ޑޮމިނިކަން ރިޕްބްލިކްގައި ފެށި، ޔޫތު ފުޓްބޯޅަ މުބާރާތާ ކައިރި ވެސް ނުވާން ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އަށް އެންގިނަމަވެސް، އެ ގައުމުން އޭނާ އަށް ހޫނު މަރުހަބާއެއް ކިޔައިފި އެވެ. 

ކެރީބިއަން ސަރަހައްދުގެ 14 އަހަރުންދަށުގެ މުބާރާތުގެ ހަރަކާތްތަކުގެ ބައިވެރިނުވާން އިންފަންޓީނޯ އަށް އެންގީ އެ ސަރަހައްދު ވެސް ތަމްސީލުކުރާ އުތުރު އެމެރިކާ ބައްރުގެ ފުޓްބޯޅަ އިދާރާ، ކޮންކާފުންނެވެ. 

ނަމަވެސް އިންފަންޓީނޯ ވަނީ ޑޮމިނިކަން ރިޕަބްލިކަށް ގޮސް، ކެރީބިއަން ފުޓްބޯޅަ ޔޫނިއަންގެ އިސްވެރިންނާ ބައްދަލުކޮށް ޖަފަތެއް ވެސް ކުރިއަށް ގެންގޮސްފަ އެވެ. 

ފީފާއިން ނެރުނު ބަޔާނެއްގައި އިންފަންޓީނޯ ބުނީ ކެރީބިއަން ސަރަހައްދުގެ ފުޓްބޯޅަ ޔޫނިއަނުން އޭނާ އަށް ހޫނު މަރުހަބާއެއް ކިޔާފައިވާ ކަމަށެވެ. 

"ޑޮމިނިކަން ރިޕަބްލިކުން ވަރަށް ހޫނު މަރުހަބާއެއް ވަނީ ކިޔާފައި. ވަރަށް ރީތި، ރީތި ގައުމެއް... ކެރީބިއަން ފުޓްބޯޅަ ޔޫނިއަންގެ ބައްދަލުވުމެއްގެ ތެރެއިން، ފުޓްބޯޅަ ޕްރޮޖެކްޓްތަކާއި އާ ޚިޔާލުތަކާ ބެހޭގޮތުން މަޝްވަރާކުރެވުނު،" ފީފާގެ ބަޔާނެއްގައި އިންފަންޓީނޯ ބުންޏެވެ.

ކޮންކާކަފްގެ ތެރޭގައި އޮތަސް، ކެރީބިއަން ފުޓްބޮޅަ ޔޫނިއަނުން ދަނީ، ކޮންކާކަފްގެ ވިސްނުމާ ދެކޮޅަށް މަސައްކަތް ކުރަމުންނެވެ. 

އިންފަންޓީނޯ އަށް އިތުބާރުގެއްލިފައިވާ ކަމަށް ކޮންކާފުން ވަނީ ބުނެފަ އެވެ. އެކަމަކު ސަބް ފެޑެރޭޝަނެއްގެ ގޮތުގައި މަސައްކަތް ކުރާ ކެރީބިއަންގެ ޔޫނިއަނުން ދަނީ އިންފަންޓީނޯއާ ގުޅިގެން މަސައްކަތް ކުރަމުންނެވެ. 

ކެރީބިއަން ޔޫނިއަންގެ މެންބަރުންގެ ގޮތުގައި 21 ގައުމު ހިމެނެ އެވެ.

"ސީއެފްޔޫ (ކެރީބިއަން ފުޓްބޯޅަ ޔޫނިއަންގެ މެންބަރު ގައުމުތަކުގެ) ރައީސުންގެ މި ބައްދަލުވުން ބާއްވަނީ މި ސަރަހައްދުގައި ކުރިއަށްދާ 14 އަހަރުން ދަށުގެ ޔޫތު ޓޯނަމަންޓާ ދިމާކޮށް މިއީ ފީފާ ފޯވާޑް ޕްރޮގްރާމްގެ އެހީ ލިބިގެން ބޭއްވޭ މުބާރާތްތަކުގެ ތެރެއިން މުބާރާތްތެއް،" އިންފަންޓީނޯ ބުންޏެވެ.

"އެހެންވީމަ، މިތާ ހުރުމަކީ ފަޚުރުވެރިވާން ޖެހޭ ސަބަބެއް. އަދި އުފާވެސްވޭ ސަބަބަކީ ޑައިލޮގް ބޭއްވުމާއި. ހިޔާލުތައް ބަދަލުކުރުމަކީ މުހިންމު ކަމަކަށްވާތީ ފާއިތުވި ހަފްތާތަކުގައި ވަރަށް ގިނަ ކަންތައްތަކެއް ހިނގައިފި."