އޭނާގެ އުމުރަކީ އެންމެ 11 އަހަރެވެ. އެހެން ކުދިންނާ ވަރަށް ތަފާތެވެ. އެ އުމުރުގައި އޭނާ އެ ސިއްސުވާލީ އެހެން ކުދިންނަށް ނަމޫނާއެއް ދައްކަމުންނެވެ. ކުޅުދުއްފުށީ ޖަލާލުއްދީން ސްކޫލުގެ ގްރޭޑް ފަހެއްގައި ކިޔަވަމުން، ލޯވެލްގައި ބައިވެރިވެ، އޭނާ "އޭ" ހޯދައިފި އެވެ.
ރައްޔާން މުހައްމަދު ފައިސަލް އެންމެ ކުޑައިރުއްސުރެ ގޭތެރޭގައި އުޅެނީ އެ އުމުރުގެ އެހެން ކުދިންގެ އުޅުމާ ތަފާތުކޮށް ކަން އޭނަގެ މައިންބަފައިންނަށް ފާހަގަވި އެވެ. ބަޔޮލޮޖީ އަށް ޝައުގުވެރިކަން ހުންނަކަން އުމުރުން އެންމެ ނުވަ އަހަރުގައި އޭނާ އަމިއްލައަށް ފާޅުކުރި އެވެ. ނަމަވެސް އުމުރުގެ ގޮތުން ބަޔޮލޮޖީގެ ބަދަލުގައި އޭނާ ކެމިސްޓްރީ ކިޔަވަން ފެށި އެވެ.
"އެންމެ ކުޑައިރުއްސުރެ ވެސް ސައިންސް އެއްޗިހި ކިޔަން ވަރަށް ބޭނުންވާނެ. ފޮތް ކިޔާނެ. ގޭގައި ހުންނާނެ ބައިވަރު ފޮތްތައް ވެސް. ވީޑިއޯތައް ވެސް ވަރަށް ބަލާނެ، ހުންނާނެ ވީޑިއޯތައް އެވެއިލެބަލްކޮށް. ގޭގައި ޓީވީއެއް ނުހުންނާނެ، އިންޓަނެޓެއް ވެސް ނުދެން. އެހެންވެ ދެން ކުރާނެ ކަމަކީ އެ ވީޑިއޯތައް ނޫނީ ފޮތް ކިޔާނީ،" ރައްޔާންގެ ބައްޕަ ޑރ. މުހަންމަދު ފައިސަލް ވިދާޅުވި އެވެ.
"އަމިއްލައަށް އެކްސްޕެރިމެންޓް ވެސް ކުރާނެ. އަބަދުވެސް އުޅޭނީ ކޮންމެވެސް އެއްޗެއް މިކްސް ކޮށްލައިގެން އެއްޗެއް ހަދަން. ނޫނީ ދިރޭ އެއްޗެއް ހިފައިގެން."
ފައިސަލް ވިދާޅުވީ ރައްޔާން ޖީސީ ހެދުމަށް ބޭނުންވީ އޭނާގެ ދޮންތަ، ރިހާމް މުހައްމަދު ފައިސަލް އޯ ލެވެލްއަށް ތައްޔާރުވަމުން ދިޔަ ދުވަސްވަރު ކަމަށެވެ.
"މީގެ އަހަރެއް ކުރިން ރައްޔާން އަމިއްލައަށް ޖީސީގައި ބައިވެރިވާން ބޭނުންވީމަ، އަޅުގަނޑުމެން ގެއަށް ގެނައީ ޓީޗަރެއް. ކެމިސްޓްރީ ޓިއުޝަން ކިޔަވައިދޭން، ވަރަށް ޝައުގުވެރިކަން ހުންނާނެ ކިޔަވަން ވެސް." އޭނާ ވިދާޅުވި އެވެ.
ޓެސްޓު ނިންމާފައި ގެއަށް އައިސް ނަތީޖާއަކަށް ލިބޭނީ އޭ އެއް ނުވަތަ ބީ އެއް ކަމަށް ބުނި ކަމަށް ރައްޔާންގެ ބައްޕަ ވިދާޅުވި އެވެ.
ރައްޔާންގެ އެ ނަތީޖާ، ބައްޕަ ފައިސަލް އާއި މަންމަ، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި މަސައްކަތް ކުރައްވާ ސްޕެޝަލިސްޓް ޖެނެރަލް ޕްރެކްޓިޝަނާ ޑރ. ލީނާ އަބްދުލްވާހިދަށް ގަބޫލު ކުރެއްވެނީ ދަރިފުޅުގެ ކިބައިގައި އެ ހުނަރު ހުރި ހުރީތީ ލިބުނު ނަތީޖާއެއްގެ ގޮތަށެވެ.
"އަޅުގަނޑުމެން އެކްސްޕެކްޓް ކުރިން ރައްޔާން ބުނީމަ، އެ ނަތީޖާ ލިބޭނެ ކަމަށް. އަޅުގަނޑުމެން މަސައްކަތް ކުރީ ނަތީޖާއަކަށް ބަލައިގެނެއް ނޫން. ބައިވެރިވާން ބުނީމަ ވެސް ބުނިން ކޮންމެ ނަތީޖާއެއް ލިބުނަސް އޯކޭއޭ، ފާސް ވިޔަސް ނުވިޔަސް އޯކޭ އޭ."
ރައްޔާން ބޮޑުވެގެން ވާން ބޭނުންވަނީ ޖަނަވާރުންނަށް ފަރުވާކުރާ ޑޮކްޓަރަކަށެވެ.
ފައިސަލް ވިދާޅުވީ އުމުރުގެ ގޮތުން ބަޔޮލޮޖީގެ އިމްތިހާނުގައި މިހާރު ބައިވެރި ނުކުރިޔަސް ރައްޔާން ބޭނުންވާ ދާއިރާއަކުން ކުރިއަށް ދެވޭނެ ކަމަށެވެ. އަދި ރައްޔާން ހޯދި ނަތީޖާ އަކީ އެ އާއިލާއަށް ލިބުނު ބޮޑު އުފަލެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ފ. ނިލަންދު އަށް އުފަން ރައްޔާންގެ މަންމަ އާއި ބައްޕަ ވަޒީފާގެ ގޮތުން ކުޅުދުއްފުއްޓަށް ދިރިއުޅުން ބަދަލުކުރި ނަމަވެސް ނިލަންދޫ މީހުން ވެސް ދަނީ ރައްޔާންގެ ނަތީޖާއަށް މަރުހަބާ ކިޔަމުންނެވެ.