއް ނުދެވޭ... ތިން އަހަރުވީ ހުއްދަ ނުލިބިގެން މަސައްކަތް ނުކުރެވި އުޅޭތާ. އަނެއްކާ މިހާރު އަނެއް ތިން އަހަރު މިދަނީ ހުއްދަ ނުލިބިގެން. މި ހުރިހާ މުއްދަތެއް ދާއިރު ވެސް ތަލްއަތު ދިޔައީ ލެބޯޓްރީއަށް ވެސް ފައިސާ ދައްކަމުންނޭ،" އޭނާ ވިދާޅުވި އެވެ.

މިދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގައި ކެންޑިޑޭޓުން ވަށަފަރަށް ވަޑައިގަތުމުން ވެސް ރަށު މީހުން އެންމެ ބޮޑަށް އެދުނު އެއް ކަމަކީ ހޮޓަލުގެ މައްސަލަ ހައްލުކޮށްދިނުމެވެ.