ހއ. ތަކަންދު އާއި މާރަންދުއަކީ ރާއްޖޭގައި ދެ ރަށެއްގެ ދެމެދު އޮތް ކަނޑުގެ ނިސްބަތުން ބަލާ ނަމަ އެންމެ ކައިރި ދެ އަވަށްޓެރިންނެވެ. ދެ ރަށާ ދެމެދު ހުރީ އެންމެ 690 މީޓަރުގެ ރާސްތާއެކެވެ. ކުޑަ ޑިންގީއެއްގައި ނަމަ އެންމެ ތިން މިނިޓުން އެއް ރަށުން އަނެއް ރަށަށް ދެވެ އެވެ. ފެރީ ދޯންޏެއްގައި ނަމަ ގިނަވެގެން ހަތް މިނެޓެވެ. އެކި ބޭނުންތަކަށާއި ފޫހިފިލުވާލަން ކޮންމެ ދުވަހަކު ވެސް އެއް ރަށުން އަނެއް ރަށަށް އާދަކޮށް މީހުން ގޮސް އުޅެ އެވެ.

މިހާ ކައިރީގައި އޮތް ނަމަވެސް ދެ ރަށަށް ވެސް އެންމެ ބޮޑަށް ދިމާވެފައި ވަނީ އެކަށީގެންވާ ހިދުމަތްތަކެއް ނުލިބުމުގެ މައްސަލަ އެވެ. މައިގަނޑު ސަބަބަކީ ދެ ރަށުގައި ވެސް އާބާދީ ކުޑަވުމެވެ. ތަކަންދޫގެ އާބާދީއަކީ 942 އެވެ. އެކަމަކު ދަރިންނަށް ތައުލީމް ދިނުމަށް މާލެއަށް ދިރިއުޅުން ބަދަލުކޮށްގެން އުޅޭ މީހުން ގިނަ މި ރަށުގައި އާއްމުކޮށް އުޅެނީ 300 އެއްހާ މީހުންނެވެ. އޭގެތެރެއިން ވެސް ޒުވާނުންގެ ނިސްބަތް ވަރަށް މަދެވެ. އާބާދީގައި 1045 މީހުން ހިމެނޭ މާރަންދޫގައި އާންމުކޮށް ދިރިއުޅެނީ 800 އެއްހާ މީހުންނެވެ. އަދި ރަށުގައި ދިރިއުޅޭ ޒުވާނުން ގިނަ އެވެ.

ތަކަންދޫ-މާރަންދޫ: ދެ ރަށުގެ މީހުން އާންމުކޮށް އެއް ރަށުން އަނެއް ރަށަށް ދަތުރުކުރޭ
ތަކަންދޫ-މާރަންދޫ: ދެ ރަށުގެ މީހުން އާންމުކޮށް އެއް ރަށުން އަނެއް ރަށަށް ދަތުރުކުރޭ

ދެ ރަށުގެ އަސާސީ ހިދުމަތްތަކަށް ބަލާއިރު ހަމަ އެއް ހާލަތެކެވެ. ތައުލީމީ ދާއިރާގައި ތަކަންދޫގެ ހާލަތު ދަށެވެ. މިރަށު ސްކޫލުގައި ގްރޭޑް 10 އާ ހަމައަށް ކިޔަވައިދޭއިރު ދަރިވަރުންގެ އަދަދަކީ އެންމެ 42 އެވެ. އެކަމަކު ދައުލަތުގެ ބަޖެޓުން މިލިއަނުން ހަރަދު ކުރަން ޖެހޭއިރު ބައެއް ގްރޭޑްތަކުގައި ކިޔަވަން ތިބީ ދެތިން ކުދިންނެވެ. އެ އަދަދު އަހަރަކަށް ވުރެ އަހަރެއް ދަނީ މަދުވަމުންނެވެ. މާރަންދޫ ސްކޫލުގައި 187 ކުދިން ތައުލީމް ހާސިލް ކުރަމުން އަންނައިރު އެންމެ މަދުން ދަރިވަރުން ހިމެނޭ ކްލާހެއްގައި ވެސް 12 ކުދިން ތިބެ އެވެ.

