ދެން އަންނަ ވޯލްޑް ކަޕްގައި ވާދަކުރާ ޓީމުތަކުގެ އަދަދު 64 ކަށް އިތުރު ކުރުމާ ބެހޭގޮތުން ވާހަކަތައް ދައްކަމުން އަންނަކަމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވިދާޅުވެއްޖެ އެވެ.
މިހާރު ކުރިއަށްދާ ވޯލްޑް ކަޕްގައި 48 ޓީމު ވާދަކުރުވުމުގެ ހިޔާލަކީ އިންފަންޓީނޯގެ ހިޔާލެކެވެ. މީގެ 10 އަހަރު ކުރިން ފީފާގެ ރައީސްކަމަށް ފުރަތަމަ ފަހަރަށް ވަޑައިގެން އޭނާ، ވީ އެންމެ ބޮޑު ވައުދަކީ ވޯލްޑް ކަޕްގައި ކުޅޭ ޓީމުތަކުގެ އަދަދު 48 އަށް ފުޅާ ކުރުމެވެ.
އެކަން ތަންފީޒު ކުރީ މިހާރު ކުރިއަށްދާ ވޯލްޑް ކަޕްގަ އެވެ. ސްވިޒަލެންޑްގެ ބުލޫވިން ނޫހަށް ދިން އިންޓަވިއުގައި އިންފަންޓީނޯ ވިދާޅުވީ 48 ޓީމުގެ ފޯމެޓް ކާމިޔާބު ވެއްޖެކަމަށެވެ.
"ސަތޭކަ ޕަސަންޓް ކާމިޔާބު،" އިންފަންޓީނޯ ވިދާޅުވި އެވެ.
އޭނާ ވިދާޅުވިގޮތުގައި މިހާރު އޮތް އަދަދުގެ މައްޗަށް 16 ޖާގަ އިތުރުކޮށް 68 ޓީމަށް ވޯލްޑް ކަޕުން ފުރުސަތު ދިނުމުގެ ބޭނުމަކީ މުޅި ދުނިޔޭގެ އެންމެންގެ އެއްޗަކަށް އެ މުބާރާތް ހެދުމެވެ.
"ވޯލްޑް ކަޕް ވާން ޖެހޭނީ މުޅި ދުނިޔޭގެ އެއްޗަކަށް. ހަމައެކަނި ޔޫރޮޕާއި ދެކުނު އެމެރިިކާގެ އެއްޗަކަށް ނޫން." އޭނާ ވިދާޅުވި އެވެ.
"ކޮންމެ ގައުމަކަށް ފުރުސަތު އޮންނަންޖެހޭނެ ވޯލްޑް ކަޕްގައި ކުޅުމުގެ ހުވަފެން ދެކުމުގެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޓީމުތަކުގެ ފެންވަރު ވަރަށް މަތިވަމުންދާކަން ތިޔަބޭފުޅުންނަށް ވެސް ފެންނާނެ. އަދި އެފެންވަރު ދުވަހެއް ދުވަހަކަށް ދެން ވެސް ދާނީ މަތިވަމުން."
ދެން އޭނާ ވިދާޅުވީ ކުދިކުދި ގައުމުތަކަށް ވެސް ވޯލްޑް ކަޕްގައި ކުޅެވޭނެ އިތުރު ފުރުސަތުތައް ފަހިވާނެ ގޮތަށް މުބާރާތް އެތުރިފައި އޮންނަން ޖެހޭ ކަމަށެވެ.
"ކުދި ގައުމުތަކަށް ވޯލްޑް ކަޕްގައި ބައިވެރިވުމުގެ ފުރުސަތު ނުދީފިނަމަ އެ ގައުމުތަކުގެ ފެންވަރު އިތުރަށް ރަނގަޅުކުރުމަށް ބާރުއަޅާނެ ފުރުސަތެއް (ނުވަތަ ހިތްވަރެއް) އެ ގައުމުތަކަކަށް ނުލިބޭނެ،" އަންނަ އަހަރު ބާއްވާ ފީފާގެ އިންތިހާބުގައި ހަތަރު ވަނަ ދައުރަކަށް ވާދަކުރައްވާނެކަން އިއުލާން ކޮށްފައިވާ އިންފަންޓީނީޯ ވިދާޅުވި އެވެ.
ވޯލްޑް ކަޕް 2030 ގައި އޮންނާނީ ހަ ގައުމެއްގަ އެވެ. ގިނަ މެޗުތަކެއް ބާއްވާނީ ސްޕެއިން އާއި ޕޯޗުގަލް އަދި މޮރޮކޯ ގުޅިގެންނެވެ. އަދި އެ އަހަރަކީ ވޯލްޑް ކަޕް ބާއްވަން ފެށިތާ 100 އަހަރު ފުރޭ މުނާސަބު ކަމަށްވާތީ، އުރުގުއޭގައި ވެސް ބައެއް މެޗުތައް ކުޅޭނެ އެވެ. ފުރަތަމަ ބޭއްވި ވޯލްޑް ކަޕް ކުޅުނީ އުރުގުއޭގަ އެވެ. ދެން މެޗުތައް ކުޅޭނެ އަނެއް ދެ ގައުމަކީ އާޖެންޓީނާ އާއި ޕެރަގުއޭ އެވެ. އެ ދެ ގައުމުގައި ކުޅޭނީ އެއް މެޗެއް ނުވަތަ ދެ މެޗެކެވެ.
އިންފަންޓީނޯ ވިދާޅުވިގޮތުގައި 64 ޓީމަށް ވޯލްޑް ކަޕް ފުޅާކުރަން ރަސްމީކޮށް ނިންމާނީ އެކަށީގެންވާ މަޝްވަރާތަކަށް ފަހު އެވެ. ރަނގަޅު ބަދަލަކަށް ވާނެކަމަށް އެ މަޝްވަރާތަކުން ފެނިއްޖެނަމަ އެކަން ނިންމާނެ ކަމަށް އޭނާ ވިދާޅުވި އެވެ.