ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް، އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ހއ. އާއި ހދ. އަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުގައި އެކި ރަށްރަށަށް ވަޑައިގެންނެވިއިރު އެއްވެސް ރަށަކުން އޭނާއާ ދެކޮޅަށް އަޑެއް ނުއުފުލަ އެވެ. ދެކޮޅަކަށް ނުނިކުމެ އެވެ. ނަމަވެސް ކެލައަށް މިއަދު ވަޑައިގެންނެވިއިރު، އެމްޑީޕީގެ ސަޕޯޓަރުންތަކެއް ތިބީ މުއިއްޒާ ދެކޮޅަށް އަޑު އުފުލަން ނުކުމެ އެވެ.

އެމްޑީޕީގެ ޓީޝާޓް ލައިގެން އެ ޕާޓީގެ ދިދަ ހިފައިގެން ތިބި މީހުން މުއިއްޒު ކެލައަށް ވަޑައިގަތުމާ އެކު، ހުތުރު ބަހުން ގޮވައި އަޑުގަދަ ކުރަން ފެށި އެވެ. ރަށުގެ އިންޖީނުގެ ފަހަތަށް އެއްވި މީހުންގެ އެންމެ ބޮޑު ހިތްހަމަނުޖެހުމަކީ، ހައުސިން މިނިސްޓަރަކަށް މުއިއްޒު ހުންނެވި ދުވަސްވަރު މި ރަށުގެ ބަނދަރު ހެދި ގޮތެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް އިދިކޮޅު ކޯލިޝަންގެ ލީޑަރު ޑރ. މުއިއްޒު ކެލައަށް ވަޑައިގެންނެވިއިރު، އޭނާއާ ދެކޮޅަށް ބަޔަކު އަޑުއުފުލަނީ.-- ފޮޓޯ: އާސިމާ ނިޒާރު/ މިހާރު
ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް އިދިކޮޅު ކޯލިޝަންގެ ލީޑަރު ޑރ. މުއިއްޒު ކެލައަށް ވަޑައިގެންނެވިއިރު، އޭނާއާ ދެކޮޅަށް ބަޔަކު އަޑުއުފުލަނީ.-- ފޮޓޯ: އާސިމާ ނިޒާރު/ މިހާރު

ނަމަވެސް މުއިއްޒު ހެއްދެވި ގޮތަކީ ޕީޕީއެމްގެ ހަރުގެ އަށް ވަޑައިގެންނެވި ވަގުތު އޭނާއާ ދެކޮޅަށް ނުކުމެފައި ތިބި މީހުންނާ ކާރު އަރާ ހަމަވުމުން ކާރުން ކާރުން ފައިބައިގަތީ އެވެ. އެމްއެންޑީއެފްގެ ސެކިއުރިޓީންނާ އެކު، އަޑު އުފުލި މީހުންގެ ގާތަށް ވަޑައިގެން އެ މީހުންނާ ސަލާމް ކުރެއްވި އެވެ. ވަކިވަކިން އެންމެންނާ ސަލާމް ކުރައްވަމުން ގެންދެވިއިރު އެމްޑީޕީގެ ސަޕޯޓަރުން ވެސް ތިބީ ހަމަޖެހިލައިގެންނެވެ. މުއިއްޒާ ސަލާމް ކުރީ ހިނިތުންވުމާ އެކު އެވެ.

މުއިއްޒާ ދެކޮޅަށް ކެލާގައި އަޑުއުފަލުން ދިޔަ އެމްޑީޕީގެ ސަޕޯޓަރުންނާ އޭނާ މިއަދު ސަލާމްކުރައްވަނީ.-- ފޮޓޯ: ޕީޕީއެމް
މުއިއްޒާ ދެކޮޅަށް ކެލާގައި އަޑުއުފަލުން ދިޔަ އެމްޑީޕީގެ ސަޕޯޓަރުންނާ އޭނާ މިއަދު ސަލާމްކުރައްވަނީ.-- ފޮޓޯ: ޕީޕީއެމް

އެމްޑީޕީގެ މަދު ބަޔަކު މުއިއްޒާ ދެކޮޅަށް ނުކުމެ އަޑު އުފުލިއިރު، ޕީޕީއެމް/ޕީއެންސީގެ ސަޕޯޓަރުން ދިޔައީ އޭނާ އަށް ތާއީދުކޮށް އަޑުގަދަ ކުރަމުންނެވެ. އެއްވެސް ހަމަނުޖެހުމެއް ނުހިނގަ އެވެ.

ހއ. އަދި ހދ. އަތޮޅުން 10 ވަނަ ރަށަށް މުއިއްޒު މިއަދު ވަޑައިގެންނެވިއިރު، ކެލާ ފިޔަވައި އެއްވެސް ރަށަކުން އޭނާއާ ދެކޮޅަށް އަޑު އުފުލާފައެއް ނުވެ އެވެ.