ސިއްހީ ހިދުމަތަށް ބަލާއިރު ދެ ރަށުގެ ހާލަތު ވެސް އޮތީ ހަމަ އެއް ހިސާބެއްގަ އެވެ. ޑޮކްޓަރަކާއި ދެ ނަރުހުންނާ އެކު ހިދުމަތް ދޭ އާދައިގެ ސިއްހީ މަރުކަޒެކެވެ. އާއްމު ރޯގާއެއް ފިޔަވާ އިތުރު ކަމެއް ދިމާވެއްޖެ ނަމަ ގިނަ ފަހަރަށް ޖެހެނީ ފުރައިގެން އެހެން ރަށަކަށް ދާށެވެ.

ތަކަންދޫ ސްކޫލު ދަރިވަރުން: ކުދިން މަދުވުމުގެ މައްސަލަ ބޮޑު -- ފޮޓޯ: އެޑިއުކޭޝަން
ތަކަންދޫ ސްކޫލު ދަރިވަރުން: ކުދިން މަދުވުމުގެ މައްސަލަ ބޮޑު -- ފޮޓޯ: އެޑިއުކޭޝަން

ދެ ރަށުގެ އާބާދީ ކުޑަވުމާ އެކު ރަނގަޅު ހިދުމަތްތަކެއް ނުލިބޭތީ ދެ ރަށަށް ވެސް އެންމެ ބޮޑަށް ކުރިމަތިވެފައި ވަނީ ރަށް ފަޅުވުމުގެ ބިރެވެ. ހާއްސަކޮށް ތަކަންދު އެވެ. ރަށުން މާލެ ބަދަލުވާ މީހުން ނިސްބަތުން ގިނަ އެވެ. އެ ސަބަބުތަކާ ހެދި، ހިދުމަތުގެ ގޮތުން ދެ ރަށް ގުޅުވާލުމުގެ ވާހަކަ އަބަދުވެސް ދެކެވެ އެވެ. ނަމަވެސް ރަސްމީ ގޮތެއްގައި އެކަމާ އެއްވެސް ބަޔަކު އުޅެފައެއް ނުވެ އެވެ.

ފަޅުނުކޮށް ސަލާމަތް ކުރެވިދާނެ!

ޖަޒީރާވަންތަ ގޮތަކަށް ރާއްޖެ ތަރައްގީ ކުރުމަކީ މި ސަރުކާރުގެ ވައުދަކަށް ވާއިރު މިއީ އެކަން އެންމެ ފަސޭހައިން ކުރެވެން އޮތް ދެ ރަށްކަން ޔަގީނެވެ. އެއީ ގާތްގަނޑަކަށް 2،000 އެއްހާ މީހުންގެ އާބާދީއެއް އެއްކުރުމެވެ. ދެ ރަށުގެ ބައެއް އިސް ވެރިންގެ ވެސް ހިޔާލަކީ އެ އެވެ.

ތަކަންދޫން މާރަންދުއަށް ދަތުރުކުރަމުން ދާ ދޯންޏެއް: އެންމެ ކައިރި ދެ އަވަށްޓެރިން -- ފޮޓޯ: މިހާރު
ތަކަންދޫން މާރަންދުއަށް ދަތުރުކުރަމުން ދާ ދޯންޏެއް: އެންމެ ކައިރި ދެ އަވަށްޓެރިން -- ފޮޓޯ: މިހާރު

ގިނަ އަހަރުތަކެއް ވަންދެން މާރަންދޫގެ ކަތީބުކަން ކުރައްވާފައިވާ އަދި މިހާރު އެރަށު ކައުންސިލްގެ ޑިރެކްޓަރު އަބްދުﷲ އިބްރާހިމް ވިދާޅުވި ގޮތުގައި ރަނގަޅު ފެރީގެ ނިޒާމަކުން ދެ ރަށް ގުޅުވާލުމަކީ ދައުލަތަށް ހަރަދު ކުޑަ އަދި ދެ ރަށުގެ ތަރައްގީއަށް އިތުރު ކުރިއެރުން ވެސް ލިބޭނެ ކަމެކެވެ.

