އިޒްރޭލު ސިފައިންނާއި އިޒްރޭލުގެ ޖާސޫސީ އޭޖެންޓުން މިހާރު ގާޒާގައި ހިންގަމުންދާ ހަރަކާތްތަކުގެ މަގްސަދަކީ ހަމާސް ޖަމާއަތުން އިޒްރޭލާ ދެކޮޅަށް ހަނގުރާމައެއް ފެށުން ކަމުގައި ގާޒާގެ ރައްޔިތުން ބުނަން ފަށައިފި އެވެ.

އިޒްރޭލުގެ ޖަލުގައި ގެންގުޅުމަށް ފަހު ގާޒާ އަށް އަރުވާލާފައި ހުންނެވި، ހަމާސް ޖަމާއަތުގެ އިސް ހަރަކާތްތެރިޔާ މާޒިން ފަގްހާ މީގެ ހަފުތާއެއްހާ ދުވަސް ކުރިން މަރައިލީ ހަމާސް ރުޅިއަރުވަން ކަމަށް ގާޒާގެ ރައްޔިތުން ގަބޫލުކުރެ އެވެ. ގާޒާގެ ބައެއް މީހުން ބުނާ ގޮތުގައި މާޒިން މަރައިލުމަކީ އިޒްރޭލުން ގާޒާއާ ދެކޮޅަށް ހަތަރު ވަނަ ހަނގުރާމައެއް ފަށަން ތައްޔާރުވެފައިވާ ކަމުގެ ނިޝާނެކެވެ. ނަމަވެސް ނޭނގެނީ އެ ހަނގުރާމަ ފެށޭނެ ވަގުތެކެވެ.

އިޒްރޭލުގެ ޖަލުގައި ދުވަސްތަކެއް ވަންދެން ގެންގުޅުމަށް ފަހު މާޒިން ޖަލުން ނެރެ ގާޒާ އަށް އަރުވައިލީ 2011 ވަނަ އަހަރު އެވެ. އިޒްރޭލުން ތުހުމަތުކުރާ ގޮތުގައި ހުޅަނގު އައްސޭރީގައި ހަމާސް ޖަމާއަތުގެ އަސްކަރީ ހަރަކާތްތައް ރާވައި ހިންގުމަށް މާޒިން މަސައްކަތް ކުރެ އެވެ.

އިޒްރޭލު ސިފައިން ގާޒާ އަށް އަރައިގަނެ ފަލަސްތީނު މީހުންގެ ގެއަކަށް ވަދެ އަސްކަރީ ހަރަކާތްތަކެއް ހިންގަނީ.
އިޒްރޭލު ސިފައިން ގާޒާ އަށް އަރައިގަނެ ފަލަސްތީނު މީހުންގެ ގެއަކަށް ވަދެ އަސްކަރީ ހަރަކާތްތަކެއް ހިންގަނީ.

މިދިޔަ ހަފުތާގެ ހުކުރު ދުވަހުގެ ރޭ، ކޮން ބައެއް ކަން ނޭނގޭ ބަޔަކު މާޒިންގެ ގަޔަށް ބަޑިޖަހައި މަރައިލީ އޭނާ ދިރިއުޅޭ އެޕާޓްމަންޓްގެ ބޭރުގައި ހުއްޓަ އެވެ. މި ފަދަ ހަމަލާތައް ދިނުމަކީ ގާޒާގައި އާންމުކޮށް ހިނގާ ކަމަކަށް ނުވާތީ، ގާޒާގެ ރައްޔިތުން ގަބޫލުކުރަނީ އެއީ ހަމާސް ޖަމާއަތް ރުޅިއަރުވައި ހަމާސް ލައްވައި އިޒްރޭލަށް ހަމަލާ ދިނުމަށް ކުރާ ކަމެއް ކަމަށެވެ. އެހެން ވެއްޖެ ނަމަ އެއީ ގާޒާ އަށް އަރައިގަނެ ގަތުލު އާންމެއް ހިންގުމަށް އިޒްރޭލަށް ލިބޭ ބަހަނާއަކަށް ވާނެ އެވެ.

އިޒްރޭލުން ފަލަސްތީނުގެ ބިންތަކަށް އަރައިގަންނަ ކޮންމެ ފަހަރަކު ވެސް، އިސްވެ ފަލަސްތީނުގެ ބަޔަކަށް ހަމަލާދީ ނުވަތަ ގެދޮރު ހަލާކުކޮށް ފަލަސްތީނު ރައްޔިތުން ރުޅިއަރުވައިލަ އެވެ. އޭގެ ބަދަލު ހިފުމުގެ ގޮތުން ފަލަސްތީނުގެ ބަޔަކު އިޒްރޭލަށް ހަމަލާއެއް ދީފި ނަމަ، އިޒްރޭލުން ރައްދުގައި ފަލަސްތީނާ ދެކޮޅަށް ހަނގުރާމަ ފަށަ އެވެ.