ވިލާ ކުންފުނީގެ ހަތަރު ރިސޯޓެއްގައި ހުރި އޫރުމަހާއި ބަނގުރާތައް ކަސްޓަމުން އަތުލައިގެން ގެންދާތީ އެކަމާ ދެކޮޅަށް ވިލާގެ މުވައްޒަފުން އެ ރިސޯޓުތަކުގައި މުޒާހަރާ ކުރަން ތައްޔާރުވެއްޖެ އެވެ.

ވިލާ ހޮޓެލްސް އެންޑް ރިސޯޓްސްގެ ގުރޫޕް ޖެނެރަލް މެނޭޖަރު ގައިސަރު ނަސީމް މިއަދު ވިދާޅުވީ މުޒާހަރާތަކަކީ ރިސޯޓުތަކުގައި ތިބި މުވައްޒަފުން އިސް ނަގައިގެން ކުރަން ރާވާ މުޒާހަރާތަކެއް ކަމަށެވެ.

މުޒާހަރާ ކުރިއަށް ދާނީ ސަން އައިލެންޑް ރިސޯޓާއި ޕެރެޑައިސް އައިލެންޑް ރިސޯޓާއި ހޮލިޑޭ ރިސޯޓާއި ފަން އައިލެންޑާއި ރޯޔަލް އައިލެންޑް ރިސޯޓުގަ އެވެ. އެނގިފައިވާ ގޮތުގައި އެ ރިސޯޓުތަކުގައި މުޒާހަރާ ކުރާނީ ޓޫރިސްޓުންނަށް އުނދަގޫ ނުވާނެހެން، މުވައްޒަފުން ދިރިއުޅޭ ސަރަހައްދުގައި އެކަންޏެވެ.

ފަން އައިލެންޑް ރިސޯޓުގައި ހުރި ބަނގުރާ ފުޅިތައް އެރަށުން ރޭ ބާލަނީ.
ފަން އައިލެންޑް ރިސޯޓުގައި ހުރި ބަނގުރާ ފުޅިތައް އެރަށުން ރޭ ބާލަނީ.

ގައިސަރު ވިދާޅުވި ގޮތުގައި މުވައްޒަފުން މުޒާހަރާ އަށް ނުކުތުމުގެ ބޭނުމަކީ އެ މީހުން ތިބި ބިރުވެރިކަމާއި މާޔޫސްކަން ދެއްކުމެވެ. އަދި ރިސޯޓުތަކުގައި ހުރި އޫރު މަހާއި ބަނގުރާ ކަސްޓަމުން އަތުލާ ނަމަ، ރިސޯޓު ހިންގުން ހުއްޓާލަން ޖެހި، މުވައްޒަފުން ހާލުގައި ޖެހިގެންދާނެ ކަމަށް ތަކުރާރުކޮށް އޭނާ ވިދާޅުވި އެވެ.

"އެމީހުން (މުވައްޒަފުން) ބޭނުންވަނީ، ކަމާ ބެހޭ ފަރާތްތަކަށާއި ޖުމްލަކޮށް، ރައްޔިތުންނަށް އެ މީހުންގެ ޝުއޫރުތައް ފާޅުކުރަން. އެ މީހުން މިއަދު ތިބީ މާޔޫސްވެފައި،" ގައިސަރު ވިދާޅުވި އެވެ.

ގައިސަރު ވަނީ ކަސްޓަމުން އެ ރިސޯޓްތަކަށް އަރައި ހިންގަމުންދާ އޮޕަރޭޝަނާ ދެކޮޅަށް އެހެނިހެން ފަރާތްތަކުން ތެދުވުމަށް ގޮވާލައްވައިފަ އެވެ. ހާއްސަކޮށް، ޓުއާ އޮޕަރޭޓަރުން މިކަމާ ދެކޮޅަށް ތެދުވެ، ވިލާގެ މުވައްޒަފުންގެ ދިފާއުގައި ނުކުންނަން ޖެހޭ ކަމަށް ވެސް ގައިސަރު ވިދާޅުވި އެވެ.

