ގޫގުލް އިން ޑާކް މޯޑް ޓެސްޓްކުރަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ބައެއް މީޑިއާތަކުން ބުނީ މިކަން ކުރިއަށް ގެންދަނީ އަދި ވަރަށް ލިމިޓެޑްކޮށް ކަމަށާއި މިއީ ޑެސްކްޓޮޕަށް ހާއްސަ ޑާކް މޯޑެއް ކަމަށެވެ. ގޫގުލް ސާޗް ޕޭޖް ޑާކް މޯޑަށް ބަދަލުވުމުން އިންނާނީ ކަޅުކުލައާ ގާތްކުރާ އަޅި ކުލައެއްގަ އެވެ.

ޑާކް މޯޑާ ބެހޭ ސުވާލުކުރުމުން އޮފިޝަލަކު މީޑިއާތަކަށް ވިދާޅުވީ އެކަމާ ބެހޭ ގޮތުން މި ވަގުތު ހާމަކުރާނެ އެއްވެސް މައުލޫމާތެއް ނެތް ކަމަށެވެ.

"އަބަދު ވެސް އަހަރެމެންނަކީ ހިދުމަތް ތަރައްގީކުރަން މަސައްކަތްކުރާ ބައެއް. އަބަދު ވެސް އާ ކޮންމެވެސް ކަމެއް އޮންނާނެ ޓެސްޓިން މަރުހަލާގައި،" އޭނާ ވިދާޅުވި އެވެ. "އެހެންވީމަ މި ވަގުތަކު ނެތް ޑާކް މޯޑާ ބެހޭ ގޮތުން ސީދާ ވަކި އެއްޗެއް ބުނެވޭކަށް."

ބައެއް މީޑިއާތަކުން ބުނެފައިވާ ގޮތުގައި ޑެސްކްޓޮޕްގައި ގޫގުލް ސާޗް ޑާކް މޯޑަށްދާކަން އެންމެ ފުރަތަމަ ފާހަގަކުރެވިފައި ވަނީ މިދިޔަ މަހުގެ ތެރޭގަ އެވެ. އަދި ޑާކް މޯޑް މި ވަގުތު ޓެސްޓްކުރެވެނީ ވިންޑޯސް 10 އާއި މެކްއޯއެސްގައި ވަރަށް ލިމިޓެޑްކޮށް ކަމަށް މީޑިއާތަކުން ބުންޏެވެ.