ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑުގެ އެހީގައި ހއ. މޮޅަދޫގައި އީކޯ ޕާކެއް މިއަދު ހުޅުވައިފި އެވެ.

އެއީ އެ ރަށުގެ ކުޅީގެ ގުދުރަތީ ރީތިކަން އާންމުންނަށް ފަސޭހައިން ބަލާލައި ހިތްހަމަޖައްސާލާނެ މާހައުލެއް ގާއިމްކޮށްދީ ކުޅީގެ ގުދުރަތީ ރީތިކަން އަންނަން އޮތް ޖީލުތަކާ ހަމަޔަށް ދަމަހައްޓައި އެތަނަށް އަންނަ މީހުންނަށް މައުލޫމާތު ދޭން ހިންގި ޕްރޮޖެކްޓެކެވެ.

އެ ޕްރޮޖެކްޓުގެ ދަށުން މޮޅަދޫ ކުޅީގައި ވިއުއިން ޕްލެޓްފޯމެއް ވަނީ ހަދައިފަ އެވެ. އަދި ކުޅި ހިމެނޭ ސަރަހައްދުގައި ސޯލާ ބައްތި ހަރުކޮށް، ބެންޗުތަކާއި ޖޯލިފައްޗާއި އުނދޯލި އަދި ޑަސްބިން ވަނީ ބަހައްޓައިފަ އެވެ.

އެ ޕްރޮޖެކްޓް ކާމިޔާބުކުރި "ޗިލް ބްރޯސް"ޖަމިއްޔާ އިން ބުނީ އެ ޕްރޮޖެކްޓުގެ ސަބަބުން އެ ރަށުގައި ޓޫރިޒަމް ފުޅާކުރެވޭނެ ކަމަށެވެ.

މޮޅަދޫގައި ހުޅުވި ޕާކުގެ ކުޅި ބަލާ ޕްލެޓްފޯމުގައި ބަޔަކު މަޑުކޮށްލައިގެން-- ފޮޓޯ:
މޮޅަދޫގައި ހުޅުވި ޕާކުގެ ކުޅި ބަލާ ޕްލެޓްފޯމުގައި ބަޔަކު މަޑުކޮށްލައިގެން-- ފޮޓޯ:

ބީއެމްއެލް ކޮމިއުނިޓީ ފަންޑަކީ އާންމު ފަރުދުންނާއި ޖަމިއްޔާތަކުން މުޖުތަމައަށް ފައިދާކުރާނެ ޕްރޮޖެކްޓް ހިންގުމަށް އެހީތެރިވުމުގެ ގޮތުން ތައާރަފްކުރި ފަންޑެކެވެ. އެ ފަންޑަށް ހުށަހަޅާ ޕްރޮޕޯޒަލްތަކަކީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކަށާއި، ތައުލީމާއި، ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހަޅާ ޕްރޮޕޯޒަލްތަކެކެވެ.

ކޮންމެ ކުއާޓަރެއްގައި ވެސް ފަސް ޕްރޮޖެކްޓް ހޮވާއިރު ބޭންކުން ދަނީ މި އަހަރުގެ ފުރަތަމަ ކުއާޓަރަށް ހުށަހެޅި ޕްރޮޕޯޒަލްތައް އިވެލުއޭޓް ކުރުމުގެ މަސައްކަތްކުރަމުންނެވެ.