ގޯލްޑެން ގްލޯބަލް އެވޯޑުގައި ފުރަތަމަ ފަހަރަށް އިންޑިއާގެ ލަވަ އަކަށް އެންމެ މޮޅު ލަވައިގެ އެވޯޑް ލިބިއްޖެ އެވެ.
އެސްއެސް ރާޖްމޯލީގެ ފިލްމް "އާރްއާރްއާރް"ގެ "ނާޓު ނާޓު" އަށް ލިބުނު މި އެވޯޑަކީ މިހާތަނަށް އިންޑިއާގެ ލަވަ އަކަށް ގްލޯބަލް އެވޯޑް ލިބުނު ފުރަތަމަ ފަހަރެވެ.
ރިހާނާ އަދި ޓެއިލާ ސްވިފްޓް މެން ފަދަ ދުނިޔޭގެ ނަން މަޝްހޫރު ލަވަލިޔުންތެރިން ނޮމިނޭޓް ވެފައި ހުރި ލަވަތަކެއް ތެރެއިން މި ލަވަ އަށް މި ލިބުނު ކާމިޔާބާ އެކު އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީގެ އިތުރުން މަޝްހޫރު ތަރިން އަންނަނީ މަރުހަބާގެ ޓްވީޓްތައް ކުރަމުންނެވެ.
ލޮސް އެންޖެލިސްގައި ބޭއްވި ހަފުލާގައި މި ލަވަ އަށް އެވޯޑް ލިބުނު އިރު، މި ލަވަ އާއެކު ނޮމިނޭޓް ވެފައި ވަނީ ޖާމަނީގެ "އޯލް ކްއިޓް"، ބެލްޖިއަމްގެ "ކްލޯޒް" އަދި ސައުތު ކޮރެއާގެ ޑެސިޝަން ޓު ލީވް" އެވެ.
"އާރުއާރުއާރު" އަކީ 1920 ގައި އިނގިރޭސިން އިންޑިއާގައި ވެރިކަން ކުރި އިރު، އެ މީހުންނާ ދެކޮޅަށް ނުކުތް ދެ މީހެއްގެ މައްޗަށް ތައްޔާރުކޮށް ކުޅެފައިވާ މޮޅު ފިލްމެކެވެ.
ތެލުގޫގެ މަޝްހޫރު ސުޕަސްޓާރުން ކަމަށްވާ ރާމް ޗަރަން އާއި އެންޓީ ރާމާ ރާއޯ ޖޫނިއާ އަކީ މި ފިލްމުގެ ދެ ލީޑުންނެވެ. ބޮލީވުޑް ތަރިން ކަމަށްވާ އާލިއާ ބަޓް އާއި އަޖޭ ދޭވްގަން ވެސް ވަނީ މުހިއްމު ރޯލެއް އަދާ ކޮށްފަ އެވެ.
ދުނިޔޭގެ މަގުބޫލުކަން ހޯދި މި ފިލްމަށް 1200 ކްރޯޑް ލިބުނު އިރު، ނިއުޔޯކް ފިލްމް ކްރިޓިކް ސާކްލްގެ އެންމެ މޮޅު ޑިރެކްޓަރުގެ އެވޯޑް ވެސް ވަނީ މި ފިލްމަށް ލިބިފަ އެވެ.
މި ފިލްމު ރިލީޒް ކުރީ މިދިޔަ އަހަރު މާޗު މަހު 24 ގަ އެވެ. އަދި ހިންދީ ބަހުން އަޑުއަޅާފައިވާ މި ފިލްމު ނެޓްފްލިކްސްގެ ޓޮޕް ޓެން ޗާޓުގައި ވެސް ގިނަ ދުވަހެއް ވަންދެން އޮތެވެ.