ގިނަ ބައެއްގެ ހިޔާލަކީ އެކި ހިދުމަތްތައް ބަހާލައިގެން ހަމަހަމަ ގޮތަކަށް ދެ ރަށުގައި ގާއިމްކުރުމެވެ. އެގޮތުން ދެ ރަށުގެ އާބާދީއަށް އަމާޒުކޮށް އެއް ރަށެއްގައި ސްކޫލު ހިންގާފައި އަނެއް ރަށުގައި ސިއްހީ ހިދުމަތް ދޭނެ ރަނގަޅު ނިޒާމެއް ގާއިމްކުރެވިދާނެ ކަމަށް އަބްދުﷲ ގަބޫލުކުރައްވަ އެވެ.

"މިއީ ވަރަށް ފަސޭހައިން ކުރެވޭނެ ކަމެއް. އަދި އޭގެ ނަތީޖާ ވަރަށް ރަނގަޅުވާނެ ކަމެއް. ހަމަހަމަކޮށް އެކަން ކުރެވޭނެ،" އޭނާ ވިދާޅުވި އެވެ.

"މިހާރުވެސް ހަވީރު ފުޓްބޯޅަ ކުޅެލަން، ނޫނީ ވޮލީ ކުޅެލަން އެބަ ދޭ އެއް ރަށުން އަނެއް ރަށަށް. ކުޅެލާފައި އެ އަންނަނީ ކުރު ދަތުރަކަށް ފަހު. އެހެންވީމަ އެހެން ހިދުމަތްތައް ހޯދަން ވެސް އެގޮތަށް ދެވޭނެ."

މާރަންދޫ ސްކޫލް: މި ވަގުތު އެ ސްކޫލުގައި 187 ދަރިވަރުން ތައުލީމް ހާސިލް ކުރޭ-- ފޮޓޯ: މިހާރު
މާރަންދޫ ސްކޫލް: މި ވަގުތު އެ ސްކޫލުގައި 187 ދަރިވަރުން ތައުލީމް ހާސިލް ކުރޭ-- ފޮޓޯ: މިހާރު

މާރަންދޫ ސްކޫލުގެ ހެޑް ހާލިދު ވަހީދު ވިދާޅުވީ ދެ ރަށުގެ ސްކޫލް އެއްކޮށްލެވޭ ނަމަ އެއީ ދެ ރަށުގެ ދަރިވަރުންނަށް ރަނުގެ ފުރުސަތަކަށް ވާނެ ކަމެއް ކަމަށެވެ. ދަރިވަރުން ގިނަ ނަމަ ސަރުކާރުގެ ސަމާލުކަން ސްކޫލަށް ލިބޭ މިންވަރު މާ ބޮޑުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ކުދިންގެ ކިޔެވުމުގެ ފެންވަރު ރަނގަޅު ކުރެވޭނެ ވާދަވެރިކަމާ އެކު. ކިޔެވުމުގެ އިތުރުން ސްކޫލުގައި ހިންގާ ތަފާތު ޕްރޮގްރާމުތަކުން ކުދިންނަށް ލިބޭ ލާބަ މާ އިތުރުވާނެ،" ހާލިދު ވިދާޅުވި އެވެ.

ބޭނުމީ ރަނގަޅު ފެރީއެއް!

އަސުރު ނަމާދުކޮށްގެން ހަވީރު ސަޔަށް އެއް ރަށުން އަނެއް ރަށަށް މީހުން ދަތުރުކުރާ އިރު މަގުރިބު ނަމާދަށް އަމިއްލަ ރަށަށް ފަސޭހަކަމާ އެކު އެނބުރި ދެވެ އެވެ. އެއް ރަށުގެ ރައިވެރިން ބާލާ ރުކުރާ ތާޒާކަމާ އެކީ އަނެއް ރަށަށް ވިއްކަ އެވެ.

