އެމެރިކާގެ ސެނެޓަރު ޖޯން މެކެއިންގެ ޖަނާޒާ ކުރިއަށް ދިޔައިރު އެ ހިތާމާވެރި ހަފުލާގެ ތެރެއިން ވެސް އެންމެން ހެއްވާލި މަންޒަރަކަށް ވީ އެމެރިކާގެ ކުރީގެ ރައީސް ޖޯޖް ޑަބްލިޔު ބުޝް، ކުރީގެ ރައީސް ބަރަކް އޮބާމާގެ އަނބިކަނބަލުން މިޝެލް އަށް ސިއްރުސިއްރުން މެޓައެއް ދިއްކޮށްލުމެވެ.
ކައިރީގައި އިށީނދެވަޑައިގެން ތިއްބެވިއިރު، ބުޝް މެޓާ ނަންގަވައި މިޝެލް އަށް ދެއްވާއިރު ބުޝްގެ އަނބިކަނބަލުން ހިނިތުންވެ ވަޑައިގެން އިންނަވަ އެވެ. މެޓާ ދެއްވުމުން މިޝެލް ވެސް "ތެންކް ޔޫ" އޭ ވިދާޅުވާކަން ވެސް ވީޑިއޯ އިން އެނގެ އެވެ.
ބުޝްގެ ދެކަނބަލުންނާއި އޮބާމާގެ ދެކަނބަލުން ނިސްބަތްވަނީ ވާދަވެރި ސިޔާސީ ދެ ޕާޓީއަކަށް ކަމަށް ވިޔަސް އެ ދެ އާއިލާގެ މެދުގައި ވަރަށް ގާތް ގުޅުމެއް އޮންނަ ކަމަށް ކުރިން ސުރެ ވެސް ވާހަކަ ދެކެވެ އެވެ. މެޓާ ދެއްވި ހާދިސާއިން މިކަން ޔަގީންވާ ކަމަށް ބައެއް މީހުން ބުނެ އެވެ.
ހިތާމަވެރި ހާދިސާއެއްގެ ތެރެއިން ވެސް މި ފެނުނު މަންޒަރާ އެކު ސޯޝަލް މީޑިއާގައި އެތައް ބައެއްގެ ލޯބި ހާމަކުރި އެވެ.
ގިނަ މީހުން ބުނީ ސިޔާސީ ވާދަވެރިކަމަކީ އެކުވެރިކަމާއި ރައްޓެހި ކަމަށް އޮތް ހުރަހެއް ނޫންކަމާއި އޮބާމާއި ބުޝްގެ ގުޅުމުން އެ މިސާލު ދައްކައިދޭ ކަމަށެވެ. ސިޔާސީ ވާދަވެރިކަމަކީ ވަގުތީ ކަމެއް ކަމަށާއި އެކަމަކު ދޭދޭ މީހުންގެ ގުޅުން މުޅި އުމުރަށް ދަމަހައްޓަންޖެހޭ ކަމަށް މީހުން ބުނެފައިވެ އެވެ.
އަނެއް ބަޔަކު ބުނީ ބުޝް އާއި މިޝެލް ބައިވެރިވެ ވަޑައިގަންނަވާ ރިއާލިޓީ ޝޯއެއް ހަދަންވީ ކަމަށާއި އޭރުން ވަރަށް ބޮޑު ތަރުހީބެއް ލިބޭނެ ކަމަށެވެ.
ނިއު ޔޯކް ޕޯސްޓުން ބުނި ގޮތުގައި، ބުޝް އާއި މިޝެލްގެ މުއާމަލާތް ހިނގީ ވެސް ވަރަށް މުނާސަބު ވަގުތެއްގަ އެވެ. އެއީ ސިޔާސީ ވާދަވެރިކަމާ އެކުގައި ވެސް ގައުމީ ކަންކަމުގައި ކުރިއަށް ދިއުމާ ބެހޭ ގޮތުން، އެ ހަފުލާގައި ތަގުރީރެއް ދެނިކޮށެވެ.