ގައުމުގެ ހާލަތު ގުޅިފައި އޮތީ، ވެރިކަމުގެ ހުވާ ކުރެއްވި ދުވަހު ދިވެހި ދިދަޔަށް އިޝާރާތްކުރައްވައި ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްކެވި ވާހަކަފުޅާ ކަމަށާއި މިނިވަންކަމާ އެކު ދިދަ ވިހުރޭނީ އަންނަ މަހު 17 ގައި ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުން ޕީޕީއެމް/ޕީއެންސީއަށް ސުޕަމެޖޯރިޓީ ލިބިގެން ކަމަށް ރައީސްގެ ހާއްސަ އެޑްވައިޒަރު އަބްދުއްރަހީމް އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

އަބްދުއްރަހީމް އެގޮތަށް ވިދާޅުވީ ރާއްޖޭގެ އެންމެ އުތުރަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު މެންދުރު ހއ. ވަށަފަރުގައި ބޭއްވި ޖަލްސާގަ އެވެ.

ޕީއެންސީގެ ޗެއާމަންކަން ވެސް ކުރައްވާ އަބްދުއްރަހީމް ވިދާޅުވީ މިދިޔަ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާކުރެއްވުމަށް ފަހު ރައީސް މުއިއްޒު ގައުމާ މުހާތަބުކުރައްވައި ދެއްކެވި ފުރަތަމަ ވާހަކަފުޅުގައި ދިވެހި ދިދައާ ގުޅުވައި ވަރަށް މުހިންމު ވާހަކައެއް ދެއްކެވި ކަމަށެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު، ހއ. ވަށަފަރުގައި ބޭއްވި ޖަލްސާގައި އެމަނިކުފާނާއި ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް އަދި ހާއްސަ އެޑްވައިޒަރު އަބްދުއްރަހީމް އަބްދުﷲ ގައުމީ ސަލާމަށް އަތްނަންގަވައިގެން.-- ފޮޓޯ: ރައީސް އޮފީސް
ރައީސް ޑރ. މުހައްމަދު މުއިއްޒު، ހއ. ވަށަފަރުގައި ބޭއްވި ޖަލްސާގައި އެމަނިކުފާނާއި ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް އަދި ހާއްސަ އެޑްވައިޒަރު އަބްދުއްރަހީމް އަބްދުﷲ ގައުމީ ސަލާމަށް އަތްނަންގަވައިގެން.-- ފޮޓޯ: ރައީސް އޮފީސް

"ގައުމީ ދިދައަށް އިޝާރާތްކުރައްވާ ރައީސް ވިދާޅުވަނީ އޭ ދިވެހި ދިދަޔާ، ތިބާ ވިހުރޭށޭ މިނިވަންކަން މަތީ، ދޭނަމޭ ގަދަރާއި އިއްޒަތް އޭގެ ފުރިހަމަ ގޮތް މަތީ. ވިދާޅުވީ ދެން ތިބާއަށް ދިވެހި އުދަރެހަކުން އިރެއްނޯއްސޭނެޔޭ، އެންމެ ފުން ލޯބިން ތިބާ ބޮސްދޭށެ ގޮސް ވަތަނުގެ ބިންމަތީ،" އޭނާ ވިދާޅުވި އެވެ.

ގައުމުގެ އަދުގެ ހާލަތާ ގުޅޭ ހުރިހާ ވާހަކައެއް ގޮސް ގުޅެނީ ރައީސްގެ އެ ބަސްކޮޅާ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

"މި ވާހަކައިގެ ތެރޭގައި އަޅުގަނޑުމެން ދައްކަން މި އުޅޭ ހުރިހާ ވާހަކައެއް ހިމެނޭ. އެ ދިދަ މިނިވަންކަމާ އެކު ވިހުރިގެން ނޫނިއްޔާ އަޅުގަނޑުމެންނަށް ދެންމެ މި ވިދާޅުވި ކަންތައްތަކެއް ނުކުރެވޭނެ. ސްކޫލްތަކުގައި މަލްޓިޕާޕަސް ހޯލެއް ވެސް ނޭޅޭނެ އަދި ދެން ހުރި ތަރައްގީގެ މަޝްރޫއުތަކެއް ވެސް ނުހިންގޭނެ. އެހެންވެގެން ރައީސް ވިދާޅުވީ އެގޮތަށް،" އޭނާ ވިދާޅުވި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒަށް ހއ. ވަށަފަރުން މަރުހަބާ ކިޔަން ރައްޔިތުން ނުކުމެ.-- ފޮޓޯ: ރައީސް އޮފީސް
ރައީސް ޑރ. މުހައްމަދު މުއިއްޒަށް ހއ. ވަށަފަރުން މަރުހަބާ ކިޔަން ރައްޔިތުން ނުކުމެ.-- ފޮޓޯ: ރައީސް އޮފީސް

އަބްދުއްރަހީމް ވިދާޅުވި ގޮތުގައި، ރާއްޖޭގެ ވެރިކަމާ ރައީސް ހަވާލުވެވަޑައިގަތް އިރު، ގައުމުގެ މިނިވަންކަން އޮތީ ގެއްލިފަ އެވެ. އެހެންވެ އެމަނިކުފާނު އެންމެ އިސްކަމެއް ދެއްވީ މިނިވަންކަން އަލުން ހޯއްދަވައިދެއްވަން ކަމަށް ވިދާޅުވި އެވެ.

އެއާއެކު ގައުމު އޮތް ދަތިހާލަތުން އަރައިގަތުމަށް މަސައްކަތް ކުރައްވަމުން އަންނަ ކަމަށާއި އެކަމުގައި އެމަނިކުފާނަށް ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތު ވަރަށް މުހިންމު ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

"މި އޮޑިއަށް އެބަ ޖެހޭ ހިތްވަރު ހުރި، ފަންވަރު ހުރި، އިހުލާސްތެރި، މުރާލި ފަޅުވެރިންތަކެއް ހޯދަން. އެ ފަޅުވެރިން ހޯދުމުގެ މަސައްކަތަށް މިހާރު މި އޮތީ ވަގުތު ކުޑަތަންވެފައި،" އޭނާ ވިދާޅުވި އެވެ.

"ރައްޔިތުންގެ މަޖިލީހުގެ އިންތިހަބާކީ ދިވެހިރާއްޖޭގެ ދިދަ މިނިވަންކަމާ އެކީގައި ވިހުރުމަށް ކޮންމެހެން މުހިންމު ކަމެއް. އެ ދިދަ ފެއްސާއި ރަތާއި ހުދުން އަޅުގަނޑުމެންގެ ގައުމުގައި ފަހުރުވެރިކަމާ އެކީގައި ވިހުރެމުން ދާނީ، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ސުޕަ މެޖޯރިޓީ ޕީޕީއެމް/ޕީއެންސީ އަށް ލިބިގެން."

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި 89 ދާއިރާއަށް ޕީއެންސީގެ ކެންޑިޑޭޓުން ނެރެ އެވެ. މި އިންތިހާބުގައި، 93 ދާއިރާ އަށް މެމްބަރުން ހޮވާނެ އެވެ.