ދައުލަތުގެ މުވައްޒަފުން ތަމްރީނުކުރަން އަހަރުގެ މިހާތަނަށް ބަޖެޓުން 422 މިލިއަން ރުފިޔާ ހޭދަކޮށްފި އެވެ.
ފިނޭންސް މިނިސްޓްރީގެ ހިސާބުތަކުން ދައްކާ ގޮތުން އެއީ މިދިޔަ އަހަރަށް ވުރެ 70 ޕަސެންޓް އިތުރު އަދަދެކެވެ. މިދިޔަ އަހަރު ޓްރެއިނިން ހަރަދުތަކަށް ވަނީ 248 މިލިއަން ރުފިޔާ ހޭދަކޮށްފަ އެވެ.
މި އަހަރުގެ ބަޖެޓުގައި ރާއްޖެ އާއި ރާއްޖެއިން ބޭރުގައި ހިންގާ ޓްރެއިނިންތަކަށް 620 މިލިއަން ރުފިޔާ ހިމަނާފައިވެ އެވެ.
ސަރުކާރުގެ ހިންގާ އެކި ތަމްރީނުތަކަށް ކުރި ހޭދަ އިތުރުވިއިރު، މިއަހަރަށް ބަޖެޓްކުރި ޓްރެއިނިން ހަރަދު މިދިޔަ އަހަރަށް ވުރެ 170 ޕަސެންޓް އިތުރެވެ.
ޓްރެއިނިން ހަރަދު ގާތްގަނޑަކަށް ތިން ގުނަ އިތުރުވީ، ސަރުކާރުން ފެށި މޯލްޑިވްސް ނެޝަނަލް ސާވިސް (ދިވެހި ވަތަނީ ހިދުމަތް) ޕްރޮގްރާމުގެ ދަށުން ޒުވާނުން ތަމްރީނު ކުރުމަށެވެ. އެގޮތުން ސިފައިންނާއި ފުލުހުންގެ ވަޒީފާއަށް ޒުވާނުން ރެކްރޫޓް ކުރުމުގެ އެ ޕްރޮގްރާމްގެ ދަށުން އަހަރަކު 1،000 ކުދިން ތަމްރީނު ކުރާނެ އެވެ. އަދި އެ ޕްރޮގްރާމްގެ ބައިވެރިންނަށް ޓްރެއިނިން އެލަވަންސްގެ ގޮތުގައި މަހަކު 6،000ރ. ދެ އެވެ.
ނެޝަނަލް ސާވިސްގެ ޓްރެއިނިންގެ ފުރަތަމަ ބެޗް ފެށީ 2024 ވަނަ އަހަރު އެވެ. އެ ޕްރޮގްރާމް ކުރިއަށް ދަނީ ސިފައިންގެ ޓްރެއިނިން ސެންޓަރެއް ކަމަށްވާ ޅ.މާފިލާފުށީގަ އެވެ.