ހާލިދު ވިދާޅުވި ގޮތުގައި ރަނގަޅު ފެރީގެ ނިޒާމެއް ގާއިމްކުރެވިއްޖެ ނަމަ އެއް ރަށުން އަނެއް ރަށަށް މުވައްޒަފުން ގޮސް އުޅުމަކީ އެއްވެސް ދަތިކަމަކަށް ނުވާނެ އެވެ. އެއީ ބާރަށް ދުވާ ފެރީއެއްގައި އެންމެ ތިން މިނިޓުން ދެވޭނެތީ އެވެ. އެ ދަތުރުތައް ޝެޑިއުލްކޮށް ކޮންމެ ދުވަހަކު ބޭއްވިއްޖެ ނަމަ ދެ ރަށުގެ ގުޅުން މިހާރަށް ވުރެ މާ ބޮޑުވާނެ ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ.

ހއ. އަތޮޅު ފެރީ ތަކަންދޫ ބަނދަރުގައ: ރަނގަޅު ފެރީގެ ނިޒާމަކުން ދެ ރަށް ގުޅުވާލެވިދާނެ - ފޮޓޯ: މިހާރު
ހއ. އަތޮޅު ފެރީ ތަކަންދޫ ބަނދަރުގައ: ރަނގަޅު ފެރީގެ ނިޒާމަކުން ދެ ރަށް ގުޅުވާލެވިދާނެ - ފޮޓޯ: މިހާރު

ދޯނިފަހަރު ދުއްވުމުގައި ގިނަ ދުވަސްތަކެއް ހޭދަކޮށްފައިވާ ތަކަންދޫ، ހިތިމާގޭ، މުހައްމަދު ރަޝީދު ބުނީ ރަނގަޅު ފެރީ ނިޒާމެއް ގާއިމް ކުރެވިއްޖެ ނަމަ ކޮންމެ މޫސުމެއްގައި ވެސް ކިޔަވާ ކުދިންނާއި މުވައްޒަފުން މި ދެ ރަށަށް ދަތުރުކުރުމަކީ ދަތިކަމަކަށް ނުވާނެ ކަމަށެވެ.

"އަނގަމަތީ މަސްދޯންޏެއް ނޫން. ރަންގަޅު ފެރީއެއް ނަމަ ވަރަށް ފަސޭހަވާނެ. ހުޅުމާލެއިން ނޫނީ ވިލިނގިލިން މާލެއަށް އެ ދާން ޖެހޭ ޖެހުމަށް ވުރެ ޑަބަލް ކައިރިވާނެ. ދަތުރު އަވަސް ވެސް ވާނެ،" ރަޝީދު ބުންޏެވެ.

ދެ ރަށުގެ ވާދަވެރިކަން: ހުރަހެއް ބާ؟

ކައިރީގައި އޮންނަ ދެ ރަށުގެ މީހުންގެ މެދުގައި އޮންނަ ވާދަވެރިކަމުގެ ސަބަބުން އުފެދޭ ބައެއް މައްސަލަތައް ރާއްޖޭގައި އާންމެވެ. އިސްދު އާއި ކަލައިދޫ މީހުންގެ ދެމެދު ޖެހުނު މައްސަލައެއްގައި، މީގެ އަހަރުތަކެއް ކުރިން، ދެ އަވަށް ބެދޭ ހިސާބު ހުރަސްކޮށް ކޮނުނެވެ. ތަކަންދު އާއި މާރަންދޫއާ ދެމެދު ވެސް ވާދަވެރިކަމުގެ ޖޯޝްގައި ބައެއް ކަންކަން ހިނގާފައި އެބަހުއްޓެވެ. އެއް ރަށުން އަނެއް ރަށަށް މީހުން ދިއުމުން ދިމާކޮށް ރަށަށް އަރަން ހުރަސްއެޅުން ފަދަ ކަންކަމެވެ. ނަމަވެސް އެއީ މާޒީ އެވެ.

