ރަށްރަށުގައި ހުރި ވަސީލަތްތައް އެންމެން ހިއްސާވާ ގޮތަށް ބޭނުންކުރަން ގއ. އަތޮޅުގެ ރަށު ކައުންސިލްތަކާއި ފުވައްމުލަކު ސިޓީ ކައުންސިލުން އިއްޔެ އެއްބަސްވެއްޖެ އެވެ.
ގއ. ގެމަނަފުށީގައި އިއްޔެ ބޭއްވި އެއް ދުވަހުގެ "ސިސްޓާ އައިލެންޑް ކޮންފަރެންސް" ގައި ވި އެއްބަސްވުމުގައި ސޮއިކުރެއްވީ ގއ. އަތޮޅު ރަށްރަށުގެ ކައުންސިލްތަކުގެ ރައީސުންނާއި ފުވައްމުލަކުގެ މޭޔަރު މުހައްމަދު ފަލާހު ޝަރީފެވެ.
ފުވައްމުލަކު ސިޓީ ކައުންސިލްގެ ޑިރެކްޓަ ޖެނަރަލް އަހުމަދު ނިޖާހު "މިހާރު" އަށް މިއަދު ވިދާޅުވީ ނިލަންދޫ ކައުންސިލް ފިޔަވައި، އެ ކޮންފަރެންސްގައި ބައިވެރިވި އެހެން ހުރިހާ ކައުންސިލްތަކުން އެއްބަސްވުމުގައި ސޮއިކުރި ކަމަށެވެ. އިތުރު ކަންކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރަން ނިލަންދޫ ކައުންސިލުން ބޭނުންވާ ކަމަށް ނިޖާހު ވިދާޅުވި އެވެ.
މައިގަނޑު އަށް ކަމަކާ ގުޅޭ ގޮތުން އެ ބައްދަލުވުމުގައި މަޝްވަރާކުރި ކަމަށް އޭނާ ވިދާޅުވި އެވެ. އޭގެ ތެރޭގައި ތައުލީމާއި ދަތުރުފަތުރާއި ސިއްހީ ދާއިރާ އާއި ޓޫރިޒަމް އަދި ކުޅިވަރު ހިމެނެ އެވެ. ދެ އަތޮޅު ދެމެދުގައި އޮންނަ ދަތުރުފަތުރުގެ ނިޒާމު މިހާރަށް ވުރެ ހަރުދަނާ ކުރަން ވެސް މަޝްވަރާކުރި ކަމަށް ނިޖާހު ވިދާޅުވި އެވެ.
"އަޅުގަނޑުމެން ދެ އަތޮޅުން ވެސް ސަރުކާރަށް ގޮވާލަން ދެ އަތޮޅު ދެމެދު ވައިގެ މަގުން ގުޅާލަން،" ނިޖާހު ވިދާޅުވި އެވެ.
ކޮވިޑް-19 އިން ރައްކާތެރިވާން އެޅި ފިޔަވަޅުތަކާ ގުޅިގެން ދަތުރުފަތުރުކުރުމުގައި ދަތިތަކެއް ކުރިމަތިވެފައިވާތީ، ބޭސްފަރުވާ އަށް އާންމުކޮށް މާލެ އަންނަ މީހުން ފަހަކަށް އައިސް ފަރުވާ ހޯދަނީ އެހެން ރަށްރަށުންނެވެ. ގއ. އަތޮޅުގެ ރައްޔިތުން ވެސް މާލެ ދިއުމުގެ ބަދަލުގައި މިހާރު ދަނީ ފުވައްމުލަކު ހޮސްޕިޓަލަށް ކަމަށް ނިޖާހު ވިދާޅުވި އެވެ. މި ކަން ވެސް މިހާރަށް ވުރެ ފަސޭހައިން ހަމަޖައްސައިދެވޭނެ އިންތިޒާމާ ގުޅޭ ގޮތުން އެ ކޮންފަރެންސްގައި މަޝްވަރާކުރެއްވި ކަމަށް ނިޖާހު ވިދާޅުވި އެވެ.
"ހޮސްޕިޓަލާ ގުޅިގެން ކުރިއާލައި އެޕޮއިންޓްމަންޓް ހަދައި، ފަސޭހައިން ދަތުރުކުރެވޭނެ ގޮތް ހަމަޖައްސަން މި މަސައްކަތް ކުރަނީ،" އޭނާ ވިދާޅުވި އެވެ.
ނިޖާހު ވިދާޅުވިގޮތުގައި، އެއްބަސްވުމުގައި ވާ ކަންތައްތައް ކުރިއަށްދާ ގޮތް ބަލަން ކޮންމެ މަހަކު ކައުންސިލްތަކުން ބައްދަލުވުމެއް ބާއްވާނެ އެވެ.