މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް މަސައްކަތްކުރާ ޒުވާން އެކްޓިވިސްޓް ގްރެޓާ ތަންބާގަށް އިނާމެއްގެ ގޮތުގައި ލިބުނު 100،000 ޑޮލަރު، ކޮރޯނާވައިރަހާ ހެދި ހާލުގައި ޖެހިފައިވާ ކުދިންނަށް އެހީވާން ހަދިޔާކޮށްފި އެވެ.
ސްވިޑްން އަށް އުފަން 17 އަހަރުގެ ގްރެޓާ ހަދިޔާކުރަން ނިންމި ފައިސާ އަކީ މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް އޭނާ ދުނިޔޭގެ ފެންވަރުގައި ކުރަމުން އަންނަ މަސައްކަތުގެ އަގުވަޒަންކޮށް، ޑެންމާކްގެ ޖަމިއްޔާއެއް ކަމަށްވާ ހިއުމަން އެކްޓް އިން ދީފައިވާ ފައިސާގެ އިނާމެކެވެ.
އެ ފައިސާ ގްރެޓާ ހަދިޔާކުރީ އދ. ގެ ކުޑަކުދިންގެ ހައްގުތަކާ ބެހޭ ޖަމިއްޔާ ޔުނިސެފަށެވެ. ގްރެޓާގެ މި އެހީވެގެން ދާނީ އެ ޖަމިއްޔާ އިން ކުޑަކުދިންނަށް ކާނާ އާއި ބޭސްފަރުވާ ފަދަ ކަންކަން ފޯރުކޮށް ދިނުމަށް ކުރާ މަސައްކަތްތަކަށް ލިބޭނެ ވަރަށް ބޮޑު އެހީއަކަށެވެ.
ގްރެޓާގެ ފަރާތުން ލިބުނު އެހީ އަށް ޔުނިސެފުން ޝުކުރު ވެސް އަދާކޮށްފައިވެ އެވެ.
ގްރެޓާ ބުނީ މި ދަނޑިވަޅަކީ ވީހާ ވެސް ގިނަ ބަޔަކު ޔުނިސެފަށް އެހީ ފޯރުކޮށްދޭންވީ ވަގުތެއް ކަމަށާއި މީގެ ސަބަބުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މި ވަގުތު ކޮވިޑް-19އާ ދިމާކޮށް ހާލުގައި ޖެހޭ ކުދިންގެ ހާލަތު ރަނގަޅުކުރަން ވަރަށް ބޮޑަށް ފުރުސަތު ލިބިގެން ދާނެ ކަމަށެވެ.
"އެހެންވެ ވީހާ ވެސް ގިނަ ބަޔަކު އެހީވުމަށް ގޮވާލަން." އޭނާ ބުންޏެވެ.