އާންމުންގެ ކަންބޮޑުވުންތަކާއި ޝަކުވާތައް ހުށަހެޅޭނެ ގޮތަށް "ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯ" ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އުފައްދައިފި އެވެ. 

ރައީސް އޮފީހުން ބުނީ އަލަށް އުފެއްދި އެ ބިއުރޯއަކީ ރައްޔިތުންގެ ކަންބޮޑުވުންތަކާއި ޝަކުވާތައް ހުށަހެޅުމަށްޓަކައި 24 ގަޑިއިރު ހިދުމަތް ދިނުމަށް ރައީސް އޮފީހުގައި ގާއިމްކުރި ބިއުރޯއެއް ކަމަށެވެ. 

އެތަން އުފައްދަވާނެކަން ރައީސް ވަނީ މިދިޔަ ފެބްރުއަރީ މަހުގެ ރައްޔިތުންގެ މަޖިލީހުގައި ރިޔާސީ ބަޔާން އިއްވަވަމުން އިއުލާން ކުރައްވައިފަ އެވެ.

ރައީސް އޮފީހުން ބުނީ އެ ބިއުރޯގެ މަސައްކަތްތައް އަމަލީ ގޮތުން ފެށޭނީ މިއަހަރުގެ މެދު ތެރޭގައި ކަމަށާއި އަދި އެތަނުގެ މަސައްކަތްތައް ފެށުމަށްޓަކައި ހަމަޖައްސަންޖެހޭ އިދާރީ އިންތިޒާމުތަކާއި އެ ބިއުރޯއަށް ހޯދަން ޖެހޭ މުވައްޒަފުން ހޯދުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

އެ ކޮމްޕްލެއިންޓްސް ބިއުރޯގެ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި ހިމެނެނީ އެކިއެކި ޕްލެޓްފޯމްތައް މެދުވެރިކޮށް ރައްޔިތުން ހުށަހަޅާ ޝަކުވާތައް ޑިޖިޓަލް ސިސްޓަމެއްގެ ތެރެއިން މެނޭޖް ކުރުމުގެ އިންތިޒާމު ހަމަޖެއްސުމާއި އެ ޝަކުވާތަކާ ބެހޭގޮތުން ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ހޯދަންޖެހޭ މައުލޫމާތު ހޯދައި އެ ޝަކުވާތަކަށް ޖަވާބު ދިނުމެވެ.

ބިއުރޯގެ ބައެއްގެ ގޮތުގައި 24 ގަޑިއިރު ހިދުމަތް ފޯރުކޮށްދޭ ކޯލް ސެންޓަރެއް ގާއިމްކުރާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.