އިލެކްޝަންސް ކޮމިޝަންގެ އިދާރާގެ ހިންގަން އާ އިމާރާތެއް މާލެއިން ކުއްޔަށް ހޯދަން އިއްޔެ އިއުލާންކޮށްފި އެވެ.
އީސީން ކުރި އިއުލާނުގައި ބުނީ އެ ކޮމިޝަން ހިންގާނެ އިމާރާތެއް 10 އަހަރުގެ މުއްދަތަށް ކުއްޔަށް ދޫކުރާނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ. އަދި ޝަރުތު ފުރިހަމަވާ ހުރިހާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށް އެ އިއުލާނުގައި ބުންޏެވެ.
ބީލަން ހުޅުވުން އޮންނާނީ މި މަހު 28 ގައި ކަމަށް ވެސް އެ އިއުލާނުގައި ބުންޏެވެ.
އީސީގެ އޮފީސް މިހާރު ހިންގަނީ ހިލާލީމަގުގައި ހުންނަ ޕޯޓް ކޮމްޕްލެކްސް އިމާރާތުގަ އެވެ. އަދި އެ އިދާރާގެ ބައެއް ދަރުބާރުގޭގައި ވެސް ހިންގަ އެވެ.
އީސީގެ އިއުލާނުގައި ހިމަނާފައިވާ ބީލަމުގެ މައުލޫމާތު ކަރުދާހުގައިވާ ގޮތުގައި، އެ އިދާރާއިން ހޯދަނީ މާލޭގައި ހުރި އިމާރާތެކެވެ. އަދި 10 އަހަރުގެ މުއްދަތަށް ކުއްޔަށް ދޫކުރާ އެ އިމާރާތުގައި މަދުވެގެން 13،500 އަކަފޫޓް ހުންނަންވާނެ އެވެ.
ކުއްޔަށް ހިފުމުގައި އިސްކަންދޭނެ ކަންކަމުގެ ތެރޭގައި އިމާރާތުގައި ހަތަރު ފުރޮޅުލީ އުޅަނދު ޕާކްކުރެވޭނެ ޖާގަ އޮތުމާއި ފުޅާ މަގެއްގައި ހުރި އިމާރާތަކަށް ވުމާއި އެއް ލިފްޓަށް ވުރެ ގިނަ ލިފްޓު ހަރުކޮށްފައި ހުރުން އަދި އޮފީސް ބޭނުމަށް އިމާރާތްކޮށްފައިވާ އިމާރާތަކަށް ވުން ހިމެނޭ ކަމަށް އީސީގެ ބީލަމުގެ މައުލޫމާތު ކަރުދާހުގައި ބުނެފައިވެ އެވެ.