ހުކުމް ތަންފީޒު ކުރުމުގެ ކުރިން ނިހާއީ ހުކުމެއް ކަން ކަށަވަރު ކުރަންޖެހޭ މައްސަލައެއް ފުރަތަމަ ފަހަރަށް ހައި ކޯޓުން ބަލައި، ދަށު ކޯޓުގެ ހުކުމް އިއްޔެ ބާތިލްކޮށްފި އެވެ.

ނިހާއީ ހުކުމެއް ކަން ކަށަވަރު ކުރުމަކީ ބައެއް ބާވަތުގެ މައްސަލަތަކުގައި ކުރާ ހުކުމްތައް ތަންފީޒު ކުރުމުގެ ކުރިން މަތީ ކޯޓުތަކަށް ހުށަހަޅައިގެން އެ ހުކުމެއްގެ ސައްހަކަން ކަށަވަރު ކުރުމެވެ. މަރުގެ އަދަބު ކަނޑައަޅާ މައްސަލަތަކާއި ހައްދު ޖެހުމާއި ތައުޒީރު ކުރުން ފަދަ އަދަބުތައް ކަނޑައެޅޭ މައްސަލަތަކުގައި ހުކުމް ތަންފީޒު ކުރުމުގެ ކުރިން ހައި ކޯޓާއި ސުޕްރީމް ކޯޓުން އެ ހުކުމެއްގެ ސައްހަ ކަން ކަށަވަރު ކުރަންޖެހެ އެވެ. އެފަދަ މައްސަލަތަކުގައި ކުށްވެރިޔާ އެ މައްސަލަ އިސްތިއުނާފް ނުކޮށްފި ނަމަ، ހުކުމް ކަށަވަރު ކުރަން މަތީ ކޯޓުތަކަށް ދާންޖެހޭނީ ދައުލަތުންނެވެ.

ނިހާއީ ހުކުމެއް ކަށަވަރު ކުރަންޖެހޭ މައްސަލައެއް ހައި ކޯޓުން ފުރަތަމަ ފަހަރަށް ނިންމީ ތިނަދޫ ކޯޓުން އަންހެނެއްގެ މައްޗަށް ޒިނޭގެ ކުށް ސާބިތުވާ ކަމަށް ކުރި ހުކުމެއްގެ މައްސަލާގަ އެވެ. ވަކި މީހަކަށް ނުލައްވާ ގޮތަށް 2014 ވަނަ އަހަރު ކުއްޖަކު ވިހެއި މައްސަލައެއްގައި އޭނާގެ މައްޗަށް ޒިނޭގެ ދައުވާ އުފުލުމުން ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި 100 އެތިފަހަރުން ހައްދު ޖެހުމާ އެކު ތިން މަހާއި 18 ދުވަހަށް އޭނާ ގޭގައި ބަންދު ކުރަން ދަށު ކޯޓުން ހުކުމްކުރީ 2016 ގަ އެވެ.

އެ ހުކުމް އެ މީހާގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފް ނުކުރުމުން އެ ހުކުމް ކަށަވަރު ކުރަން ހައި ކޯޓުގެ ދެކުނު ގޮތްޕަށް ހުށަހެޅީ ދައުލަތުންނެވެ. އެ މައްސަލަ ބެލުމަށް ފަހު ހައި ކޯޓުގެ ދެކުނު ގޮފިން އިއްޔެ ވަނީ ދަށު ކޯޓުގެ ހުކުމް ބާތިލްކޮށް، އެ މީހާގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ހުކުމްކޮށްފަ އެވެ.

ހައި ކޯޓުގެ ހުކުމުގައިވަނީ ޒިނޭ ކުރި ކަމަށް ދަށު ކޯޓުގައި އޭނާ އެއްބަސްވެފައި ވިޔަސް އެއީ ސައްހަ އިއުތިރާފެއްތޯ ދަށު ކޯޓުން ބަލާފައި ނުވާ ކަމަށާއި އެކަމުގައި ޝައްކުތަކެއް އެކުލެވިގެންވާ ކަމަށެވެ. އެގޮތުން އޭނާ ޒިނޭކުރީ ރުހި ގަބޫލުވެގެން ނޫން ކަމަށް ދަށު ކޯޓުގައި އޭނާ ބުނެފައި އޮތް އިިރު އެކަމުގެ ތަފްސީލު ހޯދާފައި ނެތް ކަމަށް އެ ހުކުމުގައިވެ އެވެ. އަދި މީހަކާ ކައިވެނިނުކޮށް ހުރެ ކުއްޖަކު ވިހެއުމަކީ އިސްލާމީ ޝަރީއަތުގައި ޒިނޭގެ ހައްދު ގާއިމް ކުރެވޭނެ މިންވަރަށް ޒިނޭގެ ކުށް ސާބިތުވާނެ މިންގަނޑެއް ނޫން ކަން ވެސް އެ ހުކުމުގައި ފާހަގަ ކޮށްފައިވެ އެވެ.

ކީރިތި ރަސޫލާގެ ޒަމާނުގައި ހިނގި ޒިނޭގެ ހާދިސާއަކަށް ރިއާޔަތްކޮށް، އެ ހުކުމުގައިވާ ގޮތުން ޒިނޭގެ ހައްދު ގާއިމް ކުރުމުގެ ކުރިން ޒިނޭއަކީ ކޮން ކަމެއް ކަން އެ މީހަކަށް އެނގޭތޯ އާއި އެ މީހަކު ޒިނޭ ކުރި ކަމަށް ބުނެ ވެފައިވާ އިއުތިރާފްގެ ތަފްސީލު އޮޅުންފިލުވަން ޖެހޭނެ ކަމަށް ފިގުހު އިލްމުވެރިންގެ ރައުޔުތަކުގައި ވިދާޅުވެފައިވާ ކަމަށް ހުކުމްގައި ފާހަގަ ކޮށްފައިވެ އެވެ.

ދެކުނު ގޮފީގައި އެ މައްސަލަ ބެއްލެވީ ފަނޑިޔާރު ހުސައިން ޝަހީދާއި ފަނޑިޔާރު މުހައްމަދު ފައިސަލްގެ އިތުރުން ފަނޑިޔާރު މުހައްމަދު ނިޔާޒެވެ. ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު ޝަހީދެވެ.

ނިހާއީ ހުކުމެއް ކަން ކަށަވަރު ކުރަންޖެހޭ މައްސަލައެއް ހައި ކޯޓުން ފުރަތަމަ ފަހަރު ނިންމިޔަސް، ސުޕްރީމް ކޯޓުން މީގެ ކުރިން ވަނީ އެފަދަ ބައެއް މައްސަލަތައް ނިންމައިފަ އެވެ. އެގޮތުން މަރަން ހުކުމް ކޮށްފައި ތިބި ބައެއް މީހުންގެ އެފަދަ މައްސަލަތައް ސުޕްރީމް ކޯޓުން ވަނީ ނިންމައިފަ އެވެ.