ގއ. ކޮނޑޭ ސްކޫލުގެ ހުރިހާ ކުދިންނަށް ފަތަން ދަސްކޮށްދީފި އެވެ.
އެ ރަށުގެ ކައުންސިލް އިދާރާއާ ގުޅިގެން މިިދިޔަ ހަފުތާގައި ފެށި ޕްރޮގްރާމްގައި އެ ސްކޫލުގެ ގްރޭޑު 1-8 އަށް ކިޔަވާ 35 ކުއްޖަކު ބައިވެރިވި އެވެ.
އަންނަ ހުކުރު ދުވަހާ ހަމައަށް ގެންދާ ހަރަކާތުގައި ފަތަން ދަސްކޮށްދެނީ، ކުޅިވަރު ދާއިރާއިން މީހުން ތަމްރީނުކުރުމުގެ ރޮނގުން ގައުމީ އިނާމު ހާސިލް ކޮށްފައިވާ ނައުފަލް މޫސާ އެވެ. އޭނާ އަކީ ސެޓިފައިޓައިޑް ސްވިމިން އިންސްޓްރަކްޓަރެކެވެ.
ކޮނޑޭޭ ސްކޫލުގެ ޕްރިންސިޕަލް އަބްދުﷲ ކިނާނަތު ވިދާޅުވީ، ފަތަން ދަސްކޮށްދިނުމަށް 2019 ވަނަ އަހަރު ވެސް ސްކޫލުގެ ޕްލޭނުގައި ހިމެނި ކަމަށެވެ. ނަމަވެސް އެކި ސަބަބުތަކާ ހުރެ އެ ޕްރޮގްރާމް ލަސްވީ އެވެ.
އެކަމަކު، މޫސުން ގޯސްވެ ކަނޑުމަތީގެ އެކި ހާދިސާތައް ހިނގަން ފެށުމާއެކު އެ ޕްރޮގްރާމްގެ މުހިއްމުކަން ބޮޑުވެ، މިޑް ޓާމް ބަންދާ ދިމާކޮށް ފަތަން ދަސްކޮށްދޭން ފެށީ އެވެ.
"ކަނޑުމަތީގެ ހާދިސާތައް ހިނގާތީ އެ ކަންކަމުން ރައްކާތެރިވުމަށް މި ކަން މި ފެށީ. ރަށުގައި އުޅޭއިރު މި ކުދިން ވަރަށް ގިނައިން ދަތުރު ގޮސް ވެސް އުޅޭނެ. ހަމައެކަނި ފަތަން އެކަންޏެއް ނޫން މި ދަސްކޮށްދެނީ. ފްލޯޓުވެގެން އޮންނަން ވެސް ދަސްކޮށްދޭނެ،" ކިނާނަތު ވިދާޅުވި އެވެ.
އެ ކުދިންނަށް އެންމެ ފުރަތަމަ ފަތަން ދަސްކޮށްދިނީ ރަށުގެ ތިލަ ހިސާބުގަ އެވެ. ފަތަން ދަސްވާ ވަރަކުން ފުން ހިސާބުތަކަށް ގެންގޮސް ފަތަން ފެށީ އެވެ.
"ހުރިހާ ކުދިންނަށް ވެސް މިހާރު އެބަ އިނގޭ ފަތަން. އެކަމަކު އަޅުގަނޑުމެން ޓެސްޓު ބުރެއް ބަލާލާނަން،" ކިނާނަތު ވިދާޅުވި އެވެ.
މީގެ 25 ވަރަކަށް އަހަރު ކުރިން ސީއެޗްއެސްއީގެ ދަރިވަރުންތަކެއް ވިލިމާލެ އަށް ކުރި ދަތުރެއްގައި އެ ރަށުގެ ދެކުނު ފަރާތު ނެރުމަތީގައި ސަކަރާތް ޖަހަން އުޅުމުގެ ތެރޭ، ދެ ކުއްޖަކު މޫދަށް ވެއްޓި ގެނބިގެން މަރުވުމުން "ކޮންމެ ކުއްޖަކީ ފަތަން ދަންނަ ކުއްޖެއް" ގެ ނަމުގައި ކުޑަކުދިންނަށް ފަތަން ދަސްކޮށްދޭ އޭރުގެ ސަރުކާރުން ފެށި އެވެ.
ނަމަވެސް މާ ގިނަ ދުވަހެއް ނުވެ އެކަން ހުއްޓިގެން ދިޔައީ އެވެ.