ގޫގުލް އައިއޯ ޑިވެލޮޕާސް ކޮންފަރެންސްގައި، އެ ކުންފުނީގެ ސީއީއޯ ސުންދަރް ޕިޗާއީ ވަނީ ޝައުގުވެރި އެތައް ކަމެއް ތައާރަފްކޮށްދެއްވައިފަ އެވެ. އެކަމަކު އެ ހުރިހާ ކަމެއްގެ ތެރެއިން ވެސް އެންމެ ބޮޑު ސަމާލުކަމެއް ލިބުނު އެއް ކަމަކީ "ގޫގުލް ލެންސް" އެވެ.
ގޫގުލްގެ ކޮމްޕިއުޓަ ވިޒަން އާއި އާޓިފިޝަލް އިންޓެލިޖެންސް އެއްކޮށްލައިގެން ތަރައްގީކޮށްފައިވާ މި ޓެކްނޮލޮޖީގައި، ސްމާޓްފޯނުގެ ކެމެރާ އެއްޗަކަށް އަމާޒުކޮށްލުމާ އެކު، ކެމެރާއަށް އެ ފެންނަނީ ކޮން އެއްޗެއްކަން ބުނެދެ އެވެ. ގޫގުލް އިން މި ޓެކްނޮލޮޖީ ސިފަކޮށްދެމުން ބުނެފައި ވަނީ ކެމެރާއަށް ފެންނާނީ އެ މީހަކަށް ފެންނަ އެއްޗެއް އެކަނި ނޫން ކަމަށާއި ކެމެރާއަށް ފެންނަ އެއްޗެހި ދެނެގަތުމުގެ ގާބިލްކަން ވެސް ލިބިގެންވާ ކަމަށެވެ.
ފޯނުގެ ކެމެރާ އަކީ އެއްޗެހީގެ މައުލޫމާތު ހޯދައިދޭ އެއްޗަކަށް ވުމުން އަދި ނިމުނީއެއް ނޫނެވެ. މި ޓެކްނޮލޮޖީގެ ފުރިހަމަކަށް މިއަށްވުރެ މާބޮޑުވެފައި މުހިންމެވެ.
މި އާ ޓެކްނޮލޮޖީ ތައާރަފްކުރި އިރު ދެތިން ހަތަރު ޑެމޯއެއް ދައްކާލި އެވެ. މަލަކަށް ފޯނުގެ ކެމެރާ އަމާޒުކޮށްލުމުން އެއީ ކޮންކަހަލަ މަލެއްކަން ބުނެދިނެވެ. ގޫގުލް ލެންސުން ބައެއް މަސައްކަތްތައް ފަސޭހަ ވެސް ކޮށްދެ އެވެ. އޭގެ މިސާލެއްގެ ގޮތުން ބުނީ، ވައިފައި ރައުޓަރުގައި އިންނަ ސްޓިކާއަކަށް ކެމެރާ އަމާޒުކޮށްލުމާ އެކު އެ ނެޓްވޯކްގެ ނަމާއި ޕާސްވޯޑް ވެސް ލިބުމެވެ. ކެމެރާ ބޭނުންކޮށްގެން ވައިފައި އަށް ކަނެކްޓްކޮށްލަންވީ އެވެ. ފިހާރައެއްގެ ނަން ބޯޑު ފެންނަ ގޮތަށް ފޮޓޯއެއް ނަގާ ނަމަ އެއީ ކޮން ފިހާރައެއް ކަމާއި އެ ފިހާރައިގެ މަގުބޫލުކަމާއި އެތަނާ ބެހޭ މައުލޫމާތު ވެސް ފޯނުން އަމިއްލައަށް ދެނެގަ އެވެ.
މިއީ އަލަށް ތަނަކަށް ގޮސްގެން އުޅޭއިރު ތަންތަން ދެނެގަތުމަށާއި އަލަށް ފެންނަ އެއްޗެހީގެ ހަގީގަތް ދެނެގަތުމަށް ވަރަށް ބޮޑު އެހީއަކަށް ވާނެ ޓެކްނޮލޮޖީއެކެވެ. އަދި މި ޓެކްނޮލޮޖީ ގޫގުލް އެސިސްޓެންޓާ އެކުވުމުން ނުކުރެވޭނެ ކަމެއް މަދުވާނެ ކަމަށް ޓެކްނޮލޮޖީގެ ތަޖުރިބާކާރުން ގަބޫލުކުރެ އެވެ.
ގޫގުލް ލެންސްގައި، ކެމެރާ ވަރަށް ބޮޑަށް ފުރިހަމަކޮށްދޭނެ އެހެން ފީޗާތައް ވެސް ހިމަނާފައިވެ އެވެ.
ގޫގުލް ލެންސް ޓެކްނޮލޮޖީ ބޭނުންކުރަން ފަށާނެ އިރެއް އެ ކުންފުނިން ހާމައެއް ނުކުރެ އެވެ. ބުނީ "ވަރަށް އަވަހަށް ލިބޭނެ" ކަމަށެވެ.