ގދ. މަޑަވެއްޔަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއީމީ ހައްލެއް ހޯދައިދިނުމަށް އެރަށުން ބިން ހިއްކާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ހުވަދު އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރައީސް ވަނީ ރަށު ކައުންސިލާ ބައްދަލުކުރައްވައި ރަށަށް ދިމާވެފައިވާ މައްސަލަތައް އޮޅުންފިލުއްވައިފަ އެވެ.
ރިޔާސީ އިންތިހާބުގައި އާބާދީ ނިސްބަތުން އެމަނިކުފާނަށް ދެވަނައަށް އެންމެ ގިނަ ވޯޓު ލިބުނު މަޑަވެލީގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެމަނިކުފާނު ރަށްރަށަށް ވަޑައިގަންނަވާ މައިގަނޑު ސަބަބަކީ ރައްޔިތުންނާ ބައްދަލުކުރައްވައި ދަތިތައް ސާފުކުރެއްވުން ކަމަށެވެ.
މާލޭގެ މޭޔަރު ކަމުގައި ހުންނަވައި ވެސް މައްސަލަތައް ހައްލުކުރެއްވީ އެގޮތަށް ކަމަށް ރައީސް ވިދާޅުވި އެވެ.
މަޑަވެއްޔަށް މިވަގުތު ދިމާވެފައިވާ އެންމެ ބޮޑު މައްސަލަ ކަމަށްވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ވެސް ދާއިމީ ހައްލެއް ހޯއްދަވައިދެއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
މަޑަވެލިން އެންމެ ފަހުން ގޯތި ދޫކުރީ 2004 ވަނަ އަހަރު އެވެ. އެ އަހަރު ވެސް ރަށުން ދޫކުރީ 34 ގޯއްޗެވެ. އޭގެ ފަހުން 15 އަހަރަށް ވުރެ ގިނަ ދުވަސްވީއިރު އެ ރަށުން ގޯތި ދޫނުކުރެވުމުގެ ސަބަބުން ބޯހިޔާވަހިކަމުގެ މައްސަލަ ރަށުގައި ވަނީ ބޮޑުވެފަ އެވެ.
އެކަމާ ގުޅިގެން ރައީސް ވިދާޅުވީ އެރަށުގެ 300 އެއްހާ އާއިލާތައް ގެދޮރު ނެތިފައި ތިބި މައްސަލައަށް އެމަނިކުފާނު ދާއިމީ ހައްލެއް ހޯދައި ދެއްވުމުގެ ގޮތުން ރަށުން ބިން ހިއްކައިދެއްވާނެ ކަމަށެވެ.
"މި ރަށަށް ބިން އިތުރުކުރަން ޖެހޭ. އެކަމުގައި އަޅުގަނޑުމެން ފަންނީ ލަފާ ހޯދާނަން. ކައުންސިލާއި އިންފްރާސްޓްރަކްޗާ މިނިސްޓްރީ ގުޅިގެން ރައްޔިތުންގެ ހިޔާލު ހޯދައިގެން ތިމާވެށީގެ މައްސަލަތައް ބަލައި ރައްޔިތުން އެދޭ ގޮތަށް އެކަން ކޮށްދޭން ޖެހޭ،" ރައީސް ވިދާޅުވި އެވެ.
އެކަމާ ގުޅިގެން މިނިސްޓްރީ އާއި ކައުންސިލުން ގުޅިގެން ކުރިއަށް ދާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.
ރައީސްގެ އެންމެ ބޮޑު އެއް ވައުދުފުޅަކީ ބޯހިޔާވަހިިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް މި ދައުރުގައި ހޯދައިދެއްވުމެވެ. އެކަން ހާސިލުކޮށްދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވަނީ މަޑަވެލީ ބަނދަރު ތަރައްގީކޮށްދިނުމާއި އާ މިސްކިތެއް ތަރައްގީކުރުމާއި އޭޓީއެމެއް ވެސް ހަދައިދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ.
ފަރެސްމާތޮޑާއަށް ވަޑައިގެން ވެސް ރައީސް ވަނީ އެރަށަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ބިން ހިއްކައި ދެއްވާނެ ކަމަށެވެ. ރައީސް ވަނީ ރަށްރަށަށް އެމަނިކުފާނު ވެލެއްވި ވައުދުފުޅުތައް ފުއްދަވާނެ ކަމުގެ ޔަގީންކަން ތަކުރާރުކޮށް ރައްޔިތުންނަށް ދެއްވައިފަ އެވެ.