ޔޫރަޕިއަން ސްޓޭންޑާޑްގެ ފެންވަރު ރަނގަޅު ބޭސް ގެންނައިރު ގަނޑުކޮށް އެ ބޭސްތައް ގެނައުމުން އަގު އަގުހެޔޮވާނެ ކަމަށާއި އެކަން ކުރަން ޔޫއެންޑީޕީ އާ ވާހަކަދައްކަމުން އަންނަ ކަމަށް ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް މިއަދު ވިދާޅުވެއްޖެ އެވެ.
ގދ. މަޑަވެލީ ރައްޔިތުންނާއި ރައީސް ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި މިނިސްޓަރު ވިދާޅުވީ ސިއްހީ ނިޒާމު ރަނގަޅުކުރުމުގެ މަސައްކަތް ރައީސް ކުރައްވަމުން ގެންދަވާ ކަމަށާއި އޭގެ ދަށުން އާންމުންނަށް ރަނގަޅު ކޮލިޓީ ބޭސް ލިބޭނެ ގޮތެއް ހެދުމަކީ ސަރުކާރުން ހާއްސަ ސަމާލުކަމެއް ދެމުން އަންނަ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ދުނިޔޭގެ ބޮޑެތި ބޭސް ކުންފުނިތަކުން އުފައްދާ ބޭހުން ތަފާތު ދައްކާ ކަމަށާއި އެހެންވީމަ، ރަނގަޅު ފެންވަރުގެ ބޭސް ލިބުމަކީ މުހިއްމު ކަމެއް ކަމަށެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި މިއީ ހަމައެކަނި ޔޫރަޕުން ގެންނާނެ ބޭހެއް ނޫނެވެ. އެ ބޭހަކީ ފެންވަރު ރަނގަޅު ބޭހެއް ނަމަ، އަވަށްޓެރި ގައުމުތަކުން ވެސް ގެންނާނެ ކަމަށް އެ ޖަލްސާގައި މިނިސްޓަރު ވިދާޅުވި އެވެ.
"އަޅުގަނޑުމެން މިކިޔާ ޔޫރަޕިއަން ސްޓޭންޑަޑޭ. އެއީ ކޮންމެހެން ވިލާތުން އުފައްދާތީކީ ނޫން. ފެންވަރު ރަނގަޅު އެންމެ ކޮލިޓީ ބޭސް. އެެއީ ކައިރި އަވަށްޓެރި ގައުމަކުން އުފެއްދި ކަމުގައި ވިޔަސް ދުރުން އުފެއްދި ކަމުގައި ވިޔަސް ކޮލިޓީ ބޭސް ރައްޔިތުންނަށް ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން،"
ފެންވަރު ރަނގަޅު ބޭސް ރާއްޖެ ގެނެވޭނެ މަގު ރައީސް ތަނަވަސްކޮށްދެއްވާފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި މިހާރު ސަރުކާރުން މަސައްކަތް ކުރަމުން ދަނީ ޔޫއެންޑީޕީއާ ވާހަކަ ދައްކައިގެން ރާއްޖެއަށް ގަނޑުކޮށް ބޭސް ގެނައުމަށެވެ. އޭގެ ސަބަބުން ބޭސް ގެނައުމަށް ކުރާ ހޭދަ މިހާރަށް ވުރެ ބޮދަށް ކުޑަވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"އޭގެ ތެރެއިން ކަށަވަރުކޮށްދޭނީ، ކޮލިޓީ ބޭސް މިހާރު މިގެނެވެނީ އަގުބޮޑުކޮށް. އެކަމަކު ބަލްކުކޮށް، ގަނޑުކޮށް ކުރަންވީމަ އަގު ހެޔޮކޮށް ކޮލިޓީ ބޭސް ލިބޭނެކަމުގެ ޔަގީންކަން ވަނީ ހޯދައިދެއްވާފައި،"
މިނިސްޓަރު އެގޮތަށް ވިދާޅުވިއިރު ކުރިން "މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު ވިދާޅުވީ ކޮލިޓީ ބޭސް ގެނައުމުގައި ގޮންޖެހުން އެބަ ކުރި ކަމަށާއި އޭގައި ކަމާގުޅޭ އިދާރާއިން އުސޫލު ހަމަޖައްސާފައިވާ ގޮތުން ގޮންޖެހުންތައް ކުރިމަތިވާތީ، އެއަށް ބަދަލުތަކެއް ގެނެސް ވަރަށް އަވަހަށް އިއުލާންކުރާނެ ކަމަށެވެ. ބޭހުގެ އުސޫލުތައް ރިވިއުކުރާއިރު، ބެލޭނެ އެއް ގޮތަކީ، ޔޫރަޕްގެ ގައުމެއްގައި އުފައްދާ ބޭހަކަށް އެ ގައުމުގެ ސަރުކާރުން ހުއްދަ ދީފައިވާނަމަ، ރާއްޖެއަށް ވެސް އެ ގެވޭނެ ގޮތެއް ހަމަޖެއްސުން ކަމަށް މިނިސްޓަރު ވިދާޅުވެފައިވެ އެވެ. ބޭހަށް ހުއްދައަށް ހުށަހަޅާއިރު އެ ބޭހުގެ ކޮންޓެންޓު ބަޔާންކުރަން ޖެހުމުން ދަތިވަނީ އެކަމަކީ، ބޮޑެތި ކުންފުނިތަކުން ސިއްރު ކޮށްފައިވާ ކަމަކަށް ވާތީ ކަމަށް ވެސް އޭރު މިނިސްޓަރު ވިދާޅުވި އެވެ.
ރާއްޖެ އަށް ބޭސް އެތެރެކުރަނީ އެމްއެފްޑީއޭ އިން ނެރެފައިވާ، އެޕްރޫވްޑް ޑްރަގް ލިސްޓުގައިވާ ބޭސްތައް، ހަމަ އެ ޕެކިންގަ އެވެ. އެ ލިސްޓުގައިވާ ގޮތުން ރާއްޖެއަށް 1،600 އަށް ވުރެ ގިނަ ބޭސް އެތެރެކުރުމަށް ހުއްދަދީފައި ވެ އެވެ.