މިއުނިކް (އޭޕްރީލް 15) - ކޮރޯނާވައިރަހާ ގުޅިގެން ހުއްޓާލާފައިވާ ޖަރުމަނުގެ ފުޓްބޯޅަ ސީޒަން އަލުން ފަށައިގެން ކުރިއަށްގެންދާއިރު ކުރިއަށް އޮތް ދޮޅު އަހަރު ސަޕޯޓަރުން ނުވައްދައި މެޗުތައް ކުޅެން ޖަރުމަނުގެ ސިއްހީ ތަޖުރިބާކާރަކު ލަފާދީފި އެވެ.
ޖަރުމަނުގެ ފުޓްބޯޅަ ސީޒަން މިދިޔަ މާޗް 13 ވަނަ ދުވަހު މެދުކަނޑާލުމަށް ފަހު އަލުން ފަށަން ތާވަލުކޮށްފައިވާ ތާރީހަކީ މި މަހުގެ 30 ކަމުގައިވީ ނަމަވެސް އެ މުއްދަތުގައި ވެސް ނުފެށޭނެކަން ވަނީ ޔަގީންވެފަ އެވެ. ޖަރުމަނުގެ ފުޓްބޯޅަ ފެޑެެރޭޝަނުން މިހާރު ސަރުކާރާ އެކު މަޝްވަރާކުރަމުން އަންނަނީ އަންނަ މަހުގެ ފަހުކޮޅުގައި ސީޒަން ފެށުމަށެވެ. އެ ގޮތަށް ކުރިއަށްދެވިދާނެ ކަމަށް ބަލައި ބައެއް ކްލަބްތަކުން ވަނީ ޕްރެކްޓިސް ވެސް ފަށައިފަ އެވެ. ޕްރެކްޓިސްތައް ކުރިއަށްގެންދަން ސަރުކާރުން އަންގާފައިވާ ސޯޝަލް ޑިސްޓަންސިން އުސޫލުގެ ތެރެއިންނެވެ.
ޖަރުމަނުގެ ސަރުކާރަށް ލަފާދޭ ލިއޮޕޮލްޑީނާ އެކެޑަމީ އޮފް ސައިންސްގެ ރައީސް ޖެރާލްޑް ހޯގް ވިދާޅުވީ ފުޓްބޯޅަ ސްޓޭޑިއަމްތައް ފަދަ މީހުން އެއްވެ އުޅޭ ގޮތަށް ކުރިއަށްގެންދާ އިވެންޓްތައް ކުރިއަށް އޮތް 18 މަސް ދުވަހު ނުބާއްވަން އެދޭ ކަމަށެވެ.
"މި ވައިރަހުގެ ހައްލަކީ އެންމެނަށް ވެސް އެކަށޭނެ ވެކްސިނެއް. އެކަން ކުރެވޭނެ ކަމުގެ ޔަގީންކަމެއް އަދިއެއް ނުދެވޭ އެއްވެސް ކަމާބެހޭ ފަރާތަކަށް. މި ވައިރަހުގެ (ކޮވިޑް-19) ގެ ކަންތައްތައް ދިގުދެމިގެންދާނީ ކިހާ ދުވަހަކަށް ކަމެއް ނޭނގެ. އެއް އަހަރާއި ބައި (18 މަސް ދުވަސް) ވަންދެން އަހަރެން ދެކޭ ގޮތުގައި ގިނަ ބަޔަކު އެއްވެ އުޅޭ ފުޓްބޯޅަ މެޗު ފަދަ ކަންތައްތައް ކުރިއަށް ގެންދަން ޖެހޭނީ ވަކި އުސޫލެއްގެ ތެރެއިން. އެއީ އަހަރެމެން ދޭނެ ލަފާ އަކީ،" ހޯގް ވިދާޅުވި އެވެ.
ޖަރުމަނުގެ ފުޓްބޯޅަ ފެޑެރޭޝަނުގެ ވިސްނުން ހުރީ ވެސް އަލުން މެޗުތައް ފަށާއިރު ސަޕޯޓަރުން ނުވައްދައި ކުޅޭ ގޮތަށެވެ. މި ވަގުތަށް ކްލަބްތަކުން އެ ގޮތަށް ރުހުނު ނަމަވެސް ގިނަ ދުވަސްތަކެއް ވަންދެން ސަޕޯޓަރުން ނުވައްދައި މެޗުތައް ކުޅެން ޖެހިއްޖެނަމަ ޖަރުމަނުގެ ކްލަބްތަކަށް ލިބޭނެ ވަރަށް ބޮޑު މާލީ ގެއްލުމެކެވެ. އެއީ ޖަރުމަނުގެ ކްލަބްތަކުގެ އާމްދަނީގެ ބޮޑުބައެއް ބަރޯސާވަނީ ޓިކެޓް ފައިސާ އަށެެވެ.
މުޅި ދުނިޔެއިން ހަތަރު ވަނަ އަށް އެންމެ ގިނަ މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވީ ޖަރުމަނުންނެވެ. އެ ގައުމުގައި މިހާތަނަށް މި ބައްޔަށް 132،210 މީހުން ވަނީ ޕޮޒިޓިވްވެފަ އެވެ. ރަނގަޅުވި މީހުންގެ އަދަދަކީ 72،600 އެވެ.