ގދ. މަޑަވެލީގައި އެމްއައިބީ އޭޓީއެމްގެ ހިދުމަތް ފަށައިފި އެވެ.
އެމްއައިބީން މަޑަވެލީގެ ކައުންސިލާ ގުޅިގެން ބެހެއްޓި މި އޭޓީއެމްތަކުން ވެސް 24 ގަޑިއިރު ފައިސާ ޖަމާކޮށް ނެގޭނެ އެވެ. މި އޭޓީއެމްތަކުން އެއްފަހަރާ ދެ ލައްކަ ރުފިޔާ ޖަމާކުރެވޭނެ އެވެ. އަދި ވިޔަފާރިތަކަށް ބިޒްނަސް ކާޑު ބޭނުންކޮށްގެން މިއަށްވުރެ އިތުރަށް ޖަމާކުރެވޭނެ އެވެ.
އެމްއައިބީން ބުނީ މިއީ އެންމެ ފަހުގެ އޭޓީއެމްތަކެއް ކަމަށާއި މި އޭޓީއެމްތަކުގައި ކާޑު ބޭނުންނުކޮށް ވެސް ފައިސާ ޖަމާކުރެވޭނެ ކަމަށެވެ. ކާޑާއި ނުލައި ފައިސާ ޖަމާކުރެވޭނީ ފޯނު ނަމްބަރު ބޭނުންކޮށްގެންނެވެ. މި ގޮތަށް ފައިސާ ޖަމާކުރުމަށް ފޯނު ނަމްބަރު ޖެހުމުން އޯޓީޕީއެއް ލިބޭނެ އެވެ. އޯޓީޕީ ނަމްބަރު ޖަހައި ވެރިފައިކުރުމަށް ފަހު، ފައިސާ ޖަމާކުރަން ބޭނުންވާ އެކައުންޓު ނަމްބަރު ޖެހުމަށް ފަހު ފައިސާ ޖަމާކުރެވޭނެ އެވެ.
މިއީ އެމްއައިބީގެ ހިދުމަތް ފުޅާކުރުމުގެ ގޮތުން މިހާރު ކުރަމުންދާ މަސައްކަތްތަކުގެ ދަށުން ބެހެއްޓި އޭޓީއެމް އެކެވެ. އެ ބެންކުން ދާދި ފަހުން ވަނީ އދ. މަހިބަދޫ އާއި ދ. ކުޑަހުވަދޫގައި ވެސް އޭޓީއެމެއް ބަހައްޓައިފަ އެވެ.
އެމްއައިބީން އަންނަނީ ރާއްޖޭގެ އެކި ހިސާބުތަކަށް އެ ބެންކުގެ ހިދުމަތްތައް ފަސޭހައިން ހޯދޭނެ މަގު ތަނަވަސްކޮށްދެމުންނެވެ.