ސްރީ ލަންކާގެ ގާނޫނު ހަދާ މަޖިލީހަށް ހުށަހަޅާފައިވާ، ޖިންސީ ހަމަހަމަކަން ގާއިމުކުރުމުގެ ޖެންޑާ އީކުއަލިޓީ ބިލްގެ ސަބަބުން އެއްޖިންސުން ގުޅުން ހިންގުން ހުއްދަވެ އެއްޖިއްސުން ކައިވެނި ކުރުމަށް ގާނޫނީ ބާރު ލިބިދާނެ ކަމަށް ބުނެ އެ ބިލް ސުޕްރީމް ކޯޓުން ހުއްޓުވައިފި އެވެ.
ލަންކާގެ ގާނޫނު ހަދާ މަޖިލީހުގައި އިއްޔެ އިއުލާނުކުރި ގޮތުގައި ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންގެ ބެންޗަކުން ނިންމާފައިވަނީ ޖިންސީ ތަފާތުކުރުމާއި ވަކި ޖިންސަކަށް ވީތީ އަނިޔާވެރިވުން ފަދަ އަމަލުތައް ހުއްޓުވުމުގެ މަގުސަދު ހާސިލްކުރަން ހުށަހެޅި ބިލް ބުޑިސްޓުންގެ އަޣުލަބިއްޔަތު އޮންނަ ލަންކާގެ އާދަކާދަ އާއި ސަގާފަތާއި ވިސްނުމާ ފުށުއަރާ ކަމަށެވެ.
"މި ބިލް ގާނޫނަކަށް ވެއްޖެ ނަމަ، އެއްޖިންސުން ކައިވެނިކުރަން އުޅޭ ކޮންމެ ބަޔަކަށް ވެސް އެކަމުގެ ގާނޫނީ ހައިސިއްޔަތެއް ލިބޭނެކަން ސާފުކޮށް އެނގޭ،" ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުން ފަނޑިޔާރު ޕީ. ޕަދްމަން ސުރަސޭނާގެ ރައުޔުގައި ލިޔުއްވާފައިވެ އެވެ. އަނެއް ދެ ފަނޑިޔާރުން ވެސް މިކަމަށް ވާނީ ތާއީދުކުރައްވައިފަ އެވެ.
"މިއީ ލަންކާގެ ގާނޫނުއަސާސީ އަދި އާދަކާދައިގެ ތެރެއިން ވެސް އަންގައިދޭ ކަންކަމެއް ނޫން."
ފަނޑިޔާރު ސުރަސޭނާ ވިދާޅުވި ގޮތުގައި ލަންކާގައި އެއްޖިންސުން ގުޅުން ހިންގުން ހުއްދަ ވުމާއި އެފަދަ ކައިވެނިތައް ބަލައިގަންނަން ފެށުން ވެގެން ދާނީ އާދަކާދަ އާއި އާންމު ވިސްނުމުގެ ވެސް ބޭރުވެ އިތުރު މައްސަކަތަކެއްގެ ތެރެއަށް ހިނގައިދާނެ ކަމަކަށެވެ.
ކޯޓުން މިހެން ނިމުމުން ރައީސް ރަނިލް ވިކްރެމަސިންހާ ވަނީ ކޯޓުގެ ނިންމުމާ ހިލާފުނުވެ ބިލްގައި ހުރި ކަންކަން ހާސިލްވާނެ ގޮތްތައް ބެލުމަށް މަޖިލީހުގެ ހާއްސަ ކޮމިޓީއެއް އެކުލަވައިލަން އެދިވަޑައިގެންފަ އެވެ.
"އަޅުގަނޑުމެންނަށް އަންގާފައި އޮންނަނީ ކޯޓުގެ އަމުރުތަކަށް ތަބާވަން. އެކަމަކު މިކަން މި މަޖިލީހަށް ވާކަށް ނެތް،" މަޖިލީހުގައި ރަނިލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މި ހުކުމަކީ މީގެ ކުރިން ސުޕްރީމް ކޯޓުން ކުރި "ޒަމާނީ ވިސްނުމުގެ" ހުކުމްތަކާ ހިލާފް ހުކުމެއް ކަމަށެވެ. -- އޭއެފްޕީ