ފާޑުކިޔުންތައް ހައްދުން ނައްޓައިގެން ދިޔަސް ސަރުކާރަށް އެންމެ މުހިއްމީ ރައްޔިތުންނަށް ވި ވައުދުތައް ފުއްދުން ކަމަށް ރައީސް އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް، ހއ. މުރައިދު އަށް ވަޑައިގެން އެ މަނިކުފާނު ވިދާޅުވީ ސަރުކާރުގެ ކަންކަމަށް ފާޑުކިޔާ ކަމަށާއި އެ ފާޑުކިޔުންތައް ހައްދުން ނައްޓައިގެން ވެސް ދާ ކަމަށެވެ. ނަމަވެސް، އެ އިން އެއްވެސް ކަމަކަށް އަޅާ ނުލައްވާނެ ކަމަށާއި ރައްޔިތުންނަށް ވި ވައުދުތައް ފުއްދުން އެ އަށް ވުރެ މާ މުހިއްމު ކަމަށް ވިދާޅުވި އެވެ.
"ފާޑުކިޔާ، އެ ހައްދުން ނައްޓައިގެން ވެސް ދޭ. އެހެން ނަމަވެސް އަޅުގަނޑުމެން އަޅައެއް ނުލަން. އެ އަށް ވުރެ މުހިއްމު ކަމެއް އަޅުގަނޑުމެންނަށް ތި ބޭފުޅުން، އަޅުގަނޑުމެންނަށް ހަވާލުކުރި މަސައްކަތް ނިންމުން. މިއަދު މިތާ ހުރެ، އަޅުގަނޑު އުފަލާ އެކު ދަންނަވާނީ އަޅުގަނޑުމެން ވީ ވައުދުތަކުގެ 90 ޕަސެންޓް އިރާދަކުރެއްވިއްޔާ މިހާރު މި ނިމެނީއޭ،" ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.
"ދެން ވެސް މިތާ ހުރެ ވައުދެއް ވެއްޖިއްޔާ އިރާދަކުރެއްވިއްޔާ މާތްﷲގެ ރަހުމަތުން، ފަސް އަހަރު ދުވަހުގެ ތެރޭގައި އެކަން ވެސް ކޮށްދީ ނިންމާނަން."
ރައީސް ވިދާޅުވި ގޮތުގައި، މިދިޔަ އަހަރުތަކުގައި މުރައިދުއާ މެދު އޮތީ އިހުމާލުވެފަ އެވެ. ޕީޕީއެމްގެ ސަރުކާރުގައި މި ރަށުގައި ހިންގީ އެންމެ ތިން މަޝްރޫއު ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. އޭގެ ތެރެއިން ބައެއް މަޝްރޫއުތައް ނުނިމޭއިރު، މި ސަރުކާރުން މުރައިދޫގައި އެކަނި ވެސް ހަތް މަޝްރޫއެއް ނިންމާފައިވާކަން، އެ މަނިކުފާނު ފާހަގަކުރެއްވި އެވެ.
މި ރަށުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވަނީ ފެނަކައިގެ އާ އޮފީހާއި ފުޓްބޯޅަ ދަނޑު ހުޅުވައި ދެއްވައިފަ އެވެ.
"ތަފާތު ބައެއް ކަންތައްތައް ހުރި ނަމަވެސް ރާއްޖޭގެ ރައީސަކު ހޮވުމުގައި ވިސްނަން ވާނީ ގައުމަށް އެންމެ ފައިދާ ހުރި ގޮތަށް، ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތަށް. އެހެންވީމާ މުރައިދޫގެ ރައްޔިތުން، އަޅުގަނޑު ހިތުން އެކަން ދެނެގަނެ، ކައުންސިލްގެ ރައީސް ވިދާޅުވި ފަދައިން ފުރަތަމަ ފަހަރަށް މި ރަށުގެ ނަތީޖާ އެނބުރިގެންދާ އަހަރަށް މި އަހަރު ވެގެންދާނެ." ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ އެ ބޭފުޅުން ބެއްލެވީ ސިޔާސީ ހަލަބޮލިކަން އެކަހެރިކޮށް، އެ ވައުދުތައް ފުއްދުމުގައި ދެމިތިއްބަވަން ކަމަށެވެ.
ވިއްސާރަ ދުވަސްވަރު މުރައިދޫގެ މަގުތަކުގައި ޗަކަ ހެދި، ފެންބޮޑުވާތީ ރަނގަޅު ފެން ހިންދާ ނިޒާމަކާ އެކު މަގުތައް ރަނގަޅުކޮށްދޭނެ ކަމަށް ރައީސް ވިދާޅުވި އެވެ. ގިރާ ސަރަހައްދު ހިމާޔަތްކޮށް، އަންހެނުން ކުޅޭނެ ވޮލީ ކޯޓެއް ހަދައިދޭނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.