ގޫގުލް ސާޗް އިންޖީން ޗައިނާގައި މަނާކޮށްފައި އޮންނަތާ އަހަރުތަކެއް ވެއްޖެ އެވެ. ސަބަބަކީ، އިންޓަނެޓް ބޭނުންކުރާ މީހުން ހޯދަން ބޭނުންވާ އެއްޗެއް، ޗައިނާއިން ބޭނުންވާ ގޮތަށް، ގޫގުލް އަށް ދެއްކެން ނެތުމެވެ. އެކަމަކު ވެސް، ގޫގުލް އަށް ޗައިނާ ދޫކޮށްލެވޭކަށް ނެތެވެ. އެއީ އިންޓަނެޓް ބޭނުންކުރާ މީހުން ގިނަ ގައުމަކަށް ވާތީ އެވެ

ޗައިނާ އަށް ގޫގުލް ސާޗް އިންޖީން އަލުން ގެންދެވެން އޮތީ، ޗައިނާ ބޭނުންވާ ގޮތަށް ސާޗް އިންޖީން ބަދަލުކޮށްގެންނެވެ. އެކަން ގޫގުލުން އެބަ ކުރެ އެވެ. ޓެސްޓް އެކްސްޕެރިމެންޓެއް ގޮތުގައި ކުރިއަށް ގެންދާ ޕްރޮޖެކްޓަށް ކިޔަނީ "ޑްރޭގަންފްލައި" އެވެ.

ޑްރޭގަންފްލައި އާ ބެހޭ ގޮތުން ގޫގުލުން މީގެ ކުރިން ވާހަކަދައްކާފައެއް ނުވެ އެވެ. އެއީ ބިރުބޮޑު ޕްރޮޖެކްޓަކަށް ވާތީ، އެ ވާހަކަ ނުދައްކަނީ އެވެ. ޗައިނާއިން ބޭނުންވާ ގޮތަށް ސާޗް އިންޖީން އުފައްދައި ނިމޭއިރު، ސާޗްކުރާ ވަކިވަކި މީހުން ވެސް ދެނެގަނެވެ އެވެ. އެހެންކަމުން، ވަކި މައުލޫއަކާ ގުޅޭ މައުލޫމާތު މާ ގިނައިން ވަކި މީހަކު ހޯދާ ނަމަ، އެއީ ކީއްކުރަން ކުރާ ކަމެއްތޯ، އޮފިޝަލުންނަށް އޮޅުންފިލުވޭނެ އެވެ.

މިއީ ތަހުޒީބީ ދުނިޔެ ގަބޫލުކުރާ ފިކުރެއް ނޫނެވެ. އެހެންކަމުން ޑްރޭގަންފްލައި ހުއްޓާލަން އެދި ބާރުގަދަ ގައުމުތަކުން ދަނީ ގޫގުލް އަށް ނުފޫޒުފޯރުވަމުންނެވެ. ނުފޫޒުގަދަ މީހުން އަދި މަހުޖަނުން ވެސް މިހާރު މި ގޮވާލުމުގައި ބައިވެރިވެއްޖެ އެވެ.

ޑްރޭގަންފްލައި ކުރިއަށް ގެންދާ ކަމަށް ގޫގުލް މިހާރު ވަނީ އެއްބަސްވެފަ އެވެ. ނަމަވެސް، އެއީ އަދި ދޫކޮށްލާނެ އެއްޗެއްކަން އަދި މުޅިން ނުނިންމާ ކަމަށް ބުންޏެވެ. ސުލްހަވެރި އެއްބަސްވުމެއް ޗައިނާއާ އެކު ގާއިމުކުރެވޭތޯ މަސައްކަތްކުރާ ކަމަށް ވެސް ގޫގުލް ބުންޏެވެ.

މިއީ ހުއްޓާލަން ޖެހިއްޖެ ނަމަ ގޫގުލް ހިތާމަކުރާނެ ޕްރޮޖެކްޓެކެވެ. މިއީ ހުސް ފައިސާ އެވެ. ޗައިނާގައި އިންޓަނެޓް އާބާދީގައި 800 މިލިއަން މީހުން ހިމެނޭއިރު، އެއިން ކޮންމެ މީހަކީ ގޫގުލް އަށް ފައިސާ ހޯދައިދޭ މީހަކަށް ވާނެ އެވެ. އެހެންކަމުން މިހާރު ގޫގުލް އަށް އޮތް އިޚުތިޔާރަކީ ނުފޫގަދަ މީހުން ބުނާ އެއްޗެއް އަޑުއެހުމާ އެކު، ޗައިނާއާ މަޝްވަރާކުރުމެވެ.