ވޮޝިންޓަންމ(ނޮވެމްބަރު 9) - ރިޔާސީ އިންތިޚާބުގެ ނާކާމިޔާބީ ގަބޫލް ކުރެއްވުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ދެކޮޅު ހައްދަވުން ގެންދެވި ނަމަވެސް ރިޕަބްލިކަން ޕާޓީގެ ބައެއް އިސްވެރިން ގެންދަވަނީ އިންތިޚާބު ކާމިޔާބު ކުރެއްވި ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓް ޖޯ ބައިޑަން އަށް ތަހުނިޔާ ފޮނުވަމުންނެވެ.

ބަލި ގަބޫލް ނުކުރައްވައި ޓްރަމްޕް ގެންދަވަނީ ވޯޓު އޮޅުވާލީ ކަމަށް ވިދާޅުވަމުންނެވެ. އަދި ބައެއް ސްޓޭޓުތަކުގެ ވޯޓުގެ މައްސަލަތައް ވަނީ ޓްރަމްޕުގެ ފަރާތުން ކޯޓަށް ހުށަހަޅައިފަ އެވެ.

ރިޕަބްލިކަން ޕާޓީގެ އެންމެ ސީނިއާ ބޭފުޅެއްގެ ގޮތުގައި ކުރީގެ ރައީސް ޖޯޖް ޑަބްލިއު. ބުޝް ވަނީ ބައިޑަން އަށް ހޫނު މަރުހަބާއެއް ދަންނަވައިފަ އެވެ. އެމެރިކާގައި ދެ ދައުރު ވެރިކަން ކުރެއްވި ބުޝް ނެރުއްވި ބަޔާނެއްގައި ވަނީ އިންތިޚާބުން ނާކާމިޔާބުވިޔަސް ޓްރަމްޕަށް ވެސް މަރުހަބާ ވިދާޅުވެފަ އެވެ. ސަބަބަކީ އެމަނިކުފާން 70 މިލިއަން ވޯޓު ހޯއްދަވާފައިވުމުންނެވެ. ޓްރަމްޕަކީ އެމެރިކާގެ ތާރީޚުގައި ދެ ވަނަ އަށް އެންމެ ގިނަ ވޯޓު ހޯއްދެވި ކެންޑިޑޭޓެވެ.

ކުރީގެ ރައީސް ޖޯޖް ޑަބްލިއު. ބުޝް. --ފޮޓޯ:އޭއެފްޕީ
ކުރީގެ ރައީސް ޖޯޖް ޑަބްލިއު. ބުޝް. --ފޮޓޯ:އޭއެފްޕީ

ބުޝްގެ ކޮއްކޮ އަދި ފްލޮރިޑާގެ ކުރީގެ ގަވަރުނަރު ޖެބް ބުޝް ވެސް ވަނީ ޓްރަމްޕަށް މަރުހަބާ ވިދާޅުވެފަ އެވެ. ޖެބް ވަނީ 2016 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ޕްރައިމަރީގައި ޓްރަމްޕާ ވާދަކުރައްވައިފަ އެވެ.

ރިޕަބްލިކަން ސެނެޓަރެއް ކަމަށްވާ މިޓް ރޮމްނީ ވެސް ވަނީ ބައިޑަން އަށް މަރުހަބާ ވިދާޅުވެފަ އެވެ.

ކުރީގެ ރައީސް ބުޝް ވިދާޅުވީ ބައެއް ސްޓޭޓްތަކުގެ ވޯޓު އަލުން ގުނަން އެދެން ކޯޓަށް ދިއުމަކީ ޓްރަމްޕަށް ލިބިގެންވާ ހައްގެއް ކަމަށެވެ.

"އެކަމަކު އެމެރިކާގެ ގިނަ ރައްޔިތުން ޝައްކެއް ނުކުރާނެ މިފަހަރުގެ އިންތިޚާބުގެ އިންސާފުވެރިކަމާ މެދު. އަދި އިންތިޚާބުގެ ނަތީޖާ ވަރަށް ސާފު،" ޑަލަސްގައި ހުންނަ ބުޝްގެ އޮފީހުން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.