ގޫގުލްގެ ފުރަތަމަ ސްމާޓްވޮޗް، ޕިކްސެލް ވޮޗްގެ އިތުރުން މިއަހަރުގެ ތެރޭގައި އެކުންފުނިން ނެރުމަށް ހަމަޖެހިފައިވާ އާ ޑިވައިސްތައް ރޭ ދައްކާލައިފި އެވެ.
ގޫގުލް އިން ބޭއްވި "އައި/އޯ" ކީނޯޓުގައި ވަނީ އާ ހާޑުވެއާތަކުގެ އިތުރުން ސޮފްޓްވެއާތައް ވެސް ދައްކާލައިފަ އެވެ. ގޫގަލް އައި/އޯ އަކީ އާންމުކޮށް އެކުންފުނީގެ ސޮފްޓްވެއާތައް އެކަނި ދައްކާލުމަށް ބާއްވާ އިވެންޓެކެވެ.
ނަމަވެސް މިފަހަރުގެ އިވެންޓުގައި ވަނީ އެކުންފުނީން މިއަންނަ މަހުގެ ތެރޭގައި ރިލީޒްކުރާ އާ ޑިވައިސްތަކާއި މި އަހަރުގެ ފަހުކޮޅު އަދި އަންނަ އަހަރުގެ ތެރޭގައި ނެރޭގައި ރިލީޒްކުރާ ޑިވައިސްތައް ދައްކާލައިފަ އެވެ. އެއީ ބޭރުގެ އެކި ލީކްތަކުން ސަލާމަތްވުމަށް ގޫގުލް އިން ކުރި ކަމެކެވެ.
އައި/އޯގައި ގޫގަލް އިން އާންމުކޮށްފައި ވާގޮތުން އެންމެ އަވަހަށް ނެރުމަށް ހަމަޖެހިފައިވަނީ އެކުންފުނީގެ މިދިޔަ އަހަރުގެ ފްލެގްޝިޕް ފޯނު ޕިކްސެލް 6 ސީރީޒްގެ މިޑްރޭންޖް ފޯނެވެ. ޕިކްސެލް 6އޭ އަކީ މިދިޔަ އަހަރުގެ ފްލެގްޝިޕް ފޯނުތަކާ މާ ތަފާތު ފޯނަކަށް ނުވި ނަމަވެސް އަގުގެ ގޮތުން ހެޔޮ ޑިވައިސް އެކެވެ. އަންނަ މަހު މާކެޓަށް ނެރޭ އެ ފޯނު ވިއްކާނީ 449 ޑޮލަރަށެވެ.
އެއަށް ފަހު ގޫގަލް އިން ދައްކާފައިވަނީ އެކުންފުނީގެ ވަޔާލެޑް ބަޑްސްގެ އާ އުފެއްދުމެވެ. އަންނަ މަހުގައި ނެރުމަށް ހަމަޖެހިފައިވާ ޕިކްސެލް ބަޑްސް ޕްރޯ އަކީ އެކުންފުނީގެ ފުރަތަމަ "ޕްރޯ" ބަޑްސް އެވެ. އެ ބަޑްސްގެ އަގު 199 ޑޮލަރުގައި ހުރި އިރު އެއީ އެޕަލްގެ އެއާޕޮޑްސް ޕްރޯ އާ ވާދަކުރާނެ ޕްރޮޑަކްޓެއް ކަމަށް ގިނަ ބަޔަކު ބުނެ އެވެ.
މިއަހަރު ފަހުކޮޅުގައި ނެރުމަށް ހަމަޖެހިފައިވާ ޑިވައިސްތައް ދައްކާލާފައިވަނީ ދެނެވެ. އޭގެތެރޭގައި އެންމެ ފާހަގަކޮށްލެވެނީ ޕިކްސެލް ވޮޗެވެ. މިއީ ގޫގަލް އާއި އިތުރު ކުންފުނި ތަކަކުން ގުޅިގެން ގޫގަލް އިން ނެރޭ އުއްމީދީ ޑިވައިސް އެކެވެ. ގަޑިއާ ގުޅޭ އިތުރު އެއްވެސް މައުލޫމާތެއް އާންމުކޮށްފަ އެއް ނުވެ އެވެ. ނަމަވެސް އެ ޑިވައިސްގައި ބޭނުންކުރާނީ ގޫގަލްގެ އާ އިންޓަފޭސް ވޮޗް އޯއެސް ކަން އިވެންޓުން ފާހަގަވި އެވެ.
ދެން ދައްކާލީ މިއަހަރުގެ ފްލެގްޝިޕް ފޯނު ޕިކްސެލް ސީރީޒްގެ "ޕިކްސެލް 7" އެވެ. ކުރީ އަހަރުގެ ޑިޒައިން އާ އެކު ބައެއް ބަދަލުތައް ފޯނުގެ ފަހަތަށް ގެނެސްފައިވާއިރު މިފަހަރުގެ ޑިވައިސްގައި އާ ކެމެރާތަކެއް ބޭނުންކުރާނެ ކަމަށް ގޫގަލް އިން ބުނެ އެވެ. ނަމަވެސް މި ފޯނާ ގުޅޭ އިތުރު މައުލޫމާތު ލިބޭނީ މި އަހަރުގެ ފަހުކޮޅުގަ އެވެ.
ގޫގަލް ޕިކްސެލް ލައިންއަޕްގެ ފުރަތަމަ ޓެބްލެޓު ވެސް ވަނީ އެކުންފުނިން ދައްކާލާފަ އެވެ. އެ ޑިވައިސް އަކީ އެކުންފުނިން އަންނަ އަހަރުގެ ކުރީކޮޅުގައި ނެރުމަށް ހަމަޖެހިފައިވާ ޑިވައިސް އެކެވެ. އޭގެއިތުރުން ގޫގަލް އިން އިތުރު މައުލޫމާތެއް ހިއްސާކޮށްފައެއް ނުވެ އެވެ.