ލައިޕްޒިގް (އޯގަސްޓް 31) - ޖަރުމަން ކަޕުގައި ޓިމޯ ވާނާ ހެދި ހެޓްރިކާއެކު ރެޑްބުލް ލައިޕްޒިގުން ހަތަރުވަނަ ޑިވިޝަންގެ ކްލަބް ޓިއުޓޯނިއާ އޮޓެންސަންގެ މައްޗަށް 8-0 ން މޮޅުވެއްޖެ އެވެ.

މިދިޔަ ދެ ސީޒަންގައި ޗެލްސީ އަށް ކުޅެ ލަނޑު ޖެހުމުގެ މައްސަލަ ކުރިމަތިވި ވާނާ، ހެޓްރިކް ހެދީ ރޭ ގެ މެޗުގެ ފުރަތަމަ ހާފުގަ އެވެ.

ވާނާ ވަނީ އަންޑްރޭ ސިލްވާ އަށް ލަނޑެއް ޖަހަން ވެސް ފުރުސަތު ތަނަވަސްކޮށް ދީފަ އެވެ. އޭނާ ވަނީ ދެ ލަނޑު ޖަހައިފަ އެވެ. އަނެއް ތިން ލަނޑު ޖެހީ އެމީލް ފޯސްބާގް، ކްރިސްޓޮފާ އެންކުންކޫ އަދި ޑެނީ އޮލްމޯ، ވަނީ ކޮންމެ ކުޅުންތެރިޔަކު ލަނޑެއް ޖަހައިފަ އެވެ.

މެޗު ކުޅެން އެންމެ ފުރަތަމަ ހަމަޖެއްސީ ޓިއުޓޯނިއާގެ ދަނޑުގަ އެވެ. އެކަމަކު އެ ދަނޑުގެ ވިނަގަނޑުގެ ހާލަތު ދަށް ވުމުން، މެޗު ލައިޕްޒިގް ދަނޑަށް ބަދަލު ކުރީ އެވެ. ޖަރުމަން ކަޕުގެ އެންމެ ފަހުގެ ޗެމްޕިއަން ލައިޕްޒިގް ވަނީ ރޭގެ މެޗުން މޮޅުވެ މުބާރާތުގެ އަނެއް ބުރަށް ދަތުރު ކޮށްފަ އެވެ.