ޓީވީއެމްގެ ގޯތިތެރޭގައި 15 ބުރީގެ އިމާރާތެއް އަޅަން ނިންމައި، އެތަން އިމާރާތްކުރާނެ ބަޔަކު ހޯދަން ދައުލަތުގެ މީޑިއާ ޕީއެސްއެމް އިން އިއުލާންކޮށްފި އެވެ.
މީގެ ދެ ދުވަސް ކުރިން ޕީއެސްއެމް އިން ކުރި އިއުލާނެއްގައި ބުނެފައި ވަނީ ޓީވީއެމްގެ ގޯތިތެރޭގައި 7،000 އަކަފޫޓް ސަރަހައްދެއްގައި 15 ބުރީގެ އަމާރާތެއް އެޅުމަށް ބޭނުން ވާތީ، މި އިމާރާތް ޑިޒައިންކޮށް، އިމާރާތްކޮށްދޭން ޝައުގުވެރިވާ ފަރާތްތަކަށް މައުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުމެއް އަންނަ މަހުގެ 2 ގައި އޮންނާނެ ކަމަށެވެ.
ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު އަލީ ހާލިދު "މިހާރު" އަށް ވިދާޅުވީ މި އިމާރާތަކީ ޕީއެސްއެމްގެ ހުރިހާ ހިދުމަތްތަކެއް އެއްތަނަކަށް ބަދަލުކުރުމުގެ ގޮތުން ފަށާފައިވާ މަސައްކަތެއް ކަމަށެވެ. އަދި މި އިމާރާތާ އެކު، އެ ކުންފުނި ހިންގުގެ ހަރަދުތަކަށް ވެސް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށެވެ.
"މިދިޔަ އަހަރުން ފެށިގެން އަޅުގަނޑުމެން މި އަންނަނީ މި މަސައްކަތް ކުރަމުން. ތަން ޑިޒައިންކޮށް، އިމަރާތްކުރާނެ ފަރާތެއް މިހާރު މި ހޯދަނީ،" އަލީ ހާލިދު ވިދާޅުވި އެވެ.
މި އިމާރާތް އެޅުމުން މިހާރު މާފަންނުގައި ހިންގަމުން އަންނަ ދިވެހިރާއްޖޭގެ އަޑުގެ އިމާރާތުން ދެމުން އަންނަ ހުރިހާ ހިދުމަތެއް ވެސް މިތަނަށް ބަދަލުކުރަން ވަނީ ނިންމައިފަ އެވެ.
އަލީ ހާލިދު ވިދާޅުވީ މި އިމާރާތް އަޅަން ދާ ހަރަދުގެ 25 ޕަސެންޓަކީ ބޭންކް ލޯނު ކަމަށާއި އަދި ބާކީ ހަރަދުތައް ކުރާނީ އެ ކުންފުނިން ކަމަށެވެ.
ޕީއެސްއެމްގެ ޓީވީ ޗެނަލްތަކާއި ރޭޑިއޯ ޗެނަލްތައް މިހާރު ހިންގަމުން އަންނަނީ ވަކި ދެ އިމާރާތެއްގަ އެވެ.