ގދ. ރަތަފަންދު އަށް ދިމާވެފައިވާ ބިމުގެ ދަތިކަން ހައްލުކުރުމުގެ ގޮތުން، އެ ރަށާއި އެއް ފަޅެއްގެ ތެރޭގައި އޮންނަ ފަޅުރަށެއް ކަމަށްވާ ކެރެއްދޫ ގުޅާލުމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވައުދުވެޑައިގެންފި އެވެ.

ރައީސް ރިޔާސީ ކެމްޕެއިނަށް ހުވަދުއަށް ކުރައްވާ ދަތުރުފުޅުގައި ރަތަފަންދޫގައި ބޭއްވި ޖަލްސާގައި ވިދާޅުވީ މި ރަށަށް ދިމާވެފައިވާ ބިމުގެ ދަތިކަން ހައްލުކޮށްދިނުމަށް، ކައުންސިލުން އެދިފައިވާ ގޮތަށް، ބިން އިތުރުކޮށްދިނުމުގެ މަސައްކަތް ދެން އަންނަ ދައުރަށް އިންތިހާބު ވެއްޖެ ނަމަ ކޮށްދެއްވާނެ ކަމަށެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހުވަދުއަށް ކުރައްވާ ކެމްޕެއިން ދަތުރުފުޅުގައި ގދ. ރަތަފަންދޫން މަރުހަބާ ކިޔަން ނުކުމެ ހުރި މީހަކާއެކު ސެލްފީއެއް ނަގަނީ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހުވަދުއަށް ކުރައްވާ ކެމްޕެއިން ދަތުރުފުޅުގައި ގދ. ރަތަފަންދޫން މަރުހަބާ ކިޔަން ނުކުމެ ހުރި މީހަކާއެކު ސެލްފީއެއް ނަގަނީ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

"ކައުންސިލްގެ ރައީސް ވިދާޅުވީ މި ރަށުގެ ބިން ފުރިފައި އޮތް ވާހަކަ، މި ރަށަކާ ވަރަށް ކައިރީގައި އޮތް، ހިނގާލާފައި ދެވޭ ހިސާބުގައި އޮތް ކެރެއްދޫގެ ވާހަކަ. އިރާދަކުރެއްވިޔާ މި ރަށަށް ބިން ބޮޑުކުރުމަށްޓަކައި މި ރަށާއި ކެރެއްދުއާ ގުޅާލަދޭނަން،" ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނުގެ ވެރިކަމުގެ ދެވަނަ ދައުރުގައި، ރަތަންދޫގެ ވަށައިގެން އޮންނަ މަގާއި ބޮޑު މަގުތައި ތާރު އަޅައިދޭނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ރަތަފަންދުއަށް ރައީސްގެ ވައުދުތައް

- ރަތަންދޫގެ ވަށައިގެން އޮންނަ މަގާއި ބޮޑު މަގުތައި ތާރު އެޅުން.

- ޒަމާނީ ވަސީލަތްތަކާ އެކު މި ރަށުގައި ޒުވާނުންގެ މަރުކަޒެއް ހެދުން.

- އާ ސިއްހީ މަރުކަޒެއް އިމާރާތްކުރުން.

- ސްކޫލުގައި މަލްޓިޕާޕަސް ހޯލެއް ހެދުން.

- ބަނދަރު ތަރައްގީކުރުން.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހުވަދުއަށް ކުރައްވާ ކެމްޕެއިން ދަތުރުފުޅުގައި ގދ. ރަތަފަންދޫގައި ބޭއްވި ޖަލްސާ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހުވަދުއަށް ކުރައްވާ ކެމްޕެއިން ދަތުރުފުޅުގައި ގދ. ރަތަފަންދޫގައި ބޭއްވި ޖަލްސާ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ރަތަފަންދު އަކީ ރައީސް ހުވަދުއަށް ކުރައްވާ ދަތުރުފުޅުގައި ވަޑައިގެންނެވި ގދ. އަތޮޅުގެ ހަތަރު ވަނަ ރަށެވެ. އެންމެ ފުރަތަމަ ވަޑައިގެންނެވީ މަޑަވެއްޔަށެވެ. ދެން ވަޑައިގަތީ ހޯޑެއްދު އާއި ނަޑެއްލާ އަށެވެ.