ސަރުކާރުން ރައްޔިތުންނަށްވި ހުރިހާ ވައުދުތައް ފުއްދުމަށް، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް ހޯދައިދޭން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އެދިވަޑައިގެންފި އެވެ.

ގއ. ގެމަނަފުށީ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ވެސް އެރަށުގައި ހިންގަވައިދެއްވާނެ ކަމަށާއި އެ މަސައްކަތް ކުރުމުގައި ރައްޔިތުންގެ އެއްބާރުލުން ވަރަށް ބޮޑަށް ބޭނުންފުޅުވާ ކަމަށެވެ.

ރައީސް ވިދާޅުވީ މިއަހަރު މަޖިލީހުން ފާސްކުރި ބަޖެޓަކީ ކުރީ ސަރުކާރުގެ ފިނޭންސް މިނިސްޓްރީން ކަނޑައަޅާފައިވާ ބަޖެޓަކަށްވާތީ ސަރުކާރުން ބޭނުންވާ ގިނަ ކަންކަން ވެސް މި ބަޖެޓުގައި ނެތް ކަމަށެވެ.

"އަޅުގަނޑުމެން މިފަހަރު ހަވާލުވި ބަޖެޓަކީ އަޅުގަނޑުމެން ހަވާލުވެގެން ހެދި ބަޖެޓެއް ނޫން. މިހާރު މިއޮތް ރައްޔިތުންގެ މަޖިލީހަށް ނިމިދިޔަ ސަރުކާރުން ހުށަހެޅި ބަޖެޓެއް މިއީ،"

ރައީސް ވިދާޅުވީ ބަޖެޓަށް ކަންކަން ހުށަހެޅުމަށް ފުރުސަތު ލިބުނުނީ އެންމެ 10 ދުވަސް ކަމަށެވެ.

"އެ ދިހަ ވަރަކަށް ދުވަހުގެ ތެރޭގައި އަޅުގަނޑުމެން ޓީމު އެކުލަވާލައިގެން ތިބެގެން މި ހުށަހެޅީ އެއްޗެހިން ވަރަށް ބައިވަރު މަޝްރޫއުތައް. ވަރަށް ގިނަ އަދަދުތައް ޖަހާފައި ހުށަހެޅީ. ރަސްމާލެ ހިއްކަން ޖެހި ފައިސާ އުނިކޮށްލީ،" މިސާލެއްގެ ގޮތުގައި ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި ބަޖެޓު ފާސްވެފައި އޮތީ މި ސަރުކާރުން ބޭނުންވި ގޮތަކަށް ނޫނެވެ. އެހެންވެ، މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް ލިބުން ވަރަށް މުހިއްމު ކަމަށް ރައީސް ވިދާޅުވި އެވެ.

"ސަރުކާރަށް ތާއީދުކުރާ މެމްބަރުންތަކެއް ތިބި ސަރުކާރުގެ ސިޔާސަތުތަކާ އެކު ރައްޔިތުންގެ ލާބައަށް މަސައްކަތްކުރާނެ މެމްބަރުންގެ މެޖޯރިޓީ އޮންނަ މަޖިލީހެއް ބޭނުންވާނެ ކަމުގެ މުހިއްމުކަން ދަންނަވަން މިފަހަރު ބަޖެޓް ފާސްވި ގޮތުގެ މިސާލު މި ދަންނަވާލީ،" އެ ޖަލްސާގައި ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑު ހުރިހާ ކަމެއް ކުރަން ބޭނުމޭ. އެކަން ކުރުމުގައި އެންމެ ބޮޑު އެއްބާރުލުން ދޭން އޮތް ތަނަކީ ރައްޔިތުންގެ މަޖިލީހޭ. މިދިޔަ ތިން މަސް ދުވަހުގެ ތެރޭގައި ހުސް މިސާލުތަކޭ މިހިރީ ފެންނަން މަޖިލިސް ސަރުކާރާ ދެކޮޅަށް އޮތީމަ،"

ރައީސް ވިދާޅުވީ އަންނަ މަހުގެ 17 ގައި އޮންނަ މަޖިލިސް އިންތިހާބުގައި ސަރުކާރާ ދެކޮޅު މެމްބަރުން އިންތިހާބުކޮށްފި ނަމަ، އަނެއްކާ ވެސް ފެންނާނީ އެފަދަ މަންޒަރެއް ކަމަށެވެ. އެ މެމްބަރުން ސަރުކާރުން ގެންނަން ބޭނުންވާ ތަރައްގީއަށް ހުރަސް އަޅާނެ މޭރުމުން ރައީސް ވާހަކަފުޅު ދެއްކެވި އެވެ.