މިހާރު އެފަދަ އެއްވެސް ހަމަނުޖެހުމެއް ނެތެވެ. ކޮންމެ ރަށަކުން ވެސް އަނެއް ރަށަށް ކޮންމެ ދުވަހަކުހެން މީހުން ގޮސް އުޅެ އެވެ. ރުޅިވެރިކަމާއި ދެކޮޅުވެރިކަމެއް ނެތެވެ. ނަމަވެސް ދެ ރަށުގެ މީހުންގެ އާދަކާދަ އާއި ދިރިއުޅުމުގެ ވައްޓަފާޅީގެ ތަފާތުތަކާ ހެދި ދިމާވެދާނެ ހިތްހަމަނުޖެހުންތަކެއް ހުރެދާނެ އެވެ.

ތަކަންދޫގައި މީހަކު ހިނގާފައި ދަނީ: މިރަށަކީ އާބާދީ މަދުވަމުން އަންނަ ރަށެއް-- ފޮޓޯ: މިހާރު
ތަކަންދޫގައި މީހަކު ހިނގާފައި ދަނީ: މިރަށަކީ އާބާދީ މަދުވަމުން އަންނަ ރަށެއް-- ފޮޓޯ: މިހާރު

އެހެންކަމުން ތަކަންދޫ ކައުންސިލްގެ ނައިބު ރައީސް އައިޝަތު އާސިފާގެ ހިޔާލުގައި ހިދުމަތުގެ ގޮތުން ދެ ރަށް ގުޅުވާލުމުގައި މައްސަލަތަކެއް ހުރެދާނެ އެވެ. އޭގެ ސަބަބެއް ކަމަށް އޭނާ ނަންގަވަނީ ކުރިންސުރެ އޮންނަ ވާދަވެރިކަމެވެ.

"ވަރަށް ހީނުވޭ އެކަން ކުރެވޭނެ ހެނެއް. ދެ ރަށުގެ ރައްޔިތުން ވެސް އެގޮތަށް އެކަން ކުރަން ބޭނުންވާހެނެއް ވެސް ހިއެއް ނުވޭ. ރައްޔިތުން ނުރުހޭ ކަމެއް އެއީ،" އާސިފާ ވިދާޅުވި އެވެ.

އެކަމަކު މާރަންދޫގައި ގިނަ ދުވަސްތަކެއް ވަންދެން ވެރިކަން ކުރެއްވި އަބްދުﷲގެ ހިޔާލު ތަފާތެވެ. އޭނާ ވިދާޅުވާ ގޮތުގައި ޒަމާނަށް އައި ބަދަލުތަކާ އެކު އެވާދަވެރިކަން މިހާރު ވަނީ ނެތިފަ އެވެ.

"މިހާރު ހިއެއްނުވޭ [ކުރީގައި ހެން] މަސްލަހަތު ގޯސްވާނެހެނެއް. އެއަށް ވުރެ ރައްޔިތުން މާ ހޭލުންތެރި. ހާއްސަކޮށް ޒުވާނުން ހޭލުންތެރި،" އަބްދުﷲ ވިދާޅުވި އެވެ.

ހަގީގަތަކީ އާބާދީ ކުޑަވުމުގެ ސަބަބުން ދެ ރަށަށް ވެސް އެކަށީގެންވާ ހިދުމަތްތައް ނުލިބުމެވެ. އެކަމަކު ދެ ރަށު އެއްކޮށްލައިގެން ހިދުމަތްތައް ދޭން ފެށުމުން އެކަން މިހާރަށް ވުރެ ރަނގަޅުވާނެ އެވެ. އެހެންކަމުން ޖަޒީރާވަންތަ ތަރައްގީއެއް ގެނައުމަށް އެންމެ އެކަށީގެންވާ ދެ ރަށަކީ މިއީ އެވެ. އަދި އަޖުމަބެލުމުގެ ގޮތުން ވެސް އެ މަގުން ކަންކަން ތައާރަފުކުރެވިދާނެ އެވެ.