ގޫގުލް މެދުވެރިކޮށް ސާޗްކޮށް، ޝެއާކުރާ ކޮންޓެންޓްތަކަށް ރޯޔަލްޓީއެއް ނަގާ ގޮތަށް ގާނޫނެއް ފާސްކުރަން އުޅޭތީ ގޫގުލް ސާޗް އޮސްޓްރޭލިއާގައި ހުއްޓާލަން ޖެހިދާނެ ކަމަށް އެ ކުންފުނިން އިންޒާރު ދީފި އެވެ.

ގޫގުލް އަކީ އެންމެ ގިނަ ބަޔަކު ބޭނުންކުރާ ސާޗް އިންޖީނެވެ. އޮސްޓްރޭލިއާގައި އެ ބޭނުން ނުކުރެވޭ ގޮތް ހަދައިފި ނަމަ ގިނަ ބަޔަކަށް ބޮޑެތި ދަތިތަކަކާ ކުރިމަތިލާން ޖެހި، އެތައް ގެއްލުމަކާ ކުރިމަތިލާން ޖެހޭނެ އެވެ. އޮސްޓްރޭލިއާ އަކީ ގޫގުލްގެ އެންމެ ބޮޑު އެއް މާކެޓެވެ.

އެ ގައުމުން ގާނޫނަކަށް ހަދަން އުޅޭ "ނިއުސް މީޑިއާ ބާގެއިން ކޯޑް" ގައި ވާގޮތުން ނޫސް މީޑިއާތަކުގެ ލިޔުންތައް ގޫގުލް އާއި ފޭސްބުކްގައި ހިއްސާކުރާ ނަމަ އެ އެއްޗެހީގެ އަސްލު ވެރި ފަރާތަށް ދެ ތަނުން އަގެއް ދޭން ޖެހޭނެ އެވެ. މިފަދަ ބިލެއް އޮސްޓްރޭލިއާގެ ގާނޫނު ހަދާ މަޖިލީހަށް ހުށަހެޅީ މިދިޔަ އަހަރު އެވެ. މީގެ ބޭނުމެއް ކަމަށް ވަނީ ޓެކް ކުންފުނިތައް ސަރުކާރުން ރެގިއުލޭޓްކުރެވޭ ގޮތަށް އޮތުމެވެ.

"ނިއުސް މީޑިއާ ބާގެއިން ކޯޑް" އާ ގުޅޭ ގޮތުން ހުކުރު ދުވަހު ސެނެޓްގައި ބޭއްވި އަޑު އެހުމެއްގައި ގޫގުލް އޮސްޓްރޭލިއާގެ މެނޭޖިން ޑިރެކްޓަރު މެލް ސިލްވާ ވިދާޅުވީ އެއީ ތަންފީޒުކުރެވޭނެ ގާނޫނަކަށް ނުވާނެ ކަމަށެވެ.

"މި ބިލް ގާނޫނަކަށް ވެއްޖެ ނަމަ އަހަރެމެންނަށް އޮންނާނެ އިހްތިޔާރަކީ އޮސްޓްރޭލިއާގައި ގޫގުލް ސާޗް ހުއްޓުމަކަށް ގެނައުން،" އޭނާ ވިދާޅުވި އެވެ.

މި ވާހަކަތަކާ ގުޅިގެން އެ ގައުމުގެ ބޮޑުވަޒީރު ސްކޮޓް މޮރިސަން ވަނީ ގޫގުލް އިން އޮސްޓްރޭލިއާ އަށް ބިރުނުދެއްކޭނެ ކަމަށް ވިދާޅުވެފަ އެވެ. އަދި އޮސްޓްރޭލިއާގައި ކަންކަން ހިނގާނީ އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުން ފާސްކުރާ ގާނޫނުތަކާއި ގަވައިދުތަކާ އެއްގޮތަށް ކަމަށް ވިދާޅުވި އެވެ.

"މި ގައުމުގައި ކަންކަން ކުރާނެ ގޮތް ނިންމާނީ ޕާލިމަންޓުން. މިއީ ވަރަށް ސާފުކޮށް ބުނާ ވާހަކައެއް،" "ނިއުސް މީޑިއާ ބާގެއިން ކޯޑް" މި އަހަރު ގާނޫނަކަށް ހައްދަވާނެކަން ފާހަގަކުރައްވައި މޮރިސަން ވިދާޅުވި އެވެ.

ގޫގުލްގެ ރާގު ހުރި ގޮތުން، ގާނޫނު ހަދާ މަޖިލީހުގެ ބައެއް މެމްބަރުން ވެސް ވަނީ އެ ކުންފުނިން ބިރު ދައްކައި ބްލެކްމެއިލްކޮށް، އޮސްޓްރޭލިއާ އިން ގެންނަން އުޅޭ ރިފޯމްތަކަށް ހުރަސްއަޅަން އުޅޭ ކަމަށް ވިދާޅުވެފަ އެވެ.