"އަޅުގަނޑު އޮންނާނެ ރައްޔިތުން ބޭނުންވި ވަރަށް ގިނަ ވައުދުތައް ވެފައި. އަޅުގަނޑު ބޭނުން އަޅުގަނޑަކީ ހަމަ ބުނާ ބަހުގައި އަކުރުން ފިއްޔަށް ތެދުވެރިކަމާ އެކު ހުންނާނެ މީހެއް. އެހެންވީމަ އެކަން ކުރަން ބޭނުން،"

ވައުދުތައް ފުއްދުމަށް ސަރުކާރުން ބޭނުންވާ ބަޖެޓެއް ފާސްކުރަން ބޭނުންވުމާއި ގާނޫނުތައް ފާސްކުރުމާއި ގާނޫނުތަކަށް ބަދަލު ގެންނަން ވެސް ބޭނުންވާ ކަމަށް ރައީސް ވިދާޅުވި އެވެ. އެކަމަކު ބިލްތައް ސަރުކާރުން ހުށަހެޅުމުން ވެސް އެ ބިލްތައް ފާސްނުވާ ނަމަ ސަރުކާރުން ބޭނުންވާ ކަންކަން ނުކުރެވޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.

އެހެންވީމަ ހުރިހާ ދާއިރާތަކެއްގެ މެމްބަރުން ކިބައިން އަޅުގަނޑު އެދެން އޮތީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އަޅުގަނޑުމެންގެ ކެންޑިޑޭޓުންނަށް ވޯޓު ދޭށޭ. އޭރުން ތިޔަ ރައްޔިތުންގެ ހައްގުގައި އަޅުގަނޑުމެން ކުރަންހުރި މަސައްކަތްތައް ބާރަށް ކުރިއަށް ގެންގޮސް ހުރިހާ ވައުދެއް ފުއްދައިދޭނަން އިރާދަކުރެއްވިއްޔާ: ރައީސް

ރައްޔިތުންގެ މަޖިލީހަކީ ސަރުކާރަށް އެންމެ ބޮޑު އެއްބާރުލުން ބޭނުންވާ ތަނަށްވާތީ މަޖިލީސް ނަގައިދޭން ރައީސް އެދިވަޑައިގަތެވެ.

ގެމަނަފުއްޓަށް ރައީސްގެ ވައުދުުފުޅުތައް:

- ބަނދަރު ބޮޑުކުރުމުގެ މަޝްރޫއުއެއް.

- ބިން ހިއްކުމުގެ މަޝްރޫއެއް ކުރިއަށް ގެންގޮސް ބޯހިޔާވަހިކަން ހޯދައިދިނުން.

- އަށް އަހަރު ކުރިން ފެށިފައިވާ ޕޮލިސް ސްޓޭޝަންގެ މަސައްކަތް ނިންމުން.

- މަގުތައް ޒަމާނީ ފެންވަރަށް ހަދައިދިނުން.

- ފެނާއި ނަރުދަމާގެ މަޝްރޫއު.

- އިވެންޓުތައް ބޭއްވުމަށް ޒަމާނީ ފެންވަރުގެ މަލްޓިޕާޕޯސް ހޯލެއް ތަރައްގީކުރުން.

- ހެލްތު ސެންޓަރަށް ބޭނުންވާ ގައިނީ އަދި ކުޑަކުދިންގެ ޑޮކްޓަރުން ހޯދައިދިނުން.

- ބީއެމްއެލް ބްރާންޗެއް ގާއިމުކޮށްދިނުން.