"ޓުއާ އޮޕަރޭޓަރުންނަކީ ވިލާ އިން ބޮޑު އެހީތެރިކަމެއް ދޭ ބައެއް. އެހެންވީމަ، ޓޫރިޒަމް އިންޑަސްޓްރީގެ ދިފާއުގައި އެ މީހުން ނުކުންނަން ޖެހޭ،" ގައިސަރު ވިދާޅުވި އެވެ.

ކަސްޓަމްސްގެ ތަހުގީގު ޓީމުތައް ގާސިމްގެ ރިސޯޓުތައް ފާސްކުރަނީ، ރޯޔަލް އައިލެންޑް ރިސޯޓަށް ގެންދަން ހުއްދަ ދީފައިވާ، އޫރު މަހާއި ރާ، އެ ކުންފުނީގެ އެހެން ރިސޯޓުތަކަށް ގެންގޮސް ބޭނުން ކުރާ ކަމުގެ ތުހުމަތުގަ އެވެ. އަދި ފަން އައިލެންޑްގައި ހުރި ގިނަ އަދަދެއްގެ ރާފުޅި ކަސްޓަމުން ރޭ ވަނީ އެ ރިސޯޓުން ބާލައިގެން ގެންގޮސްފަ އެވެ. އަދި އެކަމާ ދެކޮޅަށް ފަންގެ މުވައްޒަފުން މުޒާހަރާ ވެސް ކުރި އެވެ.

ކަސްޓަމުން ބުނެފައިވަނީ އޫރު މަހާއި ރާ ދޫކުރަނީ ވަކި ތަނަކަށް ގެންދިއުމަށް އިގުރާރު ވުމަށް ފަހު ކަމަށް ވާއިރު އެ ތަކެތި އެހެން ތަންތަނަށް ގެންގޮސް ވިއްކައި، ބޭނުން ކުރުމަކީ ގާނޫނީ ކުށެއް ކަމަށެވެ.

އެކަމަކު ވިލާ ކުންފުނިން ބުނަނީ އެހެން ރިސޯޓަކަށް އެތެރެކުރާ ރަލާއި އޫރުމަސް އެ ކުންފުނީގެ އެހެން ރިސޯޓުތަކަށް ގެންގޮސް ބޭނުންކުރުމަކީ ގާނޫނީ ކުށެއް ކަމަށް ނުދެކޭ ކަމަށެވެ. އަދި ރޯޔަލް އަށް ގެންދާ އޫރުމަހާއި ރާ ވިލާގެ އެހެން ރިސޯޓުތަކަށް ގެންދަނީ، އުސޫލުތަކެއްގެ ތެރެއިން އެ މައުލޫމާތުތައް އެންޓާ ކުރުމަށް ފަހު ކަމަށާއި ހުރިހާ ލިޔެކިޔުމެއް ފެންނަން ހުންނާނެ ކަމަށް ވިލާއިން ބުނެފައިވެ އެވެ. ވިލާ ކުންފުނީގެ ހަތަރު ރިސޯޓެއްގައި ހުރި ބަނގުރާ ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެންދަން ނިންމި މައްސަލަ ވިލާގެ ފަރާތުން ކްރިމިނަލް ކޯޓަށް ވަނީ ހުށަހަޅައިފަ އެވެ.

ކަސްޓަމުން ވަނީ މިދިޔަ ބުރާސްފަތި ދުވަހު ވެސް ވިލާގެ ރިސޯޓުތަކަށް އަރައި ބަލައި ފާސްކޮށްފަ އެވެ. އެކަމަކު އެރޭ ރިސޯޓުތަކުގެ ރާތައް އަތުނުލިޔަސް، ކަސްޓަމުން ރޭ ވަނީ ކޯޓު އަމުރެއްގެ ދަށުން ފަން އައިލެންޑް ރިސޯޓަށް އަރައި އެ ރިސޯޓްގައި ހުރި ރާތައް އަތުލައިގެން ގެންގޮސްފަ އެވެ. އެކަމަކު އެ އަމުރުގައި ވެސް ފަން އައިލެންޑުގައި ހުރި އެއްވެސް މުދަލެއް ގެންދެވޭނެ ވާހަކަ ނެތްކަން ވިލާގެ ވަކީލުން ފާހަގަކުރެ އެވެ.