ރިޔާސީ އިންތިހާބުގެ ބަލިވެވަޑައިގަތަސް "ހުވާކުރައްވާނީ ރައީސް ޔާމީން" ކަމަށް ޕީޕީއެމްގެ ބައެއް މީހުން ދައްކާ ވާހަކައަށް އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) މިއަދު، ތަކަންދޫގައި ހުންނަވައި، ރައްދު ދެއްވައިފި އެވެ.
ހއ. އަށް ކުރައްވާ ދަތުރުގައި ހާހެއްހާ މީހުންގެ އާބާދީއެއް އޮންނަ ތަކަންދޫގެ ސަޕޯޓަރުންނާ ބައްދަލުކުރައްވާ އިބޫ ވިދާޅުވީ ރައީސް ޔާމީނަށް އިންތިހާބު ކާމިޔާބު ނުވިޔަސް ވެރިކަމުގައި ހުންނަވާނެ ކަމަށް ވާހަކަ ދެކެވުނަސް އެ ފުރުސަތު ރައްޔިތުން ނުދޭނެ ކަމަށެވެ.
"އަޅުގަނޑަކަށް ނުފެނޭ އެޖަހާ ހިސާބެއް. އަޅުގަނޑުމެންނަކަށް ނުފެނޭ އެ ފުރުސަތު ރައްޔިތުން ދެއްވާނެ ތަނެއް،" ޕީޕީއެމްގެ ބައެއް މީހުން އާންމުންގެ ތެރޭގައި ދައްކަމުން އަންނަ ވާހަކައާ ގުޅޭ ގޮތުން އިބޫ ވިދާޅުވި އެވެ.
"ރައްޔިތުންގެ ނިންމުމާ އެކީގައި ރައްޔިތުން އެކަން ތަންފީޒު ކުރާނެ. އެއަށް ހުރަސް އަޅާނެ މީހެއް، ފަރާތެއް، އިދާރާއެއް ރާއްޖެއަކު ނުހުންނާނެ."
އިދިކޮޅު ކޯލިޝަނަށް އިންތިހާބު ކާމިޔާބު ވާނެ ކަމުގެ ޔަގީންކަން އޮތް ކަމަށް ވިދާޅުވެ އިބޫ އެދިވަޑައިގަތީ "ފަރުވާކުޑަނުކޮށް މަސައްކަތްކުރުމަށެ"ވެ.
އެގޮތުން ވޯޓު އޮޅުވާލާތޯ ފާރަވެރިވެ ތިބުމުން ރައީސް ޔާމީން ޖެހޭނީ އެ ދުވަހު ބަލި ގަބޫލުކުރައްވައި ގެއަށް ވަޑައިގަންނަވަން ކަމަށް ވެސް އިބޫ ވިދާޅުވި އެވެ.
މި ސަރުކާރުން ހިންގާ އެންމެ ބޮޑު މަޝްރުއަކީ ރަށްރަށުގައި ފުޓްބޯޅަ ދަނޑުތައް ހެދުން ކަމަށް ވިޔަސް، އޭނާ ވިދާޅުވި ގޮތުގައި، އެފަދަ ކަމެއް ތަކަންދުއަށް ކޮށްދީފައެއް ނުވެ އެވެ.
މި ދަތުރުގައި މާރަންދޫގެ ސަޕޯޓަރުންނާ ބައްދަލުކުރައްވައި އިބޫ ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުން ނުހައްގުން ދޭ އަނިޔާތައް ލިބިވަޑައިގަންނަވާ އެއް ބޭފުޅަކީ، އެރަށުގެ ގިނަ ބަޔަކު ތާއީދުކުރާ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ކަމަށެވެ.
ފުޓްބޯޅަ ދަނޑުގެ އިތުރުން ތަކަންދު އާއި މާރަންދޫގައި ނަރުދަމާ އާއި ފެނުގެ ނިޒާމް ގާއިމްކޮށްދެއްވާނެ ކަމުގެ ވައުދު އިބޫ ވެވަޑައިގަތެވެ.