ހއ. ވަށަފަރުގައި ސިޓީ ހޮޓަލެއް އަޅަން ދިގު މުއްދަތަކަށް ދޫކޮށްފައި އޮތް ބޮޑު ބިން ބޭނުން ނުކުރެވި އޮންނާތީ އެތަން ރައްޔިތުންގެ ބޭނުމަށް އަނބުރައި ހޯދައިދޭން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އެ ރަށުން ދަންނަވައިފި އެވެ.

ވަށަފަރު ތުނޑީގައި ސިޓީ ހޮޓަލެއް ތަރައްގީކޮށް ހިންގުމަށް ވަށަފަރު ކައުންސިލުން އަމިއްލަ ފަރާތަކާ 2013 ވަނަ އަހަރު 50 އަހަރަށް ހަވާލުކުރި ނަމަވެސް އެތަން އޮތީ ނުނިމި އެވެ. އެހެންވެ ރަށު ކައުންސިލުން އެއްބަސްވުން ވަނީ ބާތިލްކޮށްފަ އެވެ. އެއާ އެކު، ތަނާ ހަވާލުވި ފަރާތުން ވަނީ މައްސަލަ އޭސީސީ އަށް ހުށަހަޅައިފަ އެވެ.

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓްގެ އިބްރާހިމް މުހައްމަދު ސޯލިހް ހއ. އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ވަށަފަރަށް ވަޑައިގެން އިރު ވެސް ސިޓީ ހޮޓަލުގެ ވާހަކަ ލިޔެފައިވާ ބޯޑެއް ވެސް ޖަހާފައި ހުއްޓެވެ. ރައީސް ބައިވެރިވެ ވަޑައިގެންނެވި ޖަލްސާގައި، ވަށަފަރުގައި ގެސްޓް ހައުސް ހިންގާ މީހެއް ކަމަށްވާ ހަސަން ޝާކިރު ވެސް ގެސްޓް ހައުސްގެ ބިމުގެ މައްސަލަ ނެގި އެވެ.

އޭނާ ބުނީ ހަނިމާދޫ އެއާޕޯޓާއެކު ހއ. އަދި ހާއްސަކޮށް ވަށަފަރުގައި ލޯކަލް ޓޫރިޒަމް ފައްކާވަމުން އަންނަ ކަމަށެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ހއ. ވަށަފަރުގައި ބޭއްވެވި ކެމްޕޭން ޖަލްސާގައި އެ ރަށު ބަޔަކު ބައިވެރިވަނީ -- ފޮޓޯ: އެމްޑީޕީ
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ހއ. ވަށަފަރުގައި ބޭއްވެވި ކެމްޕޭން ޖަލްސާގައި އެ ރަށު ބަޔަކު ބައިވެރިވަނީ -- ފޮޓޯ: އެމްޑީޕީ

"ވަށަފަރުގައި ކުރިން ބިމެއް ލިބޭ އަގަށްވުރެ މާ ބޮޑުކޮށް، އަގު ބޮޑުކޮށް ބިމެއް އެބަ ލިބޭ. ވިއްކޭ އެބަ. ވަށަފަރުގައި ކުރީގައި 200,000ރ. އަށް ވިއްކޭ ބިމެއް މިހާރު އެބަ ވިއްކޭ 1،000,000ރ. އަށް، ބިމެއް ގަންނަން މި ލިބެނީ މިހާރު." އޭނާ ބުންޏެވެ.

އެކަމަކު އޭނާ ބުނީ ކަންބޮޑުވުމަކީ އެ ރަށު ބިމުގެ "ތިންބައިކުޅަ އެއްބައި ބިން ވާނުވާ ޖަހާ ވިއްކާލާފައި އޮތުން" ކަމަށެވެ.

"އަޅުގަނޑުމެން އެދެނީ މި ސަރުކާރުން، ރައީސް މިކަމަށް ހައްލެއް ހޯއްދަވައިދެއްވުން. އަޅުގަނޑުމެންގެ ވަރަށް ބޮޑު އުންމީދެއް އެއީ. ރައްޔިތުންނަށް ގޯތި ދޫކުރާނެ ބިމެއް ނެތް. މި ރަށުގެ ބިމުގެ ތިންބައިކުޅަ އެއްބައިގައި އޮތީ ސިޓީ ހޮޓަލެއްގެ ވާނުވާ ޖަހާފައި،" އޭނާ ބުންޏެވެ.

"އަޅުގަނޑުމެން އެދެނީ އިގްތިސާދީ ގޮތުން ވެސް މަސައްކަތެއް ކުރުމަށް އޭގެ ހަމައަކާއި އުސޫލެއް އޮންނަން ވާނޭ. އަޅުގަނޑުމެންނަށް އިންސާފު އެކަމުގައި ހޯދައިދޭނެ އެއްވެސް ބަޔަކު ނުވި. ރައީސަށް އެ ވާހަކަ ދަންނަވާލީ،"

ވަށަފަރުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވާހަކަ ދައްކަވަނީ.-- ފޮޓޯ: އެމްޑީޕީ
ވަށަފަރުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވާހަކަ ދައްކަވަނީ.-- ފޮޓޯ: އެމްޑީޕީ

ޝާކިރުގެ ވާހަކައަށް ފަހު ރައީސް ވިދާޅުވީ ސިޓީ ހޮޓާ އެޅުމަށް ދިން ބިމުގެ މައްސަލަ ކޯޓަށް ހުށަހަޅައި އެ މައްސަލައިގައި ކޯޓުން ގޮތްތަކެއް ނިންމާފައިވާކަން އެނގިވަޑައިގެންފައިވާ ކަމަށެވެ. އެ މައްސަލައިގައި ހައްލެއް ހޯދައި ދިނުމަށް ކުރެވެން އޮތް ހުރިހާ ކަމެއް ކުރައްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑު ފައިބައިގެން އައިއިރު ބޯޑެއްގައި ލިޔެފައި އެ އޮތް ސިޓީ ހޮޓާގެ ވާހަކަ. އެއީ ދުވަސްތަކެއް ވެފައި އޮތް މައްސަލައެއް. ކޯޓުން އެކަމުގައި ގޮތްތަކެއް ނިންމާފައިވާ ކަމަށް އަޅުގަނޑަށް އެންމެ ފަހުން އެނގިފައި އޮތީ." ރައީސް ވިދާޅުވި އެވެ.

"އެހެން ނަމަވެސް ރައްޔިތުންގެ ތި ކަންބޮޑުވުންތަކާ އެކީގައި ޒަމާންތަކެއް ވަންދެން އެ ތަނަށް (ސިޓީ ހޮޓަލަށް) އަމަލީ ސިފައެއް ނައިސް އޮތުން އެއީ ކަންބޮޑުވާން ޖެހޭނެ ކަމެއް. އޭގައި ސަރުކާރުން ހައްލެއް ހޯދައިދޭން އޮތް ގޮތަކަށް ހައްލު ހޯދައިދިނުމުގެ މަސައްކަތް އަޅުގަނޑު ފަށައިގަންނާނަން،"

ވަށަފަރުގެ އުތުރުން 300،000 އަކަފޫޓުގެ ސަރަހައްދެއް ސިޓީ ހޮޓަލެއްގެ ގޮތުގައި ހަދަން ހަވާލުކުރީ 2013 ވަނަ އަހަރު އެވެ. އެ ސިޓީ ހޮޓަލުގައި 102 ކޮޓަރި ހެދުމަށް ހަމަޖެހިފައި ވާއިރު މިހާތަނަށް ހަދާ ނިންމާފައިވަނީ 24 ކޮޓަރި އެވެ.