އަބޫޖާ، ނައިޖީރިއާ (މާޗް 30) - މި އަހަރުގެ އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ހިތްދަތިކަން ފިލުވާލައި، ނައިޖީރިއާ ކަޓުވާލުމަށް ފަހު ގާނާ، ގަތަރުގައި ބާއްވާ ވޯލްޑް ކަޕުން ޖާގަ ހޯދައިފި އެވެ.

ވޯލްޑް ކަޕް ކޮލިފައިން ފަހު ބުރުގެ ކުރިން ބޭއްވި އެފްރިކަން ކަޕް އޮފް ނޭޝަންސްއިން ގާނާ ކެޓީ އެންމެ މެޗަކުން ވެސް މޮޅެއް ނުހޯދި، ގުރޫޕުގެ ފުލުގައި އޮވެގެންނެވެ.

ކޮލިފައިން ފަހު ބުރުގައި ނައިޖީރިއާ އާއި ގާނާ ކުޅުނު ފުރަތަމަ ލެގު މެޗު ނިމުނީ 0-0 އިން އެއްވަރު ވެގެންނެވެ. ގާނާ ހަތަރުވަނަ ފަހަރަށް ވޯލްޑް ކަޕަށް ކޮލިފައިވީ މިރޭ ރަށުން ބޭރުގައި ކުޅުނު ދެވަނަ ލެގުގެ މެޗު 1-1 އިން އެއްވަރު ކޮށްގެން، އަވޭ ގޯލުގެ އެހީގައި އެގްރިގޭޓުން ކުރި ހޯދައިގެންނެވެ.

މިރޭ މެޗުގެ 10 ވަނަ މިނިޓުގައި ގާނާއިން ލީޑު ނެގީ އާސެނަލް އަށް ކުޅޭ މިޑްފީލްޑަރު ތޯމަސް ޕާޓޭ އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާއަކުންނެވެ. އޭގެ 12 މިނިޓް ފަހުން ނައިޖީރިއާ އަށް އެއްވަރު ކޮށްދިނީ ލިބުނު ޕެނަލްޓީއަކުން ކެޕްޓަން ވިލިއަމް ޓްރޫސްޓް އިކޮންގް އެވެ.

ނަޕޯލީ އަށް ކުޅޭ ފޯވާޑް ވިކްޓާ އޮސިމްހެން، މެޗުގެ 34 ވަނަ މިނިޓުގައި، ނައިޖީރިއާ އަށް ލަނޑު ޖަހައި ފުރަތަމަ ފަހަރަށް ލީޑު ނަގައިދިން ކަމަށް ހީކުރެވުނު ނަމަވެސް ވީއޭއާރު ބަލައި، ރެފްރީ ނިންމީ އޭނާ އޮފްސައިޑު ކަމަށެވެ.

އެންމެ ފަހުން 2018 ވަނަ އަހަރު ރަޝިއާގައި ބޭއްވި މުބާރާތަށް ގާނާ ކޮލިފައި ނުވި ނަމަވެސް އޭގެ ކުރިން ބޭއްވި ތިން ވޯލްޑް ކަޕުގައި ވެސް ގާނާ ކުޅުނެވެ.