ބާލިން (ޖޫން 4) - އާރުބީ ލައިޕްޒިގަށް ކުޅޭ ފްރާންސްގެ ފޯވާޑް ކްރިސްޓޮފާ އެންކޫންކޫ ޗެލްސީ އަށް ބަދަލުވުމުގެ ކުރިން ޖަރުމަން ކަޕް ތަށި ރޭ ލައިޕްޒިކްދިފާއު ކޮށްދީފި އެވެ.
ލައިޕްޒިގުން ޖަރުމަން ކަޕް ކާމިޔާބު ކުރީ ރޭ ކުޅުނު ފައިނަލްގައި 2-0 އިން އެއިންޓްރަކްޓް ފްރޭންކްފާޓް ބަލިކޮށްފަ އެވެ. މެޗުގެ ފުރަތަމަ ގޯލު ޖަހައި 71 ވަނަ މިނިޓުގައި އެޓީމަށް ލީޑު ހޯދައިދިނީ އެންކޫންކޫ އެވެ. އަދި މެޗު ނިމެން ފަސް މިނިޓަަށް ވެފައި ވަނިކޮށް ލީޑު ފުޅާ ކޮށްދިނީ ޑޮމިނިކް ސްޒޮބޯސްޒްލައި އެވެ.
މިއީ، މިދިޔަ އަހަރު ވެސް މި މުބާރާތް ކާމިޔާބު ކުރި ލައިޕްޒިގުން ތަށި ހޯދި ދެވަނަ ފަހަރެވެ. މިދިޔަ އަހަރުގެ ފައިނަލުގައި ވެސް އެންކޫންކޫ ގޯލު ޖެހި އެވެ.
ރެޑްބުލް އެނާޖީ ޑްރިންކު އުފައްދާ ކުންފުނިން 2009 ވަނަ އަހަރު ވުޖޫދަށް ގެނައި މި ކްލަބުން ވަނީ 2019 އަދި 2021 ވަނަ އަހަރުގެ ފައިނަލްގައި ވެސް ކުޅެފަ އެވެ.
ފްރާންސްގެ ޕީއެސްޖީ އިން 2019 ވަނަ އަހަރު ލައިޕްޒިގަށް ބަދަލުވެ އުމުރުން 25 އަހަރުގެ ފޯވާޑަށް މިއީ އަނިޔާގެ މައްސަލަ ދިމާވި ސީޒަނެކެވެ. މިއާ އެކު ވެސް އޭނާ ވަނީ ލީގުގައި 16 ގޯލު ކާމިޔާބުކޮށް، ޖޮއިންޓް ޓޮޕް ސްކޯރާގެ މަގާމު ހޯދައިފަ އެވެ.
ލައިޕްޒިގުން ލީގުގެ ތިން ވަނައިގައި ނިންމައި، އަންނަ ސީޒަންގެ ޔޫއެފާ ޗެމްޕިއަންސް ލީގުން ފުރުސަތު ހޯދި ނަމަވެސް، އަންނަ ސީޒަނުގައި އޭނާ ކުޅެން ނިންމާފައިވާ އިންގްލެންޑުގެ ޗެލްސީ، ޔޫރަޕްގެ މުބާރާތަކަށް ކޮލިފައި އެއް ނުވި އެވެ.
އެންކޫންކޫ ވަނީ މި ސީޒަނަށް ފަހު ޗެލްސީއަށް ބަދަލުވާން، މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެއްބަސް ވެފަ އެވެ.