ރާއްޖޭގެ ޕާސްޕޯޓް ބުކްލެޓް ތައްޔާރުކުރާ ޖަރުމަނުގެ ކުންފުނިން ބުކްލެޓް ފޮނުވުން ލަސްވެ، ބުކްލެޓް  މަދުވެފައި ވާތީ އެކަމުގައި އާއްމުންނަށް ދައްޗެއް ކުރިމަތި ނުވާނެ ގޮތަށް ޕާސްޕޯޓް ހެދުމަށް މޯލްޑިވްސް އިމިގްރޭޝަނުން ވަގުތީ އިންތިޒާމްތަކެއް ހަމަޖައްސައިފި އެވެ.

އިމިގްރޭޝަނުން ކުރި އިއުލާނެއްގައި ބުނީ ޕާސްޕޯޓް ބުކްލެޓް ފޮނުވަން ކަނޑައަޅާފައި އޮތް ތާރީހަށް ނުފޮނުވޭނެ ކަން ރާއްޖެއަށް އެ ހިދުމަތް ފޯރުކޮށްދޭ ޖަރުމަނުގެ ޑާމަލޮގް ކުންފުނިން އަންގާފައިވާ ކަމަށެވެ. 

ބުކްލެޓް ފޮނުވޭނީ އެ ކުންފުނިން އަންގާފައިވާ ގޮތުގައި، އަންނަ މަހުގެ ފަހުކޮޅެވެ. 

އެ ކުންފުންޏާ ހަވާލާދީ އިމިގްރޭޝަނުން ބުނި ގޮތުގައި ޕާސްޕޯޓް ބުކްލެޓް ފޮނުވުން ލަސްވީ އެ ކުންފުނީގެ ޕްރިންޓްހައުސް އަށް ދިމާވި މައްސަލައެއްގެ ސަބަބުންނެވެ.

އިމިގްރޭޝަނުން ހަމަޖެއްސި ވަގުތީ އިންތިޒާމު

  1. ރާއްޖޭގައި ހުރި މީހެއްގެ ޕާސްޕޯޓްގެ މުއްދަތު ހަމަވެގެން ޕާސްޕޯޓް ހަދަން ޖެހިއްޖެ ނަމަ ބާ ޕާސްޕޯޓްގެ މުއްދަތު އިތުރުކުރުން. މި މުއްދަތު އިތުރުކުރާނީ ޖޫން، 30، 2027އާ ހަމައަށް 
  2. ދިވެހިން އާއްމުކޮށް ގޮސް އުޅޭ އިންޑިއާ އާއި ސްރީ ލަންކާ ފަދަ ގައުމުތަކަށް ދަތުުރުކުރަން އަލަށް ޕާސްޕޯޓް ހަދާ މީހުންނަށް އިމަޖެންސީ/ވަގުތީ ޑޮކިއުމެންޓެއް ދޫކުރުން.

އިމިގްރޭޝަނުން ބުނި ގޮތުގައި ކުރިއެކޭ އެއްގޮތަށް ޕާސްޕޯޓް ދޫކުރެވެންދެން ހަމަޖެއްސި މި އިންތިޒާމްގެ ދަށުން އެ ދެ ހިދުމަތަށް އަގެއް ނުނަގާނެ އެވެ. 

އިމަޖެންސީ ޕާސްޕޯޓަކީ ވެސް އިންޓަނޭޝަނަލް ސިވިލްއޭވިއޭޝަން އޯގަނައިޒޭޝަން (އައިކާއޯ)ގެ މިންގަނޑުތަކާ އެއްގޮތަށް އެއް އަހަރުގެ މުއްދަތަށް ދޫކުރާ އަށް ސަފުހާގެ ލިއުމެއް ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

އިމިގްރޭޝަނުން ބުނީ ޕާސްޕޯޓް ބުކްލެޓް ފޮނުވުމުގައި މިފަހަރު ލަސްވުމެއް އުޅުނަސް ޖަރުމަނުގެ އެ ކުންފުންޏަކީ ވޭތުވެދިޔަ 10 އަހަރު ވެސް ޕާސްޕޯޓް ބުކްލެޓް ފޯރުކޮށްދޭ ކުންފުންޏެވެ. މި މުއްދަތުގައި އެއްވެސް މައްސަލައެއް ދިމާވެފައި ނުވާ ކަން އިމިގްރޭޝަނުން ފާހަގަކުރެ އެވެ.

ޕާސްޕޯޓާ ގުޅޭ ވަގުތީ އިންތިޒާމުތަކެއް ހަމަޖައްސަން ޖެހުނަސް އެއްވެސް ރައްޔިތަކަށް ރާއްޖެއިން ބޭރަށް ދަތުރުކުރުމުގައި އެއްވެސް ހުރަހެއް ކުރިމަތިނުވާނެ ކަމުގެ ފުރިހަމަ ޔަގީންކަން ދޭ ކަމަށް އެ އިދާރާ އިން ބުންޏެވެ.