ގިނަ އަދަދެެއްގެ މުދާ ހިފައިގެން ހދ. މަކުނުދޫ ފަޅުން ނުކުތް ދޯންޏެއް ގަލެއްގައި ޖެހި، ދޯނި ދިޔަވާން ފެށުމުން ނެރު މައްޗަށް ބީއްސާލައި ގެއްލުންތަކެއް ވެއްޖެ އެވެ. އެ ދޯނި ކޮންސްޓްރަކްޝަން ސާމާނާ އެކު ފުރީ އެ އަތޮޅުގެ ވައިކަރަދު އަށެވެ.

ދޯނި ކުއްޔަށް ނަގައިގެން މުދާ ސަޕްލައިކޮށްދިނުމުގެ ވިޔަފާރި ކުރަމުން އަންނަ އައިއާރުޖީ މޯލްޑިވްސްގެ އޮފިޝަލަކު މިއަދު ވިދާޅުވީ ތިލަފުށިން "ނަމޫނާ" ދޯނި ފުރީ ހިލަ އާއި ހިލަވެލީގެ 1،970 ބަސްތާ ހިފައިގެން ކަމަށެވެ. ހދ. މަކުނުދު އަށް 450 ބަސްތާ ބޭލުމަށް ފަހު އެ އަތޮޅު ވައިކަރަދު އަށް ދަތުރު ފެށިތަނާ، 85 ފޫޓުގެ ދޯނި މިދިޔަ އަންގާރަ ދުވަހުގެ ރޭ ދަންވަރު ބީއްސާލައި އޭގައި ހުރި މުދާތަކަށް ވެސް ގެއްލުން ލިބިފައި ވެ އެވެ.

އޮފިޝަލް ވިދާޅުވީ މި ވަގުތު ބަލަނީ ދޯނި ސަލާމަތްކުރުމަށެވެ. މޫދަށް ދިޔަ 1،250 ބަސްތާ ސިމެންތި ފިޔަވައި ދެން ހުރި، ހިލަ އާއި ހިލަވެއްޔާއި ދަގަނޑަކީ އަލުން ބޭނުންކުރެވޭނެ ތަކެއްޗަށް ވިޔަސް އެ ހާދިސާއާ ގުޅިގެން ގާތްގަނޑަކަށް 600،00ރ. ގެ ގެއްލުން ލިބޭނެ ކަމަށް އޭނާ ލަފާކުރައްވަ އެވެ.

"ދޯންޏަށް މާ ބޮޑު ގެއްލުމެއް ނުލިބުނަސް ދޯނި ބޭނުންކުރެވޭނީ އަލުން މަރާމާތުތަކެއް ކޮށްގެން،" އޮފިޝަލް ވިދާޅުވި އެވެ.

މަކުނުދު އާއި ވައިކަރަދޫގެ އިތުރުން އެ އަތޮޅު ފިނޭ އާއި ހއ. މާރަންދޫ އަދި އެ އަތޮޅު އުލިގަމަށް މުދާ ހިފައިގެން ކުރި ދަތުރުގައި ދެ ދިވެހިންނާއި ހަ ބިދޭސީން ތިއްބެވެ. އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވެ ވަނީ ސަލާމަތްވެފަ އެވެ.

ނަމޫނާ ދޯނި، މަކުނުދޫ ބީއްސާލާފައި.-- ފޮޓޯ: އެމްއެންޑީއެފް
ނަމޫނާ ދޯނި، މަކުނުދޫ ބީއްސާލާފައި.-- ފޮޓޯ: އެމްއެންޑީއެފް

އޭނާ ވިދާޅުވީ ގާގަނޑުގައ ޖެހުމުން، ދޯނީގެ ދިރުނބާކޮޅުން ފަސް ފޫޓެއްހާ ވަރު ފަޅައިގެން ދިޔަ ކަމަށެވެ. ޕަމްޕު ސްޓާޓް ކޮށްގެން ވެސް ދިޔަގަނޑު ކޮންޓްރޯލްކުރަން މަސައްކަތްކުރި އެވެ. އެކަން ކާމިޔާބު ނުވެގެން ކައްޕި ދޯނި ބީއްސާލީ ކަމަށް އޭނާ ވިދާޅުވި އެވެ.

"ޕްލޭނަކީ އޮޑި ސަލާމަތްކުރުން މިހާރު. އޮޑިން ފައިބާފައި ހުރި ހިލަ އާއި ހިލަވެއްޔަކީ ދެ ވަނަ ފަހަރަށް ބޭނުންކުރެވޭނެ ތަކެތި. އޭގައި ހުންނާނެ ކޮންސްޓްރަކްޝަން ސާމާނު ވެސް ގިނަ އަދަދަކަށް،" އޮފިޝަލް ވިދާޅުވި އެވެ.

އެ ކުންފުނިން ސަޕްލައިކުރުމުގެ ވިޔަފާރި ކުރަމުން އަންނަތާ ގާތްގަނޑަކަށް ހަތަރު މަސް ވެއްޖެ އެވެ. އެ ކުންފުނިން އަންނަނީ ހއ. އަތޮޅުން ފެށިގެން ގދ. އަތޮޅުގެ ރަށްތަކާ ހަމައަށް މުދާ ސަޕްލައިކޮށްދެމުންނެވެ.