ހއ. ތުރާކުނާ އެއް ފަޅެއްގައި އޮންނަ ވަނގާރު ޓޫރިޒަމަށް ނުނަގައި ތުރާކުނު ޔައްޔިތުން އެދުނު ގޮތަށް އެ ރަށުގެ އިހުތިސާސްގައި ހިމަނާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

"ޓޫރިޒަމް ތަރައްގީ ކުރުމަށް އަޅުގަނޑުމެން ލިސްޓު ކޮށްފައި އޮތް ވަނގާރު، ކައުންސިލްގެ އެދުމާއި ރައްޔިތުންގެ އެދުމާއެކު އެ ރަށް ޓޫރިޒަމްގެ ބޭނުމަށް ނުނަގައި މި ރަށު ރައްޔިތުންނަށް އެ ރަށް ބޭނުން ކުރެވޭނެ ގޮތަށް އަޅުގަނޑުމެން ހަމަޖައްސައިދޭނަން." ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ހއ. އަތޮޅަށް މިއަދު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ތުރާކުނަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވި އެވެ.

ވަނގާރުގައި ރިސޯޓު ތަރައްގީކުރުމަށް ވިއްކާލަން ނިންމީ 2016 ވަނަ އަހަރު އެވެ. އެއީ 2.8 މިލިއަން ޑޮލަރަށެވެ.

ރައީސް ވިދާޅުވީ އެ ރަށް ތުރާކުނު ރައްޔިތުންގެ އިހުތިސާސްގައި ހިމެނުމަށް ނިންމީ ދަނޑުވެރިކަން ކުރުމަށާއި ތުރާކުނަށް ދިމާވެފައިވާ ބިމުގެ ޖާގައިގެ ދަތިކަމަށް ހަސް؛ލު ހޯދައިދިނުމަށް ކަމަށެވެ.

"މި ސަރުކާރުން ކުޑަ ރަށެއް ބޮޑު ރަށެއް ތަފާތެއް ނުކުރާނެ. މީގެ ކުރީ ސަރުކާރުތަކުން ތުރާކުނު އޮތީ ބާކީކޮށްލާފައި، އެންމެ އަސާސީ ހިދުމަތްތައް ވެސް ނުލިބޭ." މި ސަރުކާރުން ތުރާކުނަށް ގެނެސްދެއްވާފައިވާ ތަރައްގީގެ މަޝްރޫއުތައް ރައީސް ވިދާޅުވި އެވެ.