ހއ. ތުރާކުނާ ޖެހިގެން އޮންނަ ވަނގާރަކީ ތުރާކުނު ބައެއްގެ ގޮތުގައި ކަނޑައަޅައިފި އެވެ.
ވަނގާރުގައި ރިސޯޓު ތަރައްގީކުރުމަށް ކުއްޔަށް ދޭން ނިންމީ 2016 ވަނަ އަހަރު އެވެ. އެއީ 2.8 މިލިއަން ޑޮލަރަށެވެ. ނަމަވެސް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވަނީ ޓޫރިޒަމަށް ނުނަގައި ތުރާކުނު ޔައްޔިތުން އެދުނު ގޮތަށް އެ ރަށުގެ އިހުތިސާސްގައި ހިމެނުމަށް ނިންމަވައިފަ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ސޮއިކުރައްވައި، މިއަދު ރައީސް އޮފީހުން ނެރުނު ގަރާރެއްގައި ބުނީ ވަނގާރަކީ ތުރާކުނުގެ ބައެއްގެ ގޮތުގައި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުން ރައީސަށް ލިބިދޭ ބާރުގެ ދަށުން ކަނޑައަޅާފައިވާ ކަމަށެވެ.
ތުރާކުނާ ގާތްގަނޑަކަށް ދެ ކިލޯ މީޓަރު ދުރުގައި އޮންނަ ވަނގާރުގެ ބޮޑުމިނަކީ 11 ހެކްޓަރެވެ.
ވަނގާރުގެ އިތުރުން އދ. މަހިބަދޫގެ ދެކުނުގައި އޮންނަ މާފަރުފަޅަކީ އެ ރަށުގެ ބައެއް ކަމުގައި ވެސް ވަނީ ކަނޑައަޅާފަ އެވެ. މަހިބަދޫ އާއި މާފަރުފަޅާ ދެމެދު އޮންނަނީ ގާތްގަނޑަކަށް 1،4 ކިލޯމީޓަރު ދުރުމިނެވެ.