ސަރުކާރުން މިހާރު މިސްރާބު ޖަހާފައި ވަނީ ވިލާގެ ރިސޯޓްތައް ބަންދުކުރުމާ ދިމާއަށް ކަމަށާއި މީގެ ސަބަބުން އެ ކުންފުނީގެ ގާތްގަނޑަކަށް 5،000 މީހުންގެ އާއިލާތައް ބިކަވެ ހާލުގައި ޖެހޭނެ ކަމަށް ސަން އައިލެންޑް ރިސޯޓުގެ ޖެނެރަލް މެނޭޖަރު އަދި ވިލާ ހޮޓެލްސް އެންޑް ރިސޯޓްސްގެ ގުރޫޕް ޖެނެރަލް މެނޭޖަރު ގައިސަރު ނަސީމް މިއަދު ވިދާޅުވެއްޖެ އެވެ.
ވިލާގެ ދަށުން ހިންގާ ފަސް ރިސޯޓުގެ ތެރެއިން، ރޯޔަލް އައިލެންޑަށް އެތެރެކުރި ރާތަކެއް ވިލާގެ އެހެން ރިސޯޓުތަކަށް ގެންދިޔަ ކަމުގެ ތުހުމަތުގައި ކަސްޓަމްސް އިން އެ ރިސޯޓުތަކަށް އަރައި ފާސްކުރި މައްސަލަ ހޫނުވެފައިވާ މި ދަނޑިވަޅުގައި ގައިސަރު "މިހާރު" އަށް ވިދާޅުވީ ސަން އައިލެންޑުގައި އެކަނި ވެސް 1،000 މުވައްޒަފުން ތިބިއިރު، ސަރުކާރުގެ އަމަލުގެ ނަތީޖާ އަކީ އެ މުވައްޒަފުންނާއި އާއިލާތައް ހާލުގައި ޖެހުން ކަމަށެވެ.
"އަޅުގަނޑުމެން ކިހިނެއްތޯ އެ މުވައްޒަފުންނަށް ދެން މުސާރަ ދޭނީ؟ ވަޒީފާ ގެއްލިއްޖިއްޔާ އެހާ ގިނަ ބަޔަކު ދެން އެހެން ތަނަކުން ވަޒީފާ ހޯދާނީ ކިހިނެއްތޯ؟ އެއީ ފަސޭހަ ކަމަކަށް ނުވާނެ،" ގައިސަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ވިލާގެ ހުރިހާ ރިސޯޓެއް މިދުވަސްވަރު ފުލްވެފައިވާ ކަމަށާއި އަންނަ މަހު ވެސް 95 ޕަސެންޓް ބުކިން ހަދާފައިވާ ކަމަށެވެ.
އެހާ ބޮޑު އޮކިއުޕެންސީއެއްގައި ރިސޯޓްތައް ހިންގަމުން އަންނަ ދުވަސްވަރެއްގައި ގާނޫނާއި ގަވާއިދާ ޚިލާފަށް ސަރުކާރުން ކުރާ ކަމަކުން ކުންފުންޏަށް ހީވެސް ނުކުރާވަރުގެ ބޮޑު އަސަރެއް ކުރާނެ ކަމަށް ވިދާޅުވި އެވެ.
"މިހާރު ވެސް ސަން އައިލެންޑުގެ ބައެއް ޓޫރިސްޓުން އެބައަހާ ކިހިނެއްތޯ ވެގެން އުޅެނީ. އެއީ ކަސްޓަމްސް މީހުން ރިސޯޓަށް އަރައި ބާ ތެރެއަށް ވަދެ ފާސްކުރަނިކޮށް ފެނިފައިވާތީ،" ގައިސަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެއް ރިސޯޓަކަށް ގެންނަ ރާ އެހެން ރިސޯޓްތަކަށް ގެންދިއުމަކީ ޓޫރިޒަމް އިންޑަސްޓްރީގައި އާންމުކޮށް ކުރާ ކަމެއް ކަމަށެވެ. އަދި ވިލާއަށް ބައެއް ޚިދުމަތް ދިނުން ކަސްޓަމްސް އިން ހުއްޓާލުމާ ގުޅިގެން ބަނގުރާ އެތެރެކުރަނީ ރޯޔަލް އައިލެންޑުގެ ނަމުގައި ކަމަށް ގައިސަރު ވިދާޅުވި އެވެ.
"އެކަމަކު އެކަން ކޮށްފައި ހުންނާނީ ޕްރޮސީޖާގެ ދަށުން. ރޯޔަލް އައިލެންޑުގެ ސްޓޯރޭޖަށް ބަނގުރާ ވައްދާފައި ރަޖިސްޓަރީ ކޮށްފައި ހުންނާނީ. އޭގެ ފަހުން ސަން އައިލެންޑަށް އެ ގެންނާނީ ވެސް. އެހެންވީމާ މިއީ އަޅުގަނޑުމެން ސިއްރުން ކުރާ ކަމެއް ވެސް ނޫން،" އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން ގާނޫނާ ޚިލާފަށް އެއްވެސް ކަމެއް ނުކުރަން. އެކަމަކު ސަރުކާރުގެ އަމަލުން ދޭހަވަނީ ފޭރިގަންނަން އުޅޭހެން. އެއީ އަޅުގަނޑުމެންނަށް ގަބޫލުކުރެވޭ ގޮތް."
ސަން އައިލެންޑްގައި މިހާރު 1،000 ޓޫރިސްޓުން ތިބިއިރު އޭގެ ތެރެއިން 300 އަށް ވުރެ ގިނަ ގެސްޓުންނަކީ، ގައިސަރު ވިދާޅުވި ގޮތުގައި، "އޯލް އިންކްލޫސިވް" ޕެކޭޖްގައި ތިބި މީހުންނެވެ. އެހެންކަމުން އެއީ ރަލަށް ވެސް ކުރިން ފައިސާ ދައްކާފައިވާ ޓޫރިސްޓުން ކަމަށް ވިދާޅުވި އެވެ.
"ކުރިއަށް ހުރި ބުކިންސްތަކުގައި ވެސް އެތައް ބައިވަރު ގެސްޓުން އެބަ ތިބި އޯލް އިންކްލޫސިވްގައި. އެހެން ނޫނަސް ގެސްޓުންނަށް ބޭނުންވާ އެއްޗެއް ރިސޯޓުން ލިބެން ހުންނަން ޖެހޭނެ. އަޅުގަނޑުމެން ރިސޯޓް ހިންގަމުން މި އަންނަނީ އެ ހުރިހާ ހުއްދަތަކާ އެކު،" ގައިސަރު ވިދާޅުވި އެވެ.
މި ވަރުގެ ކަމެއް އަދި ދިމައެއް ނުވޭ
ޓޫރިޒަމް އިންޑަސްޓްރީގައި 20 އަހަރު ހޭދަކުރައްވާފައިވާ ގައިސަރު ވިދާޅުވި ގޮތުގައި މިއީ އޭނާގެ ވަޒީފާގައި މިހާތަނަށް ކުރިމަތިވި އެންމެ އުނދަގޫ އަދި އެންމެ ބޮޑު މައްސަލަގަނޑެވެ. އަދި މިފަދަ ގޮތަކަށް ވިލާގެ ރިސޯޓްތަކާއި އެހެން އެއްވެސް ރިސޯޓަކަށް ނަމަވެސް އަރައި ފާސްކޮށް، މުދާތައް ގެންދަން މަސައްކަތް ކުރުމަކީ ދުވަހަކު ވެސް ގަބޫލު ކުރައްވާނެ ކަމެއް ނޫން ކަމަށް ވިދާޅުވި އެވެ.
"މިހާރު ހުރިހާ މުވައްޒަފުން އުޅެން މި ޖެހެނީ ހާސްކަމުގައި،" ގައިސަރު ވިދާޅުވި އެވެ.
"މިވަރުގެ ކަމެއް ދިމައެއް ނުވޭ އަޅުގަނޑަށް ވެސް. އަޅުގަނޑު ވެސް މި ހުންނަނީ ހަދާނެ ގޮތެއް ނޭނގިފައި."
ގައިސަރު ވިދާޅުވި ގޮތުގައި ރާއްޖޭގެ އެންމެ ބޮޑު އިންޑަސްޓްރީ ހިމާޔަތްކުރުމަކީ ސަރުކާރުގެ ޒިންމާއެކެވެ. ނަމަވެސް މިހާރު މި ފެންނަނީ ސަރުކާރުން އެކަން ނުކޮށް، މުޅި އިންޑަސްޓްރީ ފުނޑިގެން ހިނގައިދާނެ އަމަލްތަކެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"މީގެ އިމްޕެކްޓް މުޅި އިންޑަސްޓްރީއަށް ކުރާނެ،" ގައިސަރު ވިދާޅުވި އެވެ.
މިދިއަ ބުރާސްފަތިދުވަހު ކަސްޓަމްސް އާއި ފުލުހުން ވަނީ މި ރިސޯޓަށް ވެސް އަރައި ފާސްކޮށްފަ އެވެ. އަދި މިއަދު ފުލުހުންގެ ސްޕެޝަލް ފޯސްއަކާ އެކު އަލުން ކަސްޓަމްސްގެ ޓީމެއް ވިލާގެ ރިސޯޓްތަކަށް އަރަން އުޅޭކަމުގެ އަޑުތައް ދަނީ ފެތުރެމުންނެވެ.
ގައިސަރު ވަނީ ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީގެ މައި ޖަމިއްޔާ މަޓީން، މި ކަމުގައި ހިމޭނުން އޮންނާތީ ވެސް ފާޑުވިދާޅުވެފަ އެވެ.
އޭނާ ވިދާޅުވީ އިންޑަސްޓްރީގެ ހިމާޔަތުގައި މަޓީން ތެދުވާން ޖެހޭނެ ކަމަށެވެ.
"މިއަދު ގާސިމްގެ ރިސޯޓްތަކަށް އަމާޒު އެކުރަނީ. މާދަމާ މަޓީގެ އެހެން ބޭފުޅެއްގެ ރިސޯޓްތަކަށް ހަމަ މި ގޮތަށް އަރައިފިއްޔާ ކިހިނެއް ހަދާނީ؟" ގައިސަރު ސުވާލުކުރެއްވި އެވެ.
"މަޓީން ޖެހޭ މިކަމުގައި ތެދުވަން. މިއީ އާދައިގެ ކަމެއް ނޫން."