ދައުލަތުގެ ބަޖެޓުން 7.6 މިލިއަން ރުފިޔާ ހަރަދުކޮށްގެން ގއ. ކޮނޑޭގައި މިސްކިތެއް އަޅަން މިއަދު ބަޔަކާ ހަވާލުކޮށްފި އެވެ.

އިސްލާމިކް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މި މިސްކިތް އިމާރާތް ކުރުމުގެ މަސައްކަތް މިނިސްޓްރީން ހަވާލުކޮށްފައި ވަނީ އަމޭން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ އެވެ.

ގއ. ކޮނޑޭގައި އިމާރާތްކުރާ މިސްކިތުގެ ޑިޒައިން.-- ފޮޓޯ: އިސްލާމިކް މިނިސްޓްރީ
ގއ. ކޮނޑޭގައި އިމާރާތްކުރާ މިސްކިތުގެ ޑިޒައިން.-- ފޮޓޯ: އިސްލާމިކް މިނިސްޓްރީ

މިސްކިތް އިމާރާތްކުރުމުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު އަލީ އެވެ. އަދި އަމޭން މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފިނީގެ މެނޭޖިން ޑިރެކްޓަރު މުރުޝިދާ އަލިމަނިކެ އެވެ.

އެއް އަހަރު ދުވަހުގެ ތެރޭގައި އިމާރާތްކޮށް ނިންމަން ޖެހޭ މި މިސްކިތުގައި 300 މީހުންގެ ޖާގަ އޮންނާނެ އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މި މިސްކިތުގެ އިމާރާތަކީ ރާއްޖޭގެ އެހެން މިސްކިތްތަކާ ވަރަށް ތަފާތުކޮށް، ޒަމާނީ ޑިޒައިނަކަށް އިމާރާތް ކުރާ ތަނެއް ކަމަށެވެ. އަދި މި މިސްކިތުގެ ޑިޒައިންކޮށްފައި ވަނީ އެތެރޭގައި އެއްވެސް ތަނބެއް ވެސް ނުހުންނަ ގޮތަށް ކަމަށް ބުންޏެވެ.