މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑާ ދަށުން ކުރިން ހިންގަމުން ދިޔަ އެޓާނީ ޖެނެރަލް އޮފީސް (އޭޖީ) އޮފީސް ވަކި އިދާރާއެއްގެ ގޮތުގައި އިއްޔެ އިން ހިންގަން ފަށައިފި އެވެ.
އޭޖީ އޮފީސް ވަކިން ހިންގާ ގޮތަށް ރައީސް އަބްދުﷲ ޔާމީން އިއްޔެ ހަމަޖެއްސެވީ، ޖެންޑަ މިިނިސްޓްރީގެ ނަން ޖެންޑާ އެންޑް ފެމިލީ އަށް ބަދަލުކުރެއްވުމަށް ފަހު އެވެ. ޖެންޑަ މިނިސްޓަރަކަށް އައްޔަން ކުރެއްވީ ޒެނީޝާ ޒަކީ އެވެ.
ޖުލައި، 1، 2014 އިން ފެށިގެން މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑާގެ ނަމުގައި އެ މިނިސްޓްރީ ހިންގެވީ އެޓާނީ ޖެނެރަލް މުހައްމަދު އަނިލް އެވެ.
ރައީސް އޮފީހުން ބުނިގޮތުގައި އޭޖީ އޮފީހުގެ މަސައްކަތަކީ ދައުލަތާ ގުޅުން ހުރި ގާނޫނީ ކަންކަމުގައި ސަރުކާރަށް ލަފާ ދިނުމާއި ސަރުކާރުގެ ފަރާތުން ކުރަން ޖެހޭ ގާނޫނީ މަސައްކަތްތައް ބެލެހެއްޓުމާއި އިންސާނީ ހައްގުތަކާ ބެހޭ ސަރުކާރުގެ ސިޔާސަތު ވިލަރެސްކުރުމާ ގުޅޭ އެންމެހައި ކަންކަން ކުރުމެވެ.
އޭޖީ އޮފީހާ ހަވާލުކޮށްފައިވާ ބައެއް މަސައްކަތްތައް:
- މަދަނީ މައްސަލަތަކުގައި ރާއްޖެ އާއި ބޭރުގައި ދައުލަތުގެ ނަމުގައި ދައުވާ ކުރުމާއި ދައުވާ ލިބިގަތުން.
- ދައުލަތާ ގުޅުން ހުރި ގާނޫނީ އެންމެހާ ކަންކަމުގައި ސަރުކާރަށް ލަފާ ދިނުން.
ސަރުކާރު އިދާރާތަކުގެ އިތުރުން ދައުލަތުގެ މުއައްސަސާތަކަށް ކަނޑައަޅާފައިވާ އުސޫލެއްގެ ދަށުން ގާނޫނީ ލަފާދިނުން.
- ޖިނާއީ މައްސަލަތަކުގައި އަމަލުކުރާނެ މައިގަނޑު އުސޫލްތަކާއި މިންގަނޑުތައް ކަނޑައެޅުން.
- ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ބިލްތައް ތަސްދީގުކުރުމާ ގުޅޭ ގޮތުން ސަރުކާރަށް ލަފާ ދިނުން.
- ގާނޫނު ހެދިފައި ނުވާ ދާއިރާތައް ފާހަގަކުރުމާއި ގާނޫނު ހެދިފައި ނުވާ ދާއިރާތަކާ ގުޅޭ ދިރާސާތައް ކަމާ ބެހޭ ދާއިރާތަކާ ގުޅިގެން ކުރުމާއި އެ ދާއިރާތަކުގެ މަޝްވަރާއާ އެކު ގާނޫނުގެ ދެލި ކޮޕީ އެކުލަވާލައި އެ ދާއިރާތަކަށް ހުށަހެޅުން.
- ސަރުކާރުގެ އޮފީސްތަކުން އެކުލަވާލާ ގަވާއިދުތަކުގެ ދެލި ކޮޕީތަކަކީ ރާއްޖޭގައި އަމަލުކުރަމުންދާ ގާނޫނުތަކާއި ގަވާއިދުތަކާ ފުށުއެރުން ހުރި ގަވާއިދުތަކެއްތޯ ނުވަތަ ނޫންތޯ ބަލައި އެ ގަވާއިދުތަކަށް އަމަލުކުަން ފެށުމާ ބެހޭ ގޮތުން ގާނޫނީ ލަފާ ދިނުން.