ޕީޕީއެމާއި ޕީއެންސީ އަށް ނިސްބަތްވާ ނުވާ މެންބަރުން ވެސް ރަށު ތަރައްގީއަށް އިސްކަންދީ ރިޔާސީ އިންތިހާބުގައި އޭނާއަށް ވޯޓު ދެއްވުމަށް ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މިއަދު އެދިވަޑައިގެންފި އެވެ.

ގއ. އަތޮޅަށް މުއިއްޒު މިއަދު ފެއްޓެވި ދަތުރުގައި ގެމަނަފުއްޓަށް ވަޑައިގެން ރަށުގެ ރައްޔިތުންނާ ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ، ރަށުގެ ތަރައްގީއަށް އިސްކަންދީ، އޭނާ ކުރައްވާ މަސައްކަތުގައި އެހެން ޕާޓީތަކުން ވެސް ބައިވެރިވެވަޑައިގަތުމަށް ދައުވަތު ދެއްވާ ކަމަށެވެ.

މުއިއްޒު ވިދާޅުވި ގޮތުގައި އޭނާ ވައުދުވެވަޑައިގަންނަވަނީ، ހުރިހާ ރައްޔިތުންނަށެވެ. އެއްވެސް ސިޔާސީ ފިކުރަކަށް ތަފާތު ނުކުރައްވާނެ ކަމުގެ ޔަގީންކަން ވެސް ދެއްވި އެވެ.

"ގައުމީ ރޫހުގައި މަސައްކަތްކޮށްދޭން އެންމެ ބޭފުޅުން ނުކުންނަވާ. އެންމެންނަކީ ހަމަހަމަ ބައެއް. ވަކި ޕާޓީއަކަށްވީމަ ތަފާތެއް ނުކުރާނަން. ހުރިހާ ރައްޔިތުންނަށް ހަމަހަމަކަން ދެން. ތަރައްގީއަށްޓަކައި އެންމެން އެކަތިގަނޑަކަށްވުމަށް އެދެން،" މުއިއްޒު ވިދާޅުވި އެވެ.

އޭނާގެ ސަރުކާރެއްގައި ރަށްރަށުގައި ތަރައްގީ ހުއްޓި، ލަސްވެފައި ނޯންނާނެ ކަމަށާއި ރައްޔިތުންގެ އުއްމީދުތަކުގައި ކުލަ ޖައްސަވާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ. ރަށްރަށުގައި ކޮށްދެއްވާނެ ކަމަށް ވިދާޅުވާ ކަންކަމަކީ އޭގެ އެންމެ ފުރިހަމަ ކަމާ އެކު ވައުދުވި ގޮތަށް ފުއްދަވާނެ ކަންކަން ކަމަށް ވެސް ވިދާޅުވި އެވެ.

އޭގެ މިސާލެއްގެ ގޮތުން މުއިއްޒު ދެއްކެވީ ގެމަނަފުށީ ބަނދަރެވެ. ހައުސިން މިނިސްޓަރު ކަމުގައި މުއިއްޒު އެންމެ ފުރަތަމަ މި ރަށަށް ވަޑައިގެންނެވިއިރު އޮތީ ފުނޑުފުނޑުވެފައި އޮތް ބަނދަރެކެވެ. ނަމަވެސް މަސްވެރި މި ރަށުގައި މިހާރު އޮތީ ފުރިހަމަ، ތަފާތު ބަނދަރެކެވެ.

"އިރާދަކުރެއްވިއްޔާ ރައްޔިތުން އޭރު އެދުނު ހުރިހާ ކަމެއް ހިނަމައިގެން އެ ބަނދަރު އެ އޮތީ ފުރިހަމަވެފައި. ދެން ވެސް އަޅުގަނޑު ދޭ ޔަގީންކަމަކީ އެއީ،" މުއިއްޒު ވިދާޅުވި އެވެ.

"ކަމެއް ކުރާނަމޭ ބުނެފިއްޔާ އެކަން އަޅުގަނޑު އެކަމެއް ކުރާނަން. ތަރައްގީގެ ކަންކަމުގައި އަޅުގަނޑުގެ އަމަލާއި ބަހާ ދިމާވާނެ. ތަރައްގީއަށްޓަކައި ކުރަން ހުރި ކަންކަމުގެ އަމަލާއި ބަހާ ދިމާވާނެ،" އޭނާ ވިދާޅުވި އެވެ.

ގެމަނަފުއްޓަށްވީ ވައުދުތައް:

- ބަނދަރު ބޮޑުކޮށް ތަރައްގީކުރުން

- ބިން ހިއްކުން

- ބޯހިޔާވަހިކަމުގެ މަޝްރޫއު

- ބޮޑެތި މަގުތައް ހެދުން

- މަލްޓި ޕާޕަސް ހޯލް

- ކައިރީގައި އޮތް ފަޅު ރަށު، މާރެހާ ރިސޯޓެއް ތަރައްގީކުރުން

މުއިއްޒު ވިދާޅުވީ އެކަންކަން ހާސިލްކުރުމަށް ރައްޔިތުންގެ އެއްބާރުލުން ބޭނުންވާ ކަމަށާއި އިންތިހާބު އެއްބުރުން ކާމިޔާބު ކުރުމަށް ގެމަނަފުށީގެ ބޮޑު ތާއިދެއް ލިބޭނެ ކަމަށް ޝައްކު ނުކުރައްވާ ކަމަށެވެ.