ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލްގެ ދަރިވަރުންނަށް ދަނޑުވެރި ދަސްކޮށްދޭން ފެށި މަސައްކަތުގައި ހެއްދި ތަކެތި ކެއުމަށް ބޭނުންކުރަން ފަށައި، މިކަން އިތުރަށް ފުޅާކުރުމަށް "ޖީއެސް މިނީ ގްރީންސް ގާޑެން" ނަމުގައި މިއަދު ގާޑެން އެއް ހުޅުވައިފި އެވެ.
އެ ސްކޫލްގެ ކީ އެކްޓިވިޓީ ކޯޑިނޭޓަރު، މޫމިނާ އަލީ ޝާކިރު "މިހާރު" އަށް ވިދާޅުވީ އެގްރޯނެޓާ ގުޅިގެން މަސައްކަތްކުރާ ގޮތަށް ހިންގާ އެ ގާޑެންގެ ބޭނުމަކީ ދަރިވަރުންނަށް އާންމު ދިރިއުޅުމުގެ ކަންކަން ދަސްކޮށްދިނުން ކަމަށެވެ.
އެ ކްލާހުގައި، ފަސޭހައިން އަވަހަށް ހެދޭ މައިކްރޯ ގްރީންސް ހައްދާނެ ގޮތާއި، މާކެޓުގައި ވިއްކާނެ ގޮތުގެ އިތުރުން ގޭގައި ކެއުމަށް ބޭނުންކުރާނެ ގޮތްތައް ކިޔައިދޭނެ ކަމަށް މޫމިނާ ވިދާޅުވި އެވެ. މިހާރު އެ ތަނުގައި 10 ވައްތަރެއްގެ މައިކްރޯ ގްރީން ހައްދާފައިވެ އެވެ. މި ބާވަތްތަކަކީ ތިން ހަފްތާ ތެރޭ ކާން ލިބޭ ވަރަށް ހެދި ބޮޑުވާ ތަކެއްޗެވެ.
"ކުދިންނަށް ދަސްކޮށްދޭ އިތުރު ހަރަކާތެއްގެ ގޮތުގައި ފެށި ކަމެއް. މި ސްކޫލުގައި މިހާރު ވެސް ހުރޭ ކާޕެންޓްރީ އާއި އިލެކްޓްރޯނިކްސް އަދި ކެއްކުމުގެ ކަންކަން ދަަސްކޮށްދިނުމަށް ލެބްތައް ހަދާފައި. ބޭސިކް ހައުސް ސްކިލްސް ދަސްކޮށްދިނުން އަސްލު މީގެ މައިގަނޑު މަގްސަދަކީ،" އޭނާ ވިދާޅުވި އެވެ.
މި އަންނަ ޓާމުން ފެށިގެން، ކުދިން ހައްދާ ތަކެތި އެހެން މީހުންނަށް ފޯރުކޮށްދީ، މި ތަކެތިން ލިބޭ ފައިސާއިން މަސައްކަތް އިތުރަށް ތަރައްގީކުރަން ވަނީ ގަސްތުކޮށްފަ އެވެ.
މައިކްރޯ ގްރީންސް ހެއްދުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ވަނީ ގްރޭޑް 5 އޭގެ ދަރިވަރުންނެވެ. ކޮންމެ ކްލާހަކަށް ދޮޅު މަސް ދޭއިރު އަންނަ ޓާމުން ފެށިގެން ގްރޭޑް ފަހެއްގެ އިތުރު ކްލާސްތަކުގެ ދަރިވަރުންނާއި ހައެއްގެ ދަރިވަރުން ވެސް ބައިވެރިވާނެ ކަމަށް މޫމިނާ ވިދާޅުވި އެވެ.
ސްކޫލުން ބުނީ އެ ކުދިންނަށް ދަނޑު ހެއްދުމުގެ އިރުޝާދު ދޭނީ އެގްރޯ ނެޓްގެ ފަރާތުން ތަޖުރިބާ ހޯދާފައިވާ ޓީޗަރުން ކަމަށެވެ. މި މަސައްކަތް ފެށުމަށް ފުރަތަމަ ފަންޑުކުރީ ވެސް އެގްރޯ ނެޓުންނެވެ.
މިއަދު އެ ގާޑަން ރަސްމީކޮށް ހުޅުވުމުގެ ކުރިން ދަރިވަރުން އިންދައި ހެއްދި ތަކެތި ބޭނުންކޮށްގެން ސެލެޑް ހަދައި، ރަސްމިއްޔާތުގައި ބައިވެރިވި ޓީޗަރުންނަށް ވަނީ ރަހަ ދައްކައިފަ އެވެ.