ހުޅުމާލޭގެ ހިޔާ ފްލެޓްތައް ކައިރި ފެހިކުރުމަށް ކުރާ މަސައްކަތުގެ ދަށުން އެ ތަނުގައި ހިނކަދިފަތް ގަހާއި ރާނބާ ފަތް ފަދަ ގިނަ ބަޔަކަށް ބޭނުންކުރެވޭނެ ބާވަތްތަކުގެ ގަސްތައް އިންދާނެ ކަމަށް އެޗްޑީސީން މިއަދު ބުނެފި އެވެ.
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އަލަށް މީހުން އާބާދުވާން ފެށުމާ އެކު، އެ ސަރަހައްދު ފެހި ކުރުމުގެ މަސައްކަތް އެ ކޯޕަރޭޝަނުން އަންނަނީ ކުރަމުންނެެވެ.
ހުޅުމާލެ ފެހިކުރުމުގެ މަސައްކަތުގައި އިސްކޮށް އުޅުއްވާ އިބްރާހިމް ޝަރުމީލް ވިދާޅުވީ، ހިޔާ ކޯޓްޔާޑުގެ ނަމުގައި ޓަވަރުތަކުގެ ކައިރީގައި ކުދިކުދި ޕާކުތަކެއް ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި ޕްލޭނިން ޑިޕާޓްމަންޓުން ގަސް އިންދާނެ ގޮތުގެ ޑިޒައިންތައް ވެސް މިހާރު ހަދާފައިވާ ކަމަށެވެ.
އެހެންވެ، ގަސް އިންދުމުގެ މަސައްކަތް ފެށުމަށް ގްރީނިން ޑިޕާޓްމަންޓުން މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
ޝަރުމީލް ވިދާޅުވި ގޮތުގައި އެ ތަން ފަރުމާކޮށްފައި ވަނީ އާންމުންނަށް އިށީންދެލައިގެން ތިބެވޭ ގޮތަށް ގޮނޑި ޖަހައި ހިޔާދޭ ބޮޑެތި ގަސްތަކެއް ކޮންމެ ޔާޑެއްގައި ވެސް އިންދާ ގޮތަށެވެ.
ހިޔާވާނެ ކަހަލަ ބޮޑެތި ގަސްތަކުގެ އިތުރުން، އެ ތަނުގައި އުޅޭ އާންމުންނަށް ބޭނުންކުރެވޭ ކަހަލަ ގަސްތައް ވެސް އިންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ޝަރުމީލް ވިދާޅުވީ، ހިކަނދި ފަތާއި ރާނބާ ފަތުގެ އިތުރުން ލެމަންގްރާސް އާއި ގަނދަކޯޅި ގަހާއި ހުވަނދުމާ ކަހަލަ ގިނަ ބަޔަކަށް ބޭނުންކުރެވޭ ކަހަލަ ގަސްތައް އެ ތަނުގައި އިންދާނެ ކަމަށެވެ.
ތަފާތު އެކި ކަހަލަ މާގަސްތައް ވެސް އެ ޕާކުގައި